ބައިވެރިޔާ ހިތްދަތިކުރީތީ ދެވަނަ ކައިވެންޏެއް ނުކުރަން ނިންމުމަކީ އަނިޔާދިން މީހާ އެންމެ އުފާވާނެ ކަންތައް! ދެރަކޮށްލަން ބޭނުންނަމަ އަވަހަށް ދެވަނަ ކައިވެނިކޮށް މާއުފަލުގަ އުޅޭތަން ދައްކައިލާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ބައިވެރިޔާ ހިތްދަތިކުރީތީ ދެވަނަ ކައިވެންޏެއް ނުކުރަން ނިންމުމަކީ އަނިޔާދިން މީހާ އެންމެ އުފާވާނެ ކަންތައް! ދެރަކޮށްލަން ބޭނުންނަމަ އަވަހަށް ދެވަނަ ކައިވެނިކޮށް މާއުފަލުގަ އުޅޭތަން ދައްކައިލާ!

ކޮންމެ އަހަރަކަށް ބެލިނަމަވެސް ލޯބިވެރިޔާ ނުވަތަ ބައިވެރިޔާ ދެރައެއް ދިނުމުން އެކަމާއިހުރެ މާޔޫސްވެގެން އެތައް ހާސް ބައަކު އެމީހުންގެ ސިކުނޑި އަމިއްލައަށް އެބަ ގޮއްވާލައެވެ. އެތައް ހާސް ބައަކު ނަފްސާނީ ބިލިމީހުންނަށް ވެގެން އެބަދެއެވެ. އެކަމުގެ ތެރޭގައި ބައެއް މީހުންނަށް ދުނިޔެ ދޫކުރަންވެސް ޖެހެއެވެ.  

މިކަންކަމަށް ހަމައެކަނި ދުނިޔަވީ ގޮތުން ބަލައިލަމާ ހިނގާށެވެ! ލޯބިވެރިޔާ ނުވަތަ ބައިވެރިޔާ ބޭވަފާތެރިވީއެވެ. އެހެން ލޯބިވެރިއަކު ނުވަތަ ބައިވެރިއަކު ހޯދީއެވެ. ފަހުން ކޮންމެ ގޮތަކަށް ކަންކަން މެދުވެރިވިނަމަވެސް އެވަގުތު އޭނާ ހުންނާނީ އުފާވެރިކަމުގައެވެ.  

އަނިޔާ ލިބުނު މީހާގެ މާޔޫސްކަން އިތުރުވާވަރަކަށް އޭނާ އުފާކުރާނެއެވެ. އަދި އެކަމުގެ ތެރޭގައި ގޮތްހުސްވެ މޮޔަވާވަރުވެއްޖެނަމަ އޭނާ ދެކޭނީ އެއީ އޭނާއަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ. އަލުން ޙަޔާތެއް ނުފަށަން ނިންމައިފިނަމަ މާބޮޑަށް އުފާކުރާނެއެވެ!  

ނިކަން ބުނެބަލާށެވެ! ތިބާ ބޭނުންވަނީ އެ ބޮޑު ހިތްހަމަޖެހުމާއި އުފާވެރިކަން އޭނާއަށް ދީފައި އެންމެ ނިކަމެތި ގޮތް އަމިއްލައަށް ލިބިގަންނަންހެއްޔެވެ؟ ލިބޭ ހިތްދަތިކަމުގެ ސަބަބުން މުޅި ޢުމުރު އެކަނި ހުރުމަކީ މީހަކަށް ލިބޭނެ އެންމެ ބޮޑު ހިތްދަތިކަން ނޫންހެއްޔެވެ؟ އެއީ ހަމައެކަކުވެސް ބޭނުންވާނެ ގޮތެއް ނޫނެވެ.  

ތިބާއަށް ދެރަދިން މީހާގެ ކިބައިން ބަދަލުހިފަން ބޭނުންނަމަ އެކަންކުރަންވީ އޭނާއާއި ނުވެސް ބެހި އަދި އަންގައިވެސް ނުލައެވެ. އެގޮތަށް އެކަންކުރަން ކުރަންޖެހޭނެ ކަމަކީ އަވަހަށް ދެވަނަ ކައިވެނިކޯށް އަނިޔާވެރިވި ނުވަތަ ބޭވަފާތެރިވި މީހާއާއިއެކު އުޅުނު ދިރިއުޅުމަށްވުރެ މާއުފާވެރި ދިރިއުޅޭތަން އޭނާއަށް ދައްކައިލަންވީއެވެ. އެއަށްވުރެ ބޮޑު ހިތްދަތިކަމެއް އޭނާއަކަށް ނުދެވޭނެއެވެ.  

އޭނާ ތިބާއަށް ބޭވަފާތެރިވީއެވެ. ތިބާ ދެރަކޮށްލީއެވެ. އޭނާއަށް ދައްކައިލަންވީ އޭނާގެ މަޤްޞަދު ކާމިޔާބުނުކުރެވުނު ކަމެވެ. އޭނާ އާއި ނުލައި ތިބާ އުޅެނީ މާއުފަލުގައިކަމެވެ.  

އަހުރެން މިވާހަކަތައް މިގޮތަށް ވަރަށް ގިނަ އޯޑިއަންސްތަކުގައި ދައްކައިފީމެވެ. މިދައްކާ ވާހަކައަކީ ކަމުގެ ޙަޤީޤަތް ކަމަށް ޤަބޫލުނުކުރާ މީހަކާއި ބައްދަލެއް ނުވެއެވެ. އަދި ޢަމަލުން ތަންފީޒުކުރެވިއްޖެނަމަ އުފާވެރިކަމާއި ހިތްހަމަނުޖެހޭ މީހަކާއިވެސް ބައްދަލެއް ނުވެއެވެ. ތިއަބައިމީހުންވެސް ނިކަން މިކަންކަމަށް ވިސްނައިލަބަލާށެވެ! ހިތްވަރުލިބިގެންދާނެއެވެ! އިން ޝާ ﷲ

 

 

މިއަދު އޮންލައިން