ފިރިހެނުން ހަދާ އެންމެ ބޮޑު ދޮގަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ ވަރަށް ގިނަ ޖަވާބުތައް ދޭނެއެވެ. އަހުރެން މިބުނަނީ ފިރިހެނުން ހަދާ އެންމެ ބޮޑު ދޮގުކަމަށް އަހުރެން ޤަބޫލުކުރާ ދޮގެވެ. އެބޮޑު ދޮގާއިމެދު ނުވިސްނާތީ ގިނަ އަންހެނުނަތަކަކަށް ނަރަކައަށް ވަންނަންޖެހޭނެ ކަމަށް އަހުރެން ޤަބޫލުކުރާ ދޮގެވެ.
އެބޮޑު ދޮގަކީ ކޮބައިކަމަށް ހެއްޔެވެ؟ އެބޮޑު ދޮގަކީ އަހުރެން މިއުޅެނީ ތިބާއާއި ކައިވެނިކޮށް ތިބާ ގޮވައިގެން ސުވަރުއަށް ވަންނަން ކަމަށް ބުނެފައި ކައިވެނިނުކޮށް ގޮވައިގެން އެނދަށްއަރާ މައްސަލައެވެ. އަހުރެންނަށް ވިސްނޭ ގޮތުން މިއަށްވުރެ ވަކިން ބޮޑު ދޮގެއް އެއްވެސް ފިރިހެނަކަށް ނުހެދޭނެއެވެ.
ލޮބުވެތި ކަނބަލުންނޭވެ! ތިއަ ކަނބަލުންގެ ކަރާމާތް ހިފެހެއްޓުމަކީ ތިއަ ކަނބަލުންގެ ކަމެކެވެ. ޢިއްފަތްތެރި ޠޯހިރު އަންހެނެއްގެ ގޮތުގައި ކައިވެނިކުރުމަކީވެސް ހަމަ ތިއަ ކަނބަލުންގެ ކަމެކެވެ. ދެންމެ މިބުނި ޒާތުގެ ބޮޑެތި ދޮގުތަކުގެ ޝިކާރައަކަށްނުވެ ދުނިޔޭގެ ޙަޔާތް ނިންމައި ﷲ ތަޢާލާގެ ޙަޟްރަތަށް ދަތުރުކުރުމަކީވެސް ހަމަ ތިއަ ކަނބަލުންގެ ކިބައިގައި، ނުވަތަ ތިއަ ކަނބަލުންގެ އަތުގައި އޮތްކަމެކެވެ.
ކުރިން މިބުނިފަދައިން ތިމާ މިއުޅެނީ ތިބާއާއި ކައިވެނިކޮށް ތިބާ ގޮވައިގެން ސުވަރުއަށް ވަންނަން ކަމަށް ބުނެފައި ކައިވެނިނުކޮށް ގޮވައިގެން އެނދަށްއަރަން އުޅެފިނަމަ އޭނާއަކީ ހީލަތްތެރި ޝައިޠޯނެއްކަން އެއޮތީ ކިތަންމެ ރަނގަޅަކަށްވެސް ޘާބިތުވެފައެވެ. އެހިސާބުން ރަތްކާޑު ދައްކައި ބޭރުކުރަންޖެހޭނެއެވެ. ރަތް ދިދަ ނަގައި އެދިދަ ފެންނަ ހަމައަށް ކައިރިނުވާންވެސް އަންގަންޖެހޭނެއެވެ.
އަހުރެންނަށް ދެވޭނީ ނަޞޭހަތެވެ. ޤަބޫލުކޮށް ޢަމަލުކުރުން އޮތީ ތިއަ ކަނބަލުންގެ އަތްމަތީގައެވެ.
- ޝައިޚް މުޙައްމަދު ޙޮބްލޮސްގެ ދަރުސަކުން