ބައެއް ދެމަފިރިން ވަރަށް ދަތިޙާލުގައި އުޅެމުންގޮސް އެތައް އަހަރެއްވާފަހުން ފިރިމީހާއަށް ބޮޑު ތަނަވަސްކަމެއް ނުވަތަ ކުރިއެރުމެއް ލިބުމުން އަނބިމީހާ ނިކަމެތިކޮށް އެއްލައިލައެވެ. ވަރިކޮށް އެކަނިވެރިކޮށްލައެވެ. މިފަދައިން ޢަމަލުކުރާ މީހުންނާއިމެދު އޮންނަނީ ކޮން ގޮތެއްތޯ؟
ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެކަމަށް އުންމީދުކުރަމެވެ.
ތިމާ އަށް ދަތހާލަތެއް މިންވަރުކުރައްވަވައިފިނަމަ އެ ހާލަތުގައި ތިމާ އާއިއެކު ކެތްތެރިވާ އަނބިމީހާއަށް ދެރަ ގޮތެއް ނުހަދާށެވެ! އެފަދަ އަންތބަކު ދޫކޮށްނުލާށެވެ!
ދިރިއުޅެމުންދާއިރު ކޮންމެ މީހަކަށްވެސް ވަރަށް ބޮޑެތި ދަތިތައް އުފުލަން ޖެހިދާނެއެވެ. މުޞީބާތްތަކަށް ކެތްތެރިވާންޖެހޭނެއެވެ. ވީމާ އެފަދަ ދަތިޙާލަތުގައި ތިމާ އާއިއެކު ކެތްތެރިވާ އަނބިމީހާ ދޫކޮށްލުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ!
މިއީ ހުރިހާ ފިރިހެނުންނަށް އަޅުގަނޑުކުރާ ވަޞިއްޔަތެކެވެ.
އައްޔޫބްގެފާނުގެ ތަނަވަސްކަން ގެއްލިވަޑައިގެން އަދި އާލާސްކަންފުޅު ބޮޑުވުމުން އެކަލޭގެފާނު ދެކެ ވަރަށް ލޯބިފުޅުވާ އެންމެ އނބިކަނބަލަކު ފިޔަވައި އެހެން ހުރިހާ އަނބިކަނބަލުން އެކަލޭގެފާނު ދޫކުރެއްވެވިއެވެ. އެކަލޭގެފާނުގެ އަރިއަހުގައި ދެމިހުންނެވި އަނބިކަނބަލުން އެކަލޭގެފާނަށް ފަރިއްކޮޅު އެރުވުމަށްޓަކައި ގޭގޭގައި ނޯކިރީކޮށްދެއްވައިގެން ތަކެތި ހޯއްދެވިއެވެ.
ދެމަފިރިކަނބަލުންގެ މެދުގައި ޚިޔާލުފުޅު ތަފާތުވުމުގެ ކަމެއް ވެސް ހިނގިއެވެ. ﷲ ތަޢާލާ އައްޔޫބްގެފާނަށް އެންގެވީ އެކަމަނާއަށް ރަޙުމް ކުރެއްވެވުމަށެވެ. އެކަމަނާއަށް ދެރަ ގޮތެއް ނުހެއްދެވުމަށެވެ. އެކަމަނާ ދޫކޮށް ނުލެއްވެވުމަށެވެ.
މިއީ އަހަރެމެން އެންމެންވެސް ޢިބްރަތް ޙާޞިލުކޮށް ޢަމަލުކުރަން ޖެހޭނެ އުޞޫލެވެ. ކަންކުރަންޖެހޭނެ ގޮތެވެ!
ޢިލްމްވެރިޔާގެ މިބަސްފުޅާއިއެކު ބުނެލަން ބޭނުންވަނީ ޙާލަތު ނިޔާކުރާ ގޮތުން 2 އަންތބަކަށް ބޭނުންވެއްޖެނަމަ 2 ވަަނ ކައިވެނި ކުރިނަމަވެސް ތިމާއާއިއެކު ކެތްތެރިވި އަނބިމީހާ ފަސްޓްލޭޑީގެ މަޤާމުގައި ބައިންދަންޖެހޭނެއެވެ. އޭނާ ދެރަކޮށް ނިކަމެތިކޮށްލައިގެން ނުވާނެއެވެ.