އިސްލާމް ދީނުގައި އެކަމެއް ކުރަން ބަޔާންވެގެންވާ ކޮންމެ ކަމެއް ކުރަންވެސް ބަޔާންވެގެންވަނީ އެކަމެއް ކުރުމުން ކުރާނެ ގިނަ ގުނަ ފައިދާތަކެއް ހުރުމުންނެވެ. އެގޮތުން މުސްލިމުން ކުރަން އޮތް އެއްކަމަކީ ކޮންމެ ހުކުރު ދުވަހަކު ކަހްފި ސޫރަތް ކިޔެވުމެވެ. އެކަމުން ލިބޭނެ އެންމެ ބޮޑު އެއް ފައިދާއަކީ ނުރައްކައުތެރިކަން އިންތިހާއަށް ގޮސްފައިވީނަމަވެސް ﷲ ތަޢާލާގެ މަގުގައި ޘާބިތުވާން މަސައްކަތްކޮށްފި ކޮންމެ މީހަކަށް ﷲ ތަޢާލާ ރައްކައުތެރިކަން މިންވަރުކުރައްވަވާނެ ކަމެވެ.
އެޒުވާނުން ހޮހޮޅައަށް ވަނީ އަނިޔާވެރި ވެރިއެއްގެ ކިބައިން ސަލާމަތްވުމަށެވެ. އެނުބައި ނުލަފާ އަނިޔާވެރިޔާއަށް އަމާން ނުދީ ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ތިބުމަށެވެ. ހޮހޮޅައިގައި ތިބެ އެޒުވާނުން ﷲ ތަޢާލާއަށް ދެންނެވީ މިފަދައިންނެވެ.
"އެ ޒުވާނުން، އެ ހޮހަޅަޔަށް ވަންހިނދު، ހަނދުމަކުރާށެވެ! ފަހެ، އެ ޒުވާނުން ދެންނެވޫއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ ޙަޟްރަތުން އަޅަމެންނަށް ރަޙްމަތެއް ދެއްވާނދޭވެ! އަދި އަޅަމެންގެ ކަންތަކަށް ސީދާގޮތެއް އަޅަމެންނަށް ފަހިކޮށްދެއްވާނދޭވެ"
(އަލް ކަހްފް: 10)
ނަތީޖާޢަކީ ކޮބައިހެއްޔެވެ؟
"ފަހެ، ހޮހަޅައިގައި އެތައް އަހަރެއްވާނދެން، ތިމަންރަސްކަލާނގެ އެއުރެން ގަދަނިއްޖެއްގައި ބައިތިއްބެވީމެވެ."
"ދެން ތިމަންރަސްކަލާނގެ އެއުރެން (ނިދީން ހޭލައްވައި) އަލުން ފޮނުއްވީމެވެ. (އެއީ) އެއުރެން (ނިދާފައި) ތިބި މުއްދަތު އެންމެ ހަމަޔަށް ހިމަނަނީ، ދެބައިމީހުންކުރެ ކޮންބަޔެއްކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވާކަން ހާމަކުރެއްވުމަށެވެ."
"ތިމަންރަސްކަލާނގެ، ކަލޭގެފާނަށް އެއުރެންގެ ޚަބަރު ތެދަށް ކިޔައިދެއްވަމެވެ. ހަމަކަށަވަރުން، އެއުރެންނީ އެއުރެންގެ ވެރިރަސްކަލާނގެއަށް އީމާންވެ، އެއުރެންނަށް، ތިމަންރަސްކަލާނގެ ތެދުމަގު އިތުރުކުރައްވާފައިވާ ޒުވާން ފިރިހެނުން ތަކެކެވެ"
"އަދި އެއުރެން ތެދުވެ، ތިމަންމެންގެ ވެރިރަސްކަލާނގެއީ، އުޑުތަކާއި ބިމުގެ ވެރިރަސްކަލާނގެއޭ، ތިމަންމެން އެކަލާނގެނޫން އިލާހަކަށް އަޅުކަމެއް ނުކުރާނޫއޭ ބުނިހިނދު، ތިމަންރަސްކަލާނގެ އެއުރެންގެ ހިތްތަކަށް ގަދަކަން ދެއްވީމެވެ. (އެނޫން ގޮތަކަށް ތިމަންމެން ބުނެފިނަމަ) ތިމަންމެން އޭރުން އެބުނީ، އަނިޔާވެރިކަމާއި، ކުފުރުގެ ނިހާޔަތަށް ގޮސްފައިވާ ބަހެއްކަން ކަށަވަރެވެ."
"މިތިބީ އެކަލާނގެ ފިޔަވައި އަޅުކަންކުރުމަށް އިލާހުން ތަކެއް ހަދައިގެންތިބި، އަހަރެމެންގެ ޤައުމުގެމީހުންނެވެ. (އެ ބުދުތަކަށް އަޅުކަންކުރުމަށް) ފާޅުވެގެންވާ ޙުއްޖަތެއް، އެއުރެން ނުގެންނަނީ ކީއްވެގެންހެއްޔެވެ؟ ﷲއާމެދު ހަދައިގެން ދޮގެއްބުނި މީހަކަށްވުރެ، އަނިޔާވެރިކަންބޮޑު މީހަކީ ފަހެ ކާކުހެއްޔެވެ؟"
"(އެ ޒުވާނުން އެއްބަޔަކު އަނެއްބަޔަކަށް ބުނޫއެވެ.) ތިޔަބައިމީހުން އެއުރެންނާ ވަކިވެ، އަދި ﷲ ފިޔަވައި އެއުރެން އަޅުކަންކުރާ ތަކެއްޗާ ވަކިވެގަންނަހިނދު، ތިޔަބައިމީހުން ހޮހަޅައިގެ ހިޔާވަހިކަން ލިބިގަންނާށެވެ! އޭރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ، ތިޔަބައިމީހުންނަށް އެކަލާނގެ ރަޙްމަތް ތަނަވަސްކޮށްދެއްވައި، ތިޔަބައިމީހުންގެ ކަންތައް، ތިޔަބައިމީހުންނަށް ފަހިކޮށްދެއްވައި، ބޭނުންތައް ޙާޞިލު ކޮށްދެއްވާނެތެވެ."
"އިރުއަރައިގެން އަންނަހިނދު، އެއުރެންގެ ހޮހަޅައިގެ ކަނާތްފަރާތަށް، އިރު ލަނބާލައިގެންދާތީ، ތިބާއަށް ފެންނާނެތެވެ. އަދި އިރުއޮއްސެންދާހިނދު، ވާތްފަރާތަށް އެއުރެން ދޫކޮށް ފަހަނަޅައިދެއެވެ. އޭރު އެއުރެންވަނީ، ހޮހަޅައިގެ ތަނަވަސް ތަނެއްގައެވެ. އެކަންތައްވަނީ، ﷲގެ އާޔަތްތަކުގެތެރެއިންނެވެ. ﷲ ތެދުމަގު ދެއްކެވިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކީ ތެދުމަގު ލިބިފައިވާ މީހެކެވެ. އަދި އެކަލާނގެ މަގުފުރައްދަވައިފިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް ތެދުމަގު ދައްކާނޭ އެހީތެރިޔަކު ތިބާޔަކަށް ނުފެންނާނެތެވެ."
"އަދި އެއުރެން ނިދާފައި ތިބިއިރު، ތިބާޔަށް ހީވާނީ، ހޭލައިތިބި ބަޔެއްހެންނެވެ. އަދި ތިމަންރަސްކަލާނގެ އެއުރެން ކަނާތްފަރާތަށާއި، ވާތްފަރާތަށް ފުރޮޅުއްވަމެވެ. އަދި އެއުރެންގެ ކުއްތާ އޮތީ، އޭގެ ދެއަތް ދަމާލައިގެން (ހޮހަޅައިގެ) ދޮރުމަތީގައެވެ. އެއުރެންނަށް ތިބާ ބަލާލައިފިނަމަ، ހަމަކަށަވަރުން، ތިބާ އެއުރެންނާ ދުރަށްދުވެ ފިލާނެތެވެ. އަދި ހަމަކަށަވަރުން، ތިބާ އެއުރެންދެކެ ބިރުން ފިތްކަނޑައިގެން ހިނގައިދާނެތެވެ."
"އެފަދައިން ތިމަންރަސްކަލާނގެ އެއުރެން (ނިދިން ހޭލައްވައި) އަލުން ފޮނުއްވީމެވެ. (އެއީ) އެއުރެންގެ އެކަކު އަނެކަކާ ސުއާލު ކުރުމަށެވެ. އެއުރެންކުރެ ބުނިމީހަކު ބުންޏެވެ. ތިޔަބައިމީހުން (މިތާނގައި) ތިބީ، ކިތައްދުވަހުހެއްޔެވެ؟ އެއުރެން ބުނޫއެވެ. ތިމަންމެންތިބީ، އެއްދުވަހު، ނުވަތަ ދުވަހެއްގެ ބައެއްގައެވެ. އެމީހުން ބުނޫއެވެ. ތިޔަބައިމީހުންތިބި މުއްދަތެއް ދެނެވޮޑިގަތުންބޮޑީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުންގެ މިފައިސާ ހިފައިގެން ތިޔަބައިމީހުންކުރެ އެކަކު، ރަށުތެރެއަށް ފޮނުވައިބަލާށެވެ! އެމީހަކު އެންމެރަނގަޅު، ޙަލާލު ކާނާއެއް ބަލާހުށިކަމެވެ! އަދި އެއިން ކާއެތިކޮޅެއް ތިޔަބައިމީހުންނަށް ގެންނަހުށިކަމެވެ! އަދި އެމީހަކު ރައްކާތެރިކަމާއެކު، މަޑުމައިތިރިވެ އުޅޭހުށިކަމެވެ! އަދި އެއްވެސް މީހަކަށް ތިޔަބައިމީހުންގެ ޚަބަރު އެނގުނަދީގެން ނުވާނެއެވެ."
"ހަމަކަށަވަރުން، އެއުރެންނަށް ތިޔަބައިމީހުންގެ ޚަބަރު އެނގިއްޖެނަމަ، ގަލުން ތަޅައި، ތިޔަބައިމީހުން މަރައިފާނެތެވެ. ނުވަތަ އެއުރެންގެ ދީނަށް ތިޔަބައިމީހުން ވައްދައިފާނެތެވެ. އޭރުން، ތިޔަބައިމީހުން ދުވަހަކުވެސް ނުދިނޭނެތެވެ."
"އަދި ހަމައެފަދައިން، ތިމަންރަސްކަލާނގެ އެއުރެންނެރެ ދެއްކެވީމެވެ. އެއީ ﷲނގެ ވަޢުދުފުޅަކީ، ޙައްޤު ތެދުކަމާއި، ޤިޔާމަތް ދުވަހާމެދު ޝައްކެއް ނެތްކަން އެއުރެން ދެނެގަތުމަށެވެ. އެހިނދު، އެ ޒުވާނުންގެ ކަންތަކާމެދު އެއްބަޔަކު އަނެއްބަޔަކާ ޒުވާބުކުރެތެވެ. ފަހެ، އެއްބަޔަކު ބުނޫއެވެ. އެ ޒުވާނުންގެ ވަށައިގެން ބިނާއެއް ހަދާށެވެ! އެ ޒުވާނުންގެ ކަންތައް ދެނެވޮޑިގަތުންބޮޑީ، އެއުރެންގެ ވެރިރަސްކަލާނގެއެވެ. އެއުރެންގެ ކަންތަކުގެ މައްޗަށް ގަދަވެގަތްމީހުން ބުނޫއެވެ. ހަމަކަށަވަރުން، ތިމަންމެން އެ ޒުވާނުން ތިބިތާނގައި، މިސްކިތެއް ބިނާކުރާނީއެވެ."
(އަލް ކަހްފް: 11 އިން 22 އަށް)
ދެން ނިކަން ބުނެބަލާށެވެ! މިއަދުގެ ސައިންސް ނުވަތަ ފިޒިކްސް މިކަންކަމަށް ބުނާނީ ކީކޭހެއްޔެވެ؟ ނުކައި ނުބޮއި ބައަކު 300 އަހަރުވަންދެން ނިދާފައި ތިބެވޭނެ ގޮތެއް ދެއްކިދާނެ ހެއްޔެވެ؟
މިއަދުގެ ޒުވާނުންނޭވެ! ފާފަތަކާއި މުންކަރާތްތައް ތިއަބައިމީހުންގެ ވަށައިގެންވީނަމަވެސް ﷲ ތަޢާލާގެ މަގުގައި ޘާބިތުވާށެވެ! ކޮންމެ ހުކުރު ދުވަހަކު ކިޔަވަމުން މިގެންދާ މިއާޔަތްތައް ކިޔަވަން މިޖެހެނީ މިބުނި ޔަޤީންކަން ލިބިގަތުމަށެވެ. ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ތިބެއްޖެނަމަ ސަލާމަތާއި ރައްކައުތެރިކަން ދެއްވަވާނެކަމުގެ ޔަޤީންކަން ލިބިގަންނާށެވެ!
- މިއީ އިސްލާމް ދީނަށް ނަޞްރުދޭން މަސައްކަތްކުރާ ޒުވާނަކު ޢާންމުކޮށްފައިވާ ވީޑިއޯއެއްގެ ޚުލާޞާ ތަރުޖަމާއެކެވެ!