ސުވަރުގެ ދެއްވަވާނެ ކަމުގެ ޔަޤީންކަމުގަ ކައްވަޅުން ތެދުވަން ބޭނުންވާ މީހުން ޢަމަލުކުރަން އޮތް ގޮތް- ޤުރްއާނުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ސުވަރުގެ ދެއްވަވާނެ ކަމުގެ ޔަޤީންކަމުގަ ކައްވަޅުން ތެދުވަން ބޭނުންވާ މީހުން ޢަމަލުކުރަން އޮތް ގޮތް- ޤުރްއާނުން!

ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް އެދޭނެ ކަމަކީ އެމީހަކަށް ސުވަރުގެ ލިބުމެވެ. މުއްމިނުންގެ ހުރިހާވެސް އެދުމަކީ އެއީ ނޫންހެއްޔެވެ؟ ވީމާ ކޮންމެ މުއްމިނަކުވެސް ބޭނުންވާނީ ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓިހުންނައިރު އެއްވެސް ފާފައެއް ނެތި ހުންނާށެވެ! އަދި ވީހައި ގިނަ ހެޔޮ ޢަމަލުތައް ހިފައިގެން ހުންނާށެވެ!  

މިބުނެދެނީ އެކަން ޙާޞިލުކުރެވެން އޮތް މަގެވެ. ފުރަތަމަ ފުރިހަމަ މުއްމިނަކަށްވާށެވެ! ދެން ތައުބާވުން ގިނަކޮށް ހެޔޮ ޢަމަލުތައްކުރުން ގިނަކުރާށެވެ! އެއިރުން އެމީހަކަށް ކުރެވިފައިހުރި ހުރިހާ ފާފަތަކަކީވެސް ހެޔޮ ޢަމަލުތައްކަމަށް ބަދަލުކުރައްވަވައި ދެއްވަވާނެކަން މިއޮތީ އެނގޭށެވެ!   

"ތައުބާވެ، އީމާންވެ، ގިނަގިނައިން ޞާލިޙު ޢަމަލުކުޅަމީހަކު މެނުވީއެވެ. ފަހެ، އެއުރެންނާމެދު (ދަންނާށެވެ!) ﷲ، އެއުރެންގެ ނުބައިކަންތައް، ހެޔޮކަންތަކަށް ބަދަލުކުރައްވާނެތެވެ. ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ." (އަލް ފުރްޤާން: 70)  

ދެން ކުރިމަތިކޮށްފާނެ އެއް ސުވާލަކީ ސުވަރުގެ ދެއްވަވާނެކަމުގެ ޔަޤީންކަން ލިބެނީ ކިހިނަކުންތޯއެވެ؟ އެސުވާލަށް ދޭން އޮތް ޖަވާބަކީ ﷲ ތަޢާލާ އެކަމެއް ކުރަން އަންގަވާފައިވާ ގޮތަށް އެކަމެއް ކުރުމުން ދެއްވަވަން ވަޢުދުވެވޮޑިގެންފައިވާ ކޮންމެ ނިޢުމަތެއްވެސް ދެއްވަވާނެކަން ޔަޤީންކުރެވޭތީއެވެ. އީމާންވެ ޞާލިޙް ހެޔޮ ޢަމަލުތައް ކުރުންމަތީގައި ހުރެއްޖެނަމަ އެމީހަކަށް ކުރެވިފައިވާ ހުރިހާ ފާފަތަކެއް އެއީ ހެޔޮ ޢަމަލުތައް ކަމަށް ބަދަލުކުރައްވަވައި ދެއްވަވާނެ ކަމުގެ ޔަޤިންކަން މިއާޔަތުން އެބަލިބެއެވެ. ދެން އެހެންކަމަށްވާއިރު އެމީހެއްގެ އޮންނާނީ ކޮން ފާފައެއް ހެއްޔެވެ؟ ފާފައެއް ނެތިއްޖެނަމަ މީޒާނުގައި އެމީހެއްގެ ކޮޅަށް ބުރަވެގެންދާނެކަން އެއީ ޔަޤީންކަމެކެވެ. އެއިރުން އެމީހަކު ވައްދަވާނީ ސުވަރުގެކަން ޔަޤީންނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ 

މިދެއްކި ކުރު ވާހަކަކޮޅަށް ވިސްނައި އަވަހަށް ޢަމަލުކުރަން ފަށާށެވެ. އެމީހަކަށް ސުވަރުގެ ހަމަ ޔަޤީނެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން