ގިނަ ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހެން މެދުވެރިވާ އެންމެ ބޮޑު އެއްސަބަބަކީ ހިތްހަމަނުޖެހޭ ޒާތުގެ ކަމެއް މެދުވެރިވުމުން ރުޅިއައިސްގެން ވާހަކަދެއްކުމެވެ. ރުޅިއައިސްގެން ވާހަކަދައްކާއިރު ގިނަ ފަހަރަށް ނުކުރެވޭ އެއްކަމަކީ އަނެކާ ދައްކާ ވާހަކަތައް އަޑުއަހަން ކެތްތެރި ނުވެވުމެވެ. މިއީ ވަރަށް ދެރަކޮށް މެދުވެރިވާ ކަމެކެވެ.
ކިތަންމެ ބޮޑަށް ހިތްހަމަނުޖެހުނަސް، ރުޅިއަޔަސް އަނެކާ ދައްކާ ވާހަކަތައް އަޑުއަހަންވާނެއެވެ. ބޭނުން ވާހަކައެއް ދައްކަން ފުރުޞަތުދޭންވެސް ވާނެއެވެ.
ޝަރީޢަތުގެ މަޖިލިސްތަކަށް ވިސްނާށެވެ. ކިތަންމެ ބޮޑު ކުށްވެރިއެއް ނަމަވެސް އޭނާގެ ދިފާޢުގައި ވާހަކަ ދައްކަން ފުރުޞަތުދޭނެއެވެ. ކަނޑައެޅިގެން ދޮގުހަދާކަން އެނގޭއިރުވެސް ފުރުޞަތުދޭނެއެވެ. ފަނޑިޔާރު ކުރާނެ ކަމަކީ ދައްކާ ދޮގުވާހަކަތައް ބަލައިނުގަތުމެވެ. އެއީ އެއްވެސް ބުރަދަނެއް ނެތް ވާހަކަތަކެއްގެ ގޮތުގައި އަޅައިވެސް ނުލައި ދޫކޮށްލުމެވެ.
ދެމަފިރިންގެ މެދުގައިވެސް ޢަމަލުކުރަންޖެހޭނީ އެގޮތަށެވެ. ކުށްކޮށްގެން ހުރިކަން ޔަޤީންވިޔަސް އަދި ދޮގުހަދާކަން އެނގުނަސް ވާހަކަ ދައްކަން ފުރުޞަތުދޭށެވެ. ވާހަކަތައް އަޑުއަހާފައި ގޮތްނިންމާނީއެވެ.
މިޘާލަކަށް އަނެކާހުރީ ކުރެވުނު ކުށް ޤަބޫލުކޮށް އިޞްލާޙްކޮށް ކުރިއަށްވުރެ މާރަނގަޅަށް އުލެންކަމަށްވެސް ވެދާނެއެވެ. އެކަން އޭނާއަށް ބަޔާންކޮށްދެވޭނީ ވާހަކަ ދައްކާނެ ފުރުޞަތުދިނީމައެވެ.
މިކަންކަމަށް ދެމަފިރިންވެސް ވިސްނާނަމަ ވަރަށް ގިނަ ފަހަރު ރަނގަޅު ޙައްލުތައް ހޯދޭނެއެވެ. ކައިވެނި ރޫޅާލަންޖެހޭ ހިސާބަށް ކަންކަން ނުގޮސް ޞުލްޙަވެރި ޙައްލެއް ހޯދޭނެއެވެ. އިން ޝާ ﷲ
- ޑރ. ޢަބްދުﷲ