ޢަލީ އިޙްޞާން ފިރާޤް
الامام ابن جرير الطبرى، ނާފިޢުގެ އަރިހުން ރިވާކުރައްވައިފައިވެއެވެ. ނާފިޢު ވިދާޅުވިއެވެ. އަހަރެން ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހު އާއެކު ދަތުރެއްގައި ނުކުތީމެވެ. ރޭގަނޑުގެ ފަހުބަޔަށް އެޅުމުން ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. [އޭ ނާފިޢުއެވެ! ރަތްތަރި އަރައިފިތޯ ބަލައިބަލާށެވެ!] ތިމަން ދެފަހަރު ނުވަތަ ތިންފަހަރު ނޫނެކޭ ދެންނެވީމެވެ. ދެން އޭގެ ފަހުން އެތަރި އެރުމަށްފަހު އެތަރި އަރައިފިއޭ ތިމަން ދެންނެވުމުން އެކަލޭގެފާނު ވިދާޅުވިއެވެ. [އެތަރިއަށް އެއްވެސް އުފާވެރިކަމެއް ނުވެއެވެ.]
ނާފިޢު ވިދާޅުވިއެވެ. ދެން އަހަރެން ދެންނެވީމެވެ. [މާތްالله ގެ ހުސްޠާހިރުވަންތަ ކަމާއެވެ! އެއީ ކިޔަމަންތެރި ކުރެވިފައިވާ ތަރިއެކެވެ.] ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. އަހަރެން މިދެންނެވީ ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނުންގެ އަރިހުން އަޑުއެއްސެވި ގޮތަށެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.
[ހަމަކަށަވަރުން މަލާއިކަތުން ދެންނެވިއެވެ. އޭ ތިމަންމެންގެ ވެރި ރަސްކަލާކޮ! އާދަމުގެފާނުންގެ ދަރިން ބިމުގައި އެވަރަށް ފާފަތައްކުރާ އިރުވެސް އިބަރަސްކަލާނގެ އެމީހުން އެގޮތަށް (އެއްވެސް ޢަޛާބެއް ނުދެއްވައި) ދޫކޮށްލައްވަނީ ކިހިނަކުންތޯއެވެ؟]
އެހިނދު މާތް ﷲ އެންގެވިއެވެ. [ތިމަން ﷲ އެމީހުން އިމްތިހާނު ކުރައްވާ ފަދައިން ތިޔަބައިމީހުން އިމްތިޙާނެއް ނުކުރައްވަމެވެ.] އެހިނދު މަލާއިކަތުން ދެންނެވިއެވެ. [އާދަމުގެދަރީން އުޅޭގޮތަށް ތިމަންމެނަށް އުޅެންޖެހުނު ކަމުގައިވިޔަސް ތިމަންމެން އިބަރަސްކަލާނގެއަކަށް ނުއުރެދުނީމުހެވެ.] ދެން މާތް ﷲ އެންގެވިއެވެ. [ތިޔަ ބޭކަލުންގެ ތެރެއިން ދެބޭކަލަކު ޢައްޔަން ކުރާށެވެ.] ދެން އެބޭކަލުން އިޚްތިޔާރު ކުރެއްވީ ހާރޫތާއި މާރޫތެވެ.
ދެން ހާރޫތާއި މާރޫތު ބިމަށް ފައިބާ ވަޑައިގެންފިއެވެ. އެހިނދު މާތް ﷲ އެދެބޭކަލުންގެ ހަށިގަނޑުގައި ޝަހްވާނީ އެދުންވެރިކަން ލެއްވެވިއެވެ. ދެން އެބޭކަލުންގެ އަރިހަށް زهرة ކިޔާ އަންހެނަކުއައެވެ. އެދެބޭކަލުންނަށް އެއަންހެނާ ދެކެ ލޯބިވެވުނެވެ. އެކަން އެއްބޭކަލަކު އަނެއް ބޭކަލަކަށް ވަންހަނާކުރެއްވިއެވެ. ދެން އޭގެ ތެރެއިން އެއްބޭކަލަކު އަނެއް ބޭކަލަކަށް ވިދާޅުވިއެވެ. [ތިމަންގެ ހިތުގައި ހިނގިކަންތައް ތިބާގެ ހިތުގައިވެސް ހިނގިތޯއެވެ؟] އެބޭކަލަކު އާދޭހޭ ދެންނެވިއެވެ. ދެން މިދެބޭކަލުން އެ އަންހެނާއާ ގޯސްކަންތައް ކުރުމަށް އެދިވަޑައިގަތެވެ. އެ އަންހެނާ ދެންނެވިއެވެ. [ތިޔަ ދެބޭކަލުންނަށް އެކަމެއް ކުރެވޭހުށީ ތިޔަ ދެބޭކަލުން އުޑަށްއަރާ ވަޑައިގަތުމަށް ވިދާޅުވާ ކަލިމަފުޅު ތިމަންނައަށް ވިދާޅުވެދެއްވުމުންނެވެ.] އެކަމަށް އެދެބޭކަލުން އިންކާރު ކުރެއްވިއެވެ.
އިމާމު އަޙްމަދުގެ ރިވާޔަތުގައި އަންނަނިވި ފަދައިންވެއެވެ. އެއަންހެނާ އެބޭކަލުންގެ އަރިހުން އެދުނީ މާތް ﷲ އަށް ޝިރްކު ކުރުމަށެވެ. އެކަމަށް އެދެބޭކަލުން އިންކާރު ކުރެއްވިއެވެ. ދެން އަނެއްކާވެސް އެދެބޭކަލުން އެއަންހެނާގެ ކިބައިން އެކަން ކުރުމަށް އެދިވަޑައިގަތުމުން އެ އަންހެނާ ދެންނެވިއެވެ. [ތިކަމެއް ކުރެވޭހުށީ މިކުޑަކުއްޖާ ޤަތުލުކޮށްލުމުންނެވެ.] އެހިނދު އެދެބޭކަލުން ދެންނެވިއެވެ. [ތިކަމެއް އެއްގޮތަކަށްވެސް ނުވާހުއްޓެވެ.] ދެން އެއަންހެނާ ގޮސް އައީ ރާތަށްޓެއް ހިފައިގެންނެވެ. ދެން އެދެބޭކަލުން އަނެއްކާވެސް އެދިވަޑައިގަތުމުން އެއަންހެނާ ދެންނެވިއެވެ. [ތިކަމެއްކުރުމަށް އެއްބަސްވެވޭނީ މިރާފޮދު ހިއްޕެވުމުންނެވެ.] ދެން އެދެބޭކަލުން އެރާފޮދު ހިއްޕެވިއެވެ. އޭގެސަބަބުން މަސްތުވެ ވަޑައިގަތެވެ. ދެން އެދެބޭކަލުން އެ އަންހެނާއާ ޒިނޭކޮށް އެ ކުޑަކުއްޖާވެސް ޤަތުލުކޮށްލިއެވެ. އަދި އެބޭކަލުން އުޑަށް އަރާވަޑައި ގަތުމަށް ވިދާޅުވާ ކަލިމަފުޅުވެސް ވިދާޅުވިއެވެ. ދެން އެއަންހެނާ ކަލިމަ ކިޔައި މައްޗަށް އެރުމުން، މާތް الله އެއަންހެނާ ޒުހްރާއެވެ ކިއުނު ތަރިއަށް ބަދަލުކުރެއްވިއެވެ.
ދެން އެދެބޭކަލުންގެ ކިބައިން މަސްތުވުން ފިލައި ދިޔުމުން އެ އަންހެނާ ދެންނެވިއެވެ. [އެކަންތަކެއް ކުރުމަށް ތިޔަ ދެބޭކަލުން އިންކާރުކުރެއްވި ހުރިހާ ކަމެއްވެސް ކުރައްވައިފީމުއެވެ.] ދެން މާތް ﷲ އެ ދެބޭކަލުންނަށް ދުނިޔޭގެ ޢަޛާބު އާއި އާޚިރަތުގެ ޢަޛާބުންކުރެ ކޮންމެވެސް އެއްޢަޛާބެއް އިޚްތިޔާރު ކުރެއްވުމަށް އެންގެވުމުން އެދެބޭކަލުން ދުނިޔޭގެ ޢަޛާބު އިޚްތިޔާރު ކުރެއްވިއެވެ.
މި ރިވާޔަތް މިތަނުގައި މި ނަކަލުކުރީ ޑރ ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން ދަރުމަ މަޖައްލާއަށް ލިޔުއްވި ޤުރްއާން ތަފްސީރުންނެވެ. މިވާހަކަ ދިވެހިރާއްޖޭގެ އެހެން ޢިލްމުވެރިއެއްވެސް ދިވެހި ބަހަށް ތަރުޖަމާ ކުރައްވައިފައިވެއެވެ. އެއީ މަޝްހޫރު އުސްތާޒުއްޖީލު މުޙައްމަދު ޖަމީލުދީދީއެވެ. އެދެބޭފުޅުންމެ މި ވާހަކަތަތަކީ ބާތިލުވާހަކަތަކެއްކަމަށް ލިޔުއްވައިފައިވެއެވެ. ވީމާ ތިމާގެ ޢަޤީދާ ބާތިލު ވާހަކަތަކުން ރައްކާތެރި ކުރުން ހުއްޓެވެ.