ޢަލީ އިޙްޞާން ފިރާޤް
مالك عليه السّلام- ނަރަކައިގެ ބަނޑޭރި
މާލިކުގެފާނަކީ ނަރަކައިގެ ކަންތައްތައް ބެލެހެއްޓުމާ ޙަވާލުވެވަޑައިގެން ހުންނަވާ އެންމެ އިސް މަލާއިކަތާއެވެ. އެއީ ނަރަކައިގެ ބަނޑޭރިއެވެ. މިފަދައިން ތަފްސީރުލް ޤުރްތުބީ އާއި ތަފްސީރުލް ޖަލާލައިނީގައި ބަޔާންކުރައްވައިފައިވެއެވެ.
މާލިކު ޢަލައިހިއްސަލާމް ނުވަތަ މާލިކުގެފާނުގެ ވާހަކަ ޒުޚުރުފު ސޫރަތުގެ 77 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.
وَنَادَوْا يَا مَالِكُ لِيَقْضِ عَلَيْنَا رَبُّكَ ۖ قَالَ إِنَّكُم مَّاكِثُونَ ﴿٧٧﴾
މާނައީ: [އެއުރެން ގޮވާނެތެވެ. އޭ مالك ގެފާނެވެ! ތިމަންމެން މަރުގެންނެވުމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ދަންނަވައިދެއްވާށެވެ! އެކަލޭގެފާނު ވިދާޅުވާނެތެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނީ (عذاب ގައި) ދެމިތިބޭނޭ ބަޔެކެވެ]
سمرة بن جندب ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘްފުޅު ކުރެއްވިއެވެ.
رَأَيْتُ اللَّيْلَةَ رَجُلَيْنِ أَتَيانِي قالا الذي يُوقِدُ النّارَ مالِكٌ خازِنُ النّارِ، وأَنا جِبْرِيلُ وهذا مِيكائِيلُ { البخاري (ت ٢٥٦)، صحيح البخاري ٣٢٣٦}
މާނައީ: [ރޭގައި ތިމަންކަލޭގެފާނުގެ އަރިހަށް ދެބޭކަލަކު ވަޑައިގެންނެވި ތަން ތިމަންކަލޭގެފާނު ދެކެވަޑައިގެންނެވީމެވެ. އޭގެ ތެރެއިން އެއްބޭކަލަކު ވިދާޅުވިއެވެ. ނަރައިގެ އަލިފާންގަނޑު ރޯކުރައްވާ ބޭކަލަކީ މާލިކުގެފާނެވެ. ނަރަކައިގެ ބަނޑޭރިއަކީ އެކަލޭގެފާނެވެ. ތިމަންކަލޭގެފާނަކީ ޖިބްރީލުގެފާނެވެ. އަދި މިހުންނެވީ މީކާއީލުގެފާނެވެ.]