ބައިވެރިޔާ ގާތު އޭނާދެކެ ލޯބިވާކަމަށް ބުނެ އޭނާއަށް ތަޢްރީފްކޮށްފަ އެހެން މީހުންގެ ގާތުގަ ބައިވެރިޔާ ކުށްވެރިކޮށް ވާހަކަދެއްކުމަކީ އެންމެ ނުބައިކަން ބޮޑު މީހުންގެ ސިފައެއްކަން ޙަދީޘުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 11ސ
ބައިވެރިޔާ ގާތު އޭނާދެކެ ލޯބިވާކަމަށް ބުނެ އޭނާއަށް ތަޢްރީފްކޮށްފަ އެހެން މީހުންގެ ގާތުގަ ބައިވެރިޔާ ކުށްވެރިކޮށް ވާހަކަދެއްކުމަކީ އެންމެ ނުބައިކަން ބޮޑު މީހުންގެ ސިފައެއްކަން ޙަދީޘުން-

ފުރަތަމަ ކަމަކަށް ބުނެލަން އޮތީ އެއްކަމެއްގައި އެކި މީހުންގެ ގާތުގައި ވާހަކަދެއްކުމަކީ މުނާފިޤުންގެ ސިފައެއް ކަމަށެވެ. އެއާއިއެކު މިޙަދީޘްފުޅަށް ވިސްނައިލާށެވެ! 

ރަސޫލް () ޙަދީޘްފުޅު ކުރެއްވެވި ބަސްފުޅެއްގެ މާނައިގައިވެއެވެ. 

"މީސްތަކުންގެ ތެރެއިން އެންމެ ނުބައިކަން ބޮޑު ބައަކީ 2 މޫނުގެ ވެރިންނެވެ. އެއީ އެކަކަށް އެއް މޫނު ދައްކާފައި އނެކަކަށް އެހެން މޫނެއް ދައްކާ މީހުންނެވެ." (ޞަޙީޙް ބުޚާރީ) 

މިޙަދީޘްފުޅާއި ގުޅިގެން މިރޭ ފާހަގަކޮށްލަން ބޭނުމީ އަހަރެމެންގެ ތެރެއިން ބައެއް މީހުން ވަރަށް ޢާންމުކޮށް ކުރާ ކަމެއްގެ ވާހަކައެވެ. ބައެއް ފިރިހެނުން އެމީހުންގެ އަނބިންނަށް ދައްކާ މޫނާއި އެހެން މީހުންގެ ގާތުގައި އަނބިންގެ ވާހަކަ ދައްކާ ގޮތް ވަރަށް ތަފާތުވާ މައްސަލައެވެ. 

ހަމަ އެފަދައިން ބައެއް އަނބިންވެސް ހަމަ މިމޭރުމުން ކަންކަން ކުރެއެވެ. ފިރިމީހާއަށް ދައްކާ މޫނާއި އެހެން މީހުންގެ ގާތު ފިރިންގެ ވާހަކަ ދައްކާގޮތް ބޮޑުތަނުން ތަފާތުކުރެއެވެ. 

މިސާލެއް: 

އަނބިމީހާ ގާތު ނުވަތަ ފިރިމީހާ ގާތު މިބުނަނީ ތިބާދެކެ ވަރަށް ބޮޑަށް ލޯބިވާ ކަމަށެވެ. ކަލާއާއި ނުލައި ދުނިޔޭގައި އުޅެންވެސް ބޭނުން ނުވާކަމަށެވެ. ގެއިން ނުކުމެ ލޯބިވެރިޔާ އާއި ނުވަތަ ލޯބިވާން ބޭނުންވެ ހިތުގައި އަޅައިގެން އުޅޭ މީހާ އާއި ބައްދަލުވާއިރަށް ވާހަކަ މުޅިން ބަދަލުވެއެވެ. ބައިވެރިޔާ ދެކެ ލޯބިވާ ކަމަކަށްވެސް ނުވެއެވެ. ތިމާ ދެކެ ބައިވެރިޔާ  ލޯބިވާކަމަކަށްވެސް ނުވެއެވެ. ބައިވެރިޔާގެ ކިބައިގައި އެއްވެސް ރަނގަޅު ސިފައެއް ހުންނަ ކަމަކަށްވެސް ނުވެއެވެ. ހަމަ މިމޭރުމުން އެކުވެރިންގެ ގާތުގައިވެސް ވާހަކަދައްކައެވެ. 

ނިކަން ބުނެބަލާށެވެ! މިފަދައިން ޢަމަލުކުރާ މީހާއީ ދެމޫނުގެ ވެރިއަކަށް ނުވާނީ ކީއްވެގެން ހެއްޔެވެ؟ މިބުނަނީ މުނާފިޤުންގެ ތެރޭގައި އޭނާ ހިމެނޭނެ ވާހަކައެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ފަށަމުން ބުނިފަދައިން ދެ މޫނުގެ ވެރިންނަކީ މުނާފިޤުންނެވެ. އެއީ މުނާފިޤުންގެ ސިފައެކެވެ. މުނާފިޤުންވަނީ ނަރަކައިގެ އެންމެ އަޑީ ވަތްގަނޑުތަކުގައެވެ. އެންމެ ގަދަފަދަ ޢަޛާބުގައެވެ. ވީމާ ނުއެނގި ތިބެ ނަމަވެސް މިހައި ބޮޑެތި ފާފަތައް ކުރެވޭކަމީ ހިތާމަހުރި ކަމެކެވެ. 

ފިރިމީހާއަށް ނަމަވެސް އަދި އަނބިމީހާއަށް ނަމަވެސް އެއް މޫނު ދައްކާށެވެ! ހިތްހަމަ ނުޖެހޭނަމަ އެކަން ކުރިމަތީގައި ބަޔާންކުރާށެވެ. ގާތުގައި ތަޢްރީފްކޮށްފައި ދުރުގައި އެހެން ގޮތްގޮތަށް ވާހަކަ ނުދައްކާށެވެ! އެއިރުން އެވެވެނީ 2 މޫނުގެ ވެރިއަކަށެވެ. 

ބައެއް މީހުން މިފަދަ ކަންކަން ކުރަނީ ކަމުގެ ބޮޑުކަން ނުއެނގި ތިބެ ކަމަށް ވެދާނެއެވެ. ވީމާ ހޭލުންތެރިވާށެވެ! ކިތަންމެ ކުޑަ ކަމެއްގައި ނަމަވެސް ހަމަ އެއްވެސް ކަމެއްގައި 2 މޫނުގެ ވެރިއަކަށް ނުވާށެވެ! ތިބާއަކީ އެންމެ ނުބައިކަން ބޮޑު މީހަކަށްވެދާނެ ކަމަށް ބިރުވެތިވާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން