ގެއަށް ބަރަކާތް ލިބޭ ސަބަބުތަކުގެ ތެރެއިން އިސްތިޣްފާރުކުރުން-

ކިޔުމަށް ހޭދަވާނީ 4މ 26ސ
ގެއަށް ބަރަކާތް ލިބޭ ސަބަބުތަކުގެ ތެރެއިން އިސްތިޣްފާރުކުރުން-

ޢާއިޝަތު ރަފާޙް ޢަލީ

 

ގެއަށް ބަރަކާތް ލިބޭ ކަންކަމުގެ ތެރެއިން މިލިޔުމުގައި މިބަލާލަނީ އިސްތިޢްފާރު ކުރުމަށެވެ.

އިސްތިޢްފާރުކުރުމަކީ ވަރަށް ހެޔޮ ޢަމަލެކެވެ. ވަރަށް ގިނަ ފައިދާތަކެއް ލިބި ދިރިއުޅުމަށްވެސް ބަދަލުތަކެއް އަންނަ ކަމެކެވެ. 

ﷲ ތަޢާލާ މުއްޒަމިލް ސޫރަތުގެ 10 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَٱصْبِرْ عَلَىٰ مَا يَقُولُونَ وَٱهْجُرْهُمْ هَجْرًا جَمِيلًا ﴿١٠﴾‏

މާނައީ: "އަދި އެއުރެން ބުނާ ބަސްތަކަށް ކަލޭގެފާނު ކެތްކުރައްވާށެވެ! އަދި ރިވެތިވެގެންވާ ވަކިވުމަކުން، ކަލޭގެފާނު އެއުރެންނާ ވަކިވެވަޑައިގަންނަވާށެވެ! (10)" 

ކޮންމެ ދުވަހަކު ހެނދުނާ ހަވީރުގެ ޛިކުރުގައިވެސް 100 ފަހަރު އިސްތިޣްފާރު ކުރުމަށް އައިސްފައިވެއެވެ.

ފާފަ ކުރެވުނު ނަމަވެސް މާޔޫސްވުމެއް ނުވެއެވެ. ﷲ ތަޢާލާގެ ޙަޟްރަތައް ފާފަ ފުއްސުވުމަށް އެދި ދެންނެވުމަކީ ވަރަށް މުހިއްމު ކަމެކެވެ. ފާފައެއް ނުކުރެވުނަސް އިސްތިޣްފާރު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އިންސާނާއަށް އެނގިގެންނާއި ނޭނގިވެސް ފާފަ ކުރެވެއެވެ. 

ﷲ ތަޢާލާ ޒުމަރު ސޫރަތުގެ 53 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

قُلْ يَٰعِبَادِىَ ٱلَّذِينَ أَسْرَفُوا۟ عَلَىٰٓ أَنفُسِهِمْ لَا تَقْنَطُوا۟ مِن رَّحْمَةِ ٱللَّهِ إِنَّ ٱللَّهَ يَغْفِرُ ٱلذُّنُوبَ جَمِيعًا إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ ﴿٥٣﴾‏

މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ رحمة ން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ." 

ﷲގެ ހަޟްރަތުން ފާފަފުއްސެވުންއެދި ދަންނަވާ އަޅުންނަކީ އެބައިމީހުންދެކެ ﷲ ލޯބިވެވޮޑިގެންވާ ބަޔެކެވެ. 

އެގޮތުން ﷲ ތަޢާލާއަށް އިސްތިޣްފާރު ކުރުމުގެ ގޮތުން ފާފަތަކުން ދުރުހެލިވެ، އަބަދުވެސް ދުޢާ ކުރުމާއި، ޛިކުރުކުރުން މަތީގައި ދެމިތިބުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި ފާފައެއް ކުރެވުނަސް ދެވަނަ ފަހަރަށް އެފާފައަކަށް އަރައިނުގަތުމަށް އަޒުމް ކަނޑައެޅުމަކީ ވަރަށް މުހިއްމު ކަމެކެވެ.

އަދިވެސް ﷲ ތަޢާލާ ނޫޙް ސޫރަތުގެ 10، 11 އަދި 12 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

فَقُلْتُ ٱسْتَغْفِرُوا۟ رَبَّكُمْ إِنَّهُۥ كَانَ غَفَّارًا ﴿١٠﴾‏يُرْسِلِ ٱلسَّمَآءَ عَلَيْكُم مِّدْرَارًا ﴿١١﴾‏ وَيُمْدِدْكُم بِأَمْوَٰلٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّٰتٍ وَيَجْعَل لَّكُمْ أَنْهَٰرًا ﴿١٢﴾‏

މާނައީ: "ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި ފާފަފުއްސެވުމަށްއެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައިވެއެވެ. (10) (އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. (11) އަދި މުދާތަކާއި، ދަރިންގެގޮތުން، އެކަލާނގެ ތިޔަބައިމީހުންނަށް مدد ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެތެވެ. (12)"

 

 

މިއަދު އޮންލައިން