ކިރިޔާވެސް ތަނަވަސްކަން ހުރިނަމަ ގޭގެ އެއްވެސް މަސައްކަތެއް އަމިއްލައަށް ނުކޮށް ބޭރު މީހުން ގެއަށް ވައްދައިގެން މަސައްކަތްކުރުވުން މިވަނީ ވަރަށް ޢާންމުކަމަކަށްވެފައެވެ. މިއީ ވަރަށް ނުބައި އާދައެކެވެ.
ރަސޫލް (ﷺ) ގެ ޙަޔާތްޕުޅަށް ބަލާށެވެ! އެދިވަޑައިގެންނެވި ކޮންމެ ކަމެއް ކޮށްދެއްވަން ޞަހާބީން އެދިއެދި ތައްޔާރަށް، އަދި އެފަދަ ފުރުޞަތަކަށް ބައްލަވަން ތިއްބެވިއިރު ވެސް އަމިއްލަފުޅު ކަންކަން ކުރެއްވެވީ އަމިއްލަފުޅަށެވެ. އެއީ އަހަރެމެންވެސް އުޅެންވީ އެގޮތަށްކަން ބަޔާންކޮށް ދެއްވެވުމަށެވެ.
ކޮންމެ މީހަކުވެސް މަސައްކަތްކުރަންވީ އެމީހަކަށް ކުރެވުނު މަސައްކަތެއް އަމިއްލައަށް ކޮށްގެން ކުރިއަށް ދިއުމަށެވެ. ދަތިތަކާއިއެކު އަމިއްލައަށް ކުރިއަށް ދާން މަސައްކަތް ކުރާމީހާއަށް ﷲ އެހީތެރިވެވްޑިގެން ދެއްވަވާނެތެވެ! އިން ޝާ ﷲ ދިރިއުޅުމުގައި ގިނަ ބައަކު ފޭލްވަމުން ދަނީ އެކަން އެގޮތަށް ޤަބޫލުނުކުރެވުމުންނެވެ. ކޮންމެ ކަމަކަށް އެހެން މީހުންގެ އެހީތެރިކަމަށް އުންމީދުކުރެވޭތީއެވެ.
ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ކަންކަމުގައި އަވަދިނެތި އުޅޭއިރު އެކަމުން ޢިބްރަތް ޙާޞިލުކުރާށެވެ! ތިމާއަކީ ވެސް ހަމަ އެފަދައިން ތިމާގެ ކަންކަމުގައި އުޅެން ޖެހޭނެ މީހެއް ކަމުގައި ޤަބޫލުކުރާށެވެ! ދެ ދުނިޔެ ކާމިޔާބުކުރެވޭ މީހުންނަކީ ތިމާގެ ކަންކަމުގައި ތިމާ ކުރިއަށް ދާން ގަދައަޅައި މަސައްކަތްކުރަމުން އެހެން މީހުންނަށްވެސް އެހީތެރިވެދޭ މީހުންނެވެ.
ދުނިޔޭގައި ހުރިހާ ދުވަހަކު ކަންކަން މެދުވެރިވާނީ އެއް ގޮތަކަށް ނޫނެވެ. އުފާވެރި ދުވަސްތަކާއި ހިތާމަވެރި ދުވަސްތައްވެސް ކުރިމަތިވާނެއެވެ. އެކަން ޖެހޭނީ ހިތުގެ އަޑިން ޤަބޫލުކުރާށެވެ! އެއީ އީމާން ކަމުގެ ބައެކެވެ. އެބައި ފުރިހަމަ ނުކުރާ މީހާގެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ.
ވެއްޓޭނެއެވެ! އެއީ މެދުވެރި ނުވެ ނުދާނެ ކަމެކެވެ. ވެއްޓުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކަށްވަނީ ވެއްޓުމުން ޢަމަލުކުރެވޭ ގޮތެވެ! ވެއްޓިއްޖެނަމަ އެހެން މީހަކު އައިސް ނަގަންދެން މަޑުނުކުރާށެވެ! އަމިއްލައަށް ތެދުވަން މަސައްކަތްކުރާށެވެ! ތެދުވެ ވެލިފޮޅާލާފައި އަމިއްލައަށް ކުރިއަށްދާން މަސައްކަތްކުރާށެވެ!
ވެއްޓުމުން އަމިއްލައަށް ތެދުވެ ކުރިއަށް ދާން މަސައްކަތްކުރާ ވާހަކަ ބުނީ ހަމައެކަނި ބިންމައްޗަށް ވެއްޓުމަކަށް ނޫނެވެ. ޙަޔާތުގައި ދިމާވާ ދަތިތައް ގިރާކުރަންވެސް ހަމަ އެފަދައިން މަސައްކަތް ކުރަން ހިތްވަރުދިނުމަށެވެ. ތިމާއަށް ކުރިމަތިވާ މައްސަލަތައް ޙައްލުކުރަން މަސައްކަތްކުރަންވާނީ ތިމާއެވެ! ދިރިއުޅުން ކާމިޔާބުކުރެވޭނީ އެގޮތަށް މަސައްކަތްކުރުމުންނެވެ.
މުސްލިމުން ކުރިއަރައި ދިއައީ އެ ގޮތަށް މަސައްކަތްކުރުމުންނެވެ. މިއަދު މުޅި އިސްލާމީ އުންމަތް ވެއްޓިފައި މިވާ ދަށުދަރަޖައަށް ވެއްޓިފައި މިވަނީ އެ ގޮތް ދޫކޮށްލައި ތިމާމެން ކުރަން ޖެހޭ މަސައްކަތް ކުރުން އެހެން ބައަކާއި ޙަވާލުކުރެވުމުންނެވެ. އެހެން މީހުންނަށް ބަރޯސާވާން ފެށުމުންނެވެ.
އަނބިދަރިންގެ މަސައްކަތް ނުވަތަ އެމީހުންނަށް ކޮށްދޭންޖެހޭ ކަންކަން ކުރަންވީ އެމީހާއެވެ. އެކަންކުރަން އެހެން މީހަކާއި ޙަވާލުކޮށްފިނަމަ ގިނަ ފަހަރަށް އޮންނާނީ ހީވެސް ނުކުރެވޭފަދަ މައްސަލަތައް ކުރިމަތިވެފައެވެ. އިސާހިތަކު ދެމަފިރިންގެ ގުޅުމަށް ބުރޫއަރައިފައެވެ. އެފަދަ ކަންކަން މެދުވެރިވުމުން އޮތީ އެހެން މީހުން ކުށްވެރިކުރުމެއް ނޫނެވެ! ތިމާގެ ކުށް ޤަބޫލުކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން