ތިއަކަނަބަލުންގެ ޢިއްޒަތް މަތިކުރެވެން އޮތީ ހަމަ ތިއަ ކަނބަލުން އެކަމަށް ހޭލުންތެރިވެގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
ތިއަކަނަބަލުންގެ ޢިއްޒަތް މަތިކުރެވެން އޮތީ ހަމަ ތިއަ ކަނބަލުން އެކަމަށް ހޭލުންތެރިވެގެން!

ޝައިޠޯނާ އަބަދުވެސް މަސައްކަތްކުރާނީ ހަމަ އެކަކުވެސް ސަލާމަތްވިއަނުދީ އެންމެން ގޮވައިގެން ނަރަކަށް ވަނުމަށެވެ. ދުނިޔެ ފެށުނީންސުރެ ޝައިޠޯނާ ކުރަމުން އަންނަ މަސައްކަތަކީ މީހުން މަގުފުރެއްދުން ކަމަށްވުމުން ޝައިޠޯނާ އެހުރީ އެކަމަށް ވަރަށް މޮޅުވެގެންނެވެ. ފާފައަކަށްވާނެ ކޮންމެ ކަމެއް ވަރަށް ފުރިހަމައަށް ޒީނަތްތެރިކޮށްފައި ދައްކާނެއެވެ.

ގިނަ އަދަދެއްގެ އަންހެނުން މަގުފުރެދިފައިވާ ވާހަކަ އާއި މަގުފުރެދެމުންދާ ވާހަކަ ވަރަށް ގިނަ ފިރިހެނުން ދައްކައެވެ. މިފަދަ ވާހަކަތައް ދައްކާ މީހުން އެއްވެސް ޙާލެއްގައި އެކަމުގައި ފިރިހެނުންގެ ޒިންމާ އޮންނަވަރާއިމެދު ވިސްނައެއް ނުލައެވެ. އަންހެނުންނާއިމެދު ކަންތައް ކުރެވޭ ގޮތާއިމެދު ވެސް ވިސްނައެއް ނުލައެވެ.

މަގުފުރެދޭ އަންހެނުންގެ ޢަދަދު ގިނަވާ ވާހަކަ ދެއްކުމަކީ ފިރިހެނުންނަށް ލަދުވެތި ކަމެކެވެ. އެހެނީ ގިނަ އަންހެނުންނަށް އެޙާލަތު ކުރިމަތިވަނީ އެކަނބަލުންގެ ޞަޢީފް ކަމަށް ނުބަލައި ފިރިހެނުން އެކަނބަލުންގެ ކިބައިން ނާޖާއިޒު ފައިދާ ނަގާތީއެވެ! ފުރަތަމަ ހުއްޓާލަންވީ އެކަމެވެ!

މަގުފުރެދިގެން ދިއުމަކީ ވަކި ޖިންސަކަށް ޚާއްޞަ ކަމެއް ނޫނެވެ. ވީމާ އަންހެނުންގެ ތެރޭގައިވެސް އެމީހުން އަމިއްލައަށް ބޭނުންވެގެން ނުބައި މަގު އިޚްތިޔާރުކުރާ ބައަކުވެސް އުޅޭނެއެވެ! ނަމަވެސް ޙަޤީޤަތަށް ބަލައިފިނަމަ ގިނަ އަންހެނުންނަށް މަގު އޮޅުވައިލަނީ ފިރިހެނުންނެވެ.

ބައެއްފަހަރު އަމިއްލަ ޢާއިލާތެރެއިންނެވެ. ވަޒީފާގެ މާހައުލުގައެވެ. އެކަނބަލުންނަށް އެހީތެރިވުމުގެ ނަމުގައި ކުރާ ކަންކަމުގައެވެ. އެނޫންވެސް ގޮތްގޮތުންނެވެ! އަންހެނުންގެ ބޭނުންކޮށްފައި ދޫކޮށްލުން މިއަދު ވެފައިވަނީ ފެންބޮއިފައި ފުޅި އެއްލައިލުން ފަދަ ކަމަކަށެވެ!

އެގޮތަށް އެކަން ކުރުމުން އެކަނބަލުންގެ ހާލަތު ހަމަ ޙަޤީޤަތުގައިވެސް ވެއްޓިގެންދަނީ ހަމަ އެއްލައިލެވޭ ފުޅީގެ ދަރަޖައަށެވެ! ބައެއް މީހުން އެއީ ފައިފުހީގެ ދަރަޖަކަމަށްވެސް ސިފަކޮށްފާނެއެވެ. ފައިފުހެލީމާ އެނިމުނީއެވެ. އެތެރެއަށް ވަދެވޭ ހިސާބުން ފައިފުހީގެ ބޭނުން ކެނޑިގެންދިއައީއެވެ.

މައްސަލައިގެ ޙައްލު އޮތީ ވެސް ހަމަ އެކަނބަލުންގެ އަތުގައެވެ. ކޮންމެ ފަދަ ހުވަފެނެއް ދެއްކި ނަމަވެސް، ކިތަންމެ ބޮޑު މުސާރަ ލިބޭ ވަޒީފާއެއް ލިބެން އޮތް ނަމަވެސް ކިތަންމެ ބޮޑު ޕްރަމޯޝަނެއް ލިބެން އޮތް ނަމަވެސް ޢިއްފަތްތެރިކަން ޤުރްބާން ނުކުރާށެވެ! އެކަން ކުރެވޭ ހިސާބުން ތިއަ ލޮބުވެތި ކަނބަލުން ބަދަލުވެގެންދަނީ ހަމަ ފެންބޮޔެފައި އެއްލައިލެވޭ ހުސްފުޅިއަށެވެ.

ވަޒީފާ އާއި ޕްރަމޯޝަނާއި ދުނިޔަވީ ކޮންމެ ނިޢްމަތެއް ފަހުން ވެސް ހޯދިދާނެއެވެ! އެހެން ކުންފުންޏަކުން ނުވަތަ އެހެން ތަނަކުން ވެސް ހޯދިދާނެއެވެ! ނަމަވެސް ދޫކޮށްލައިފި ޢިއްފަތްތެރިކަމެއް އަނބުރައެއް ނުލިބޭނެއެވެ! އެއީ ހަމަ އެންމެ ފުރުޞަތެކެވެ! ފުރުޞަތު ދޫކޮށްލައިފިނަމަ ޢަބުރަށް ލިބޭ ގެއްލުން އަނބުރައި އިޢާދައެއް ނުކުރެވޭނެއެވެ!

ވީމާ ކޮންމެ އުޚުތަކުވެސް ބިރުވެތިވާންވީ ﷲ ތަޢާލާއަށެވެ! ﷲ ތަޢާލާ އަނގަވާފައިވާ ގޮތުގައި ސާބިތުވާށެވެ! ދެ ދުނިޔެ ކާމިޔާބުކުރުމަށްވެސް އޮތް ޙައްލަކީ ހަމަ އެއީއެވެ. ބޮސްގެ ކޮޓަރި ކިތަންމެ "ސޭފް" ކަމަށް ޤަބޫލުކުރެވުނަސް އެކޮޓަރީގައި ހިންގާ ހުރިހާ ކަންކަން ﷲ ތަޢާލާ ހަމަ ބައްލަވައި ވޮޑިގެންވާކަން ޔަޤީންކުރާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން