ޢާއިޝަތު ރަފާޙް ޢަލީ
ގެއަށް ބަރަކާތް ލިބޭ ސަބަބުތަކުގެ ތެރެއިން މިލިޔުމުގައި ބަލާލާނީ ބަޤަރާ ސޫރަތް ކިޔެވުމުގެ މުހިއްމުކަމަށެވެ.
ބަޤަރާ ސޫރަތް ކިޔެވުމުގައި ގިނަ މުއްދަތަކަށް ދެމިހުރެއްޖެނަމަ އުފާވެރިކަން ލިބިގެންދެއެވެ.
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.
«اقْرَءُوا سُورَةَ الْبَقَرَةِ، فَإِنَّ أَخْذَهَا بَرَكَةٌ، وَتَرْكَهَا حَسْرَةٌ، وَلَا تَسْتَطِيعُهَا الْبَطَلَةُ»
މާނައީ: "ތިޔަބައިމީހުން ބަޤަރާ ސޫރަތް ކިޔަވާށެވެ. ފަހެ، ހަމަކަށަވަރުން އެސޫރަތް ކިޔެވުމަކީ ބަރަކާތެކެވެ. އަދި ނުކިޔަވާ ދޫކޮށްލުމަކީ ގެއްލުމެކެވެ. އަދި ސިޙުރުވެރިންނަށް އެސޫރަތް ކިޔަވާ މީހެއްގެ މައްޗަށް ގަދަ ނުވެވޭހުއްޓެވެ."
ބަޤަރާ ސޫރަތުގައި ވަރަށް ގިނަ ވާހަކަތައް އެކުލެވިގެންވެއެވެ. އޭގެ ތެރޭގައި ބަނީ އިސްރާއީލް މީހުންގެ ވާހަކައާއި، މޫސާގެފާނުގެ ވާހަކަ އާއި އިންސާނުން އުފެއްދެވުމުގެ ވާހަކަ ގެންނަވާފައިވެއެވެ. މީގެ އިތުރުން އިސްލާމީ ޢަޤީދާގެ އުޞޫލްތަކާއި، އެއްކައުވަންތަކަމުގެ ދަލީލުތަކާއި، އަލުން ދިރުއްވުމުގެ ވާހަކަވެސް މި ސޫރަތުގައި ބަޔާން ކުރައްވާފައިވެއެވެ.
އަދި އިސްލާމީ ޝަރީޢަތުގެ ޙުކުމްތައްވެސް ބަޔާންކޮށް ދެއްވާފައިވެއެވެ. އޭގެ ތެރޭގައި، އަޅުކަމުގެ ޙުކުމްތައް، ވަރި، ކައިވެނި، ރުޖޫޢަ، އަދިވެސް މިފަދަ އާއިލީ މައްސަލަތަކުގެ ޙުކުމްތަކާއި މާލީ މުޢާމަލާތްތަކާއި ގުޅޭ ޙުކުމްތަކާއި އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ޙުދޫދުތައް ގެނެސްދެއްވާފައިވެއެވެ.
ބަޤަރާ ސޫރަތް ކިޔެވުމުން ރިޒްޤު ތަނަވަސްވެގެންދެއެވެ.
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.
((لاَ تَجْعَلُوا بُيُوتَكُمْ مَقَابِرَ إِنَّ الشَّيْطَانَ يَنْفِرُ مِنَ الْبَيْتِ الَّذِى تُقْرَأُ فِيهِ سُورَةُ الْبَقَرَةِ))
މާނައީ: "ތިޔަބައިމީހުންގެ ގޯތިގެދޮރު ޤަބުރުސްތާނުތަކަކަށް ނަހަދާށެވެ. ހަމަކަށަވަރުން އެގެޔެއްގައި ބަޤަރާ ސޫރަތް ކިޔެވޭ ގެއެއްގެ ކިބައިން (އެގެއަކާ ދުރަށް ދުވެ) ޝައިޠާނާ ފިލައެވެ."
ބަޤަރާ ސޫރަތް ކިޔެވުމުން ނުވަތަ އަޑު އެހުމުން ޝައިޠާނާ ފައްސާލުމަށް އެހީއަކަށް ވެގެންދެއެވެ.
ކީރިތި ޤުރްއާނުގައިވާ އެންމެ ދިގު އާޔަތްވެސް އަދި އެންމެ މަތިވެރި އާޔަތްވެސް ހިމެނިގެންވަނީ ބަޤަރާ ސޫރަތުގައެވެ.