ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ލޯބިވާނީ އެމީހެއްގެ ފުރާނަ ދެކެއެވެ. ފުރާނައަށް ގެއްލުމެއް ލިބިދާނެ އެއްވެސް ކަމެއް ހަމައެކަކުވެސް ހަމަބުއްދީގައި ހުރެ ނުކުރާނެއެވެ. ބައްޔެއްވިޔަސް އެބަލިން ޝިފާ ހޯދަން ނުވާ ޤުރްބާނީއެއް ނުއޮންނަނީވެސް ހަމަ ފުރާނަ ދެކެ ވާލޯބި ބޮޑުކަމުންނެވެ.
އެކަމަކު ފުރާނަ އެންމެ ބޮޑަށް ކަންބޮޑުވާނީ އަވަހަށް މަރުވެދާނެތީއެއް ނޫނެވެ. ﷲ ތަޢާލާއަށް ނުކިޔަމަންތެރި އަޅެއްގެ ގޮތުގައި މަރުވެދާނެތީއެވެ. އެއިރުން ވަންނަން ޖެހޭނީ ނަރަކަށްކަން ފުރާނައަށް އެނގޭތީއެވެ. ނަރަކައިން ލިބޭނެ ޢަޛާބުގެ ގަދަފަދަކަން ފުރާނައަށް އެނގޭތީއެވެ.
ވިސްނާށެވެ! މަލާއިކަތުން ފައިބައިވަޑައިގެން ފުރާނަހިއްޕެވުމުން ފުރާނަ ވަކިވަނީ ހަށިގަނޑާއެވެ. ފުރާނަ މަރެއް ނުވެއެވެ. ކައްވަޅުގައިވެސް އަދި ޤިޔާމަތްވުމުންވެސް ނަރަކައަށް ވެއްދެވިޔަސް ސުވަރުގެ ވެއްދެވިޔަސް ފުރާނަ އެމީހަކާއިއެކު ވާނެއެވެ. އެއީ ނިމުމެއް އޮތް ކަމެއް ނޫނެވެ.
ދެންވެސް އަޑުއަހާށެވެ! ޢިލްމުވެރިއަކު ވިދާޅުވެފައިވެއެވެ!
"މަރުން ސަލާމަތްވެވޭތޯ އެންމެންވެސް މަސައްކަތްކުރެއެވެ. ބަލިވިވުމުން ބޭސްފަރުވާކުރާނެ ފައިސާ އަތުގައި ނެތްނަމަ ސަލާންޖަހައިގެންވެސް ފައިސާ ހޯދަން މަސައްކަތްކުރަމުއެވެ. ސަލާން ޖަހައިގެން ނުލިބުނު ނަމަ ގެދޮރު ވިއްކައިގެންވެސް ބޭސްފަރުވާކުރާނެ ފައިސާ ހޯދަން މަސައްކަތް ކުރެއެވެ.
ބޭސްފަރުވާކުރުމުގެ ކަންކަމަށް މިހައި ބޮޑު ސަމާލުކަމެއްދެމުން ގެންދާއިރު ކުރިއަށް އޮތީ އެއަށްވުރެ މާބޮޑުކަމެކެވެ. ސުވަރުގެ އާއި ނަރަކަ އާއި ދެތަނުންކުރެ އެމީހަކު ދާންބޭނުންވާ ތަނަކަށް ދިއުމަށް ކުރަންޖެހޭ ދަތުރެވެ.
އެހެންކަމާއިއެކުގައިވެސް ނަރަކައިން ސަލާމަތްވުމަށް ކުރަންޖެހޭ ހެޔޮ ޢަމަލުތައް ކުރަނީ ވަރަށް މަދު މީހެކެވެ. ޙަޤީޤަތަކީ ހެޔޮ އަމަލުތައްކުރުމުން ނަރަކައިން ސަލާމަތް ވެވިދާނެކަމާއި ގެދޮރު ވިއްކާލާފައި ހޯދައިގެންކާ ބޭހެއްގެ ސަބަބުން ނުވަތަ އެބޭހަކަށް މަރުވުމުން ސަލާމަތް ނުވެވޭނެކަމެވެ!"
ހެޔޮ އަމަލުކުރުމަކީ އެއްވެސް ޚަރަދުތަކެއް ކުރަންޖެހޭނެ ކަމެއް ނޫނެވެ. އެންމެ ބޮޑު ކަމަކީ ނަމާދުކުރުމެވެ. ވުޟޫކޮށްލައިގެން ނަމާދުކުރަންވީއެވެ. ވުޟޫކުރާނެ ފެން ގެއިން ލިބުން ދަތިނަމަ މިސްކިތްތަކުން ވުޟޫކޮށްގެން ނަމާދުކުރަންވީއެވެ. ހަމައެކަނި ބޭނުންވާނީ ވަޤުތުކޮޅެކެވެ.
މިއަދަކީ މިކަންކަމަށް ވިސްނާލަން އޮތް ދުވަހެވެ. ބޭސްފަރުވާ ނުކުރެވިގެން ދުނިޔެދޫކުރަންޖެހުނަސް އެއީ ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. ދުނިޔޭގައި އެމީހަކު އުޅުނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ނަމަ އެމީހަކު އެދަނީ އެންމެ އޯގާތެރިވަންތަ ރަސްކަލާނގެ ޙަޟްރަތަށެވެ. ވީމާ ސަމާލުކަންދޭންވީ އެކަލާނގެ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި ދުނިޔެ ދޫކުރުމަށެވެ. ހިތާމައަކީ މިކަންކަން ގިނަބައަކަށް ވިސްނައި ނުގަނެވޭ ކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން