އަޅުގަނޑުގެ މަންމަގެ ބައްޔަކަށް ބޭސްކުރާތާ އެތައް އަހަރެއްވެއްޖެއެވެ. ޝިފާއެއް ނުލިބެއެވެ. މާޔޫސްވެ މަންމަ މިހާރު އުޅެނީ ބޭސްނުކާށެވެ! މީޙާލަތުގަ ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ؟
ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެކަމަށް އުންމީދުކުރަމެވެ.
ޝިފާ ނުލިބި ބަލީގައި ގިނަދުވަސްވުމުން ކަންބޮޑުވެވެއެވެ. ޑޮކްޓަރުން ދޭ ބޭހަށް ނުގުޑަން ފެށުމުން ދެރަވެ މާޔޫސްވެވެއެވެ. އެއީ އިންސާނުންކަމަށްވީތީއެވެ. ޔަޤީންކުރަން އޮތް ކަމަކީ ކިތަންމެ ބޮޑު ބައްޔަކުންވެސް އަދި ކުޑަ ބައްޔަކުންވެސް މިންޖުކޮށް ދެއްވެވޭނެ ފަރާތަކީ ހަމައެކަނި ﷲ ތަޢާލާކަމެވެ!
މިކަން ޔަޤީންކުރާށެވެ! ބަލި ޖެހިދާނެތީ ވެސް ބަލިވުމުން ބަލިން ސަލާމަތްވުމަށްވެސް ކުރަން އޮތް އެންމެ މުހިންމު ކަމަކީ ﷲ ތަޢާލާ އާއި ކުއްތަންވާން ގަދައަޅައި މަސައްކަތްކުރުމެވެ.
"އަދި އެކަލާނގެއީ، ތިމަންނާއަށް ކާންދެއްވާ، އަދި ބޯންދެއްވާ ރަސްކަލާނގެއެވެ.
"އަދި ތިމަން ބަލިވެއްޖެނަމަ، ބަލި ފަސޭހަކުރައްވަވަނީ، ހަމަ އެކަލާނގެއެވެ" (އައްޝުޢަރާ: 79،80)
ބަލިވުމުން ކާން ބޭނުންކުރާ ބޭސް ނުވަތަ ހޯދާ ފަރުވާ އުފެއްދުމުގެ ކުޅަދާނަކަން ދެއްވަވަނީ ﷲ ތަޢާލާއެވެ. ބަލިތަކުން ޝިފާލިބޭނެ ބޭހާއި ދިފާޢުވެވޭނެ ވެކްސިން އުފެއްދުމުގެ ކުޅަދާނަކަން ދެއްވަވަނީވެސް ހަމަ ﷲ ތަޢާލާއެވެ. ބޭސް ބޭނުން ކުރިނަމަވެސް ޝިފާ ދެއްވަވަނީ ހަމަ ﷲ ތަޢާލާއެވެ.
އިސްލާމް ދީނުގައި އޮތީ ބަލިވި ނަމަވެސް އަދި އެނޫން ކަމެއް ކުރިމަތިވި ނަމަވެސް ސަބަބުތަކުގައި ހިފަހައްޓައިގެން ތިބެ ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދުމެވެ. ކޮޅަށް ނުހުރެވޭނަމަ އިށީނދެއިނދެގެންވެސް އިށީނދެ ނުއިނދެވޭނަމަ އޮށޯވެއޮވެގެންވެސް ނަމާދުކުރާށެވެ. ވުޟޫނުކުރެވޭނަމަ ތަޔައްމަމްކޮށްގެންވެސް ނަމާދުކުރާށެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުން ފުރަތަމަ ކުރަން އޮތް ކަމަކީ އެއީއެވެ. ވީމާ އެކަންކުރަމުން ދުޢާކުރަމުން ގެންދާށެވެ! ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން