ކިތަންމެ ހެޔޮލަފާ ނަމަވެސް ބޭވަފާތެރިކަމަށް ކެތްތެރިވެގެން އަނބިން އަބަދަކު ނުތިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 56ސ
ކިތަންމެ ހެޔޮލަފާ ނަމަވެސް ބޭވަފާތެރިކަމަށް ކެތްތެރިވެގެން އަނބިން އަބަދަކު ނުތިބޭނެ!

ޖެސީ އާއި އަކްރަމްގެ މެދުގައި ލޯބި އުފެދުނީ ފޭސްބުކުންނެވެ. ޖެސީއަކީ ބަލައިލަން ރީތިކުއްޖެކެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ހެދުންލައި އުޅެނީ ވަރަށް އާދައިގެ ގޮތަކަށެވެ. ހެޔޮލަފާ އަންތބެއްގެ ކިބައިގައި ހުންނަންޖެހޭނެ ވަރަށް ގިނަ ސިފަތައް ހުރި ކުއްޖެކެވެ. އެކަންކަމަށް ބަލާފައި އަކްރަމް ޖެސީ އާއި ކައިވެނިކުރިއެވެ.

ކައިވެންޏަށްފަހު އަކްރަމް ބޭނުންވީ އަނބިމީހާ މަސައްކަތު ނުގޮސް ގޭގައި އިނުމަށެވެ. ޖެސީ އެކަން ޤަބޫލުކުރިއެވެ. ގޭގައި އިނދެ ފިރިމީހާއަށް ބޭނުންވާނެ ހުރިހާ ކަންކަން ވަރަށް ފުރިހަމައަށް ކޮށްދެމުން ގެންދިއައެވެ.  

ދެމަފިރިން އެކުގައި ބޭރަށްދަނީވެސް ވަރަށް މަދުންނެވެ. ބޭރަށް ދިއަ ނަމަވެސް ފިރިމީހާ އަބަދުވެސް ސަމާލުކަންދެނީ ފެންނަ ރީތި އަންހެންކުދިންނަށެވެ. އަގުބޮޑު ހެދުންލައި ގަހަނާއަޅައިގެންތިބޭ ކުދިންނަށެވެ. އެކަމާއި ސުވާލުކުރުމުން ބުނަނީ ރީތިކޮށް ނަލަހެދިގެން ތިބޭ ކުދިން ފެނުނީމާ އެންމެންވެސް ބަލާނެ ކަމަށެވެ. އެހެންވީއިރު ރީތި ހެދުމާއި ގަހަނާ ގަނެނުދެނީ ކީއްވެގެންތޯ ސުވާލުކުރުމުން ބުނަނީ ޖެސީއާއި ނުގުޅޭނެތީކަމަށެވެ. ޖެސީ މިސުވާލުކުރީ ފިރިމީހާގެ ލޯބިވެރިޔާއަށް އަގުބޮޑު، ރީތި ހެދުމާއި ގަހަނާތައް ގަނެދެނީ ފިރިމީހާކަން އެނގިހުރެއެވެ.  

ކައިވެނީގައި 3 އަހަރު ހޭދަވެގެންދިއައިރުވެސް ފިރިމީހާގެ ޢަމަލުތައް ހުރީ ހަމަ އެކަހަލަ ގޮތަކަށެވެ. އެހެންވެ ޖެސީ ޤަޞްދުކުރީ އެހިސާބުން ކައިވެނި ނިންމައިލުމަށްފަހު އޭނާގެ އަގުވަޒަންކޮށްގެން ގެންގުޅޭނެ ބައިވެރިއަކު ހޯދުމަށެވެ.  

ފިރިމީހާ އޭނާ ޝައުޤުވެރިވާ ލޯބިވެރިޔާއާއިއެކު ރެސްޓޯރަންޓަކަށް ކާންދިއަ ރެއެކެވެ. ފިރިމީހާ މިދަނީ އޮފީހުގެ ކަމަކު ކަމަށް ބުނެފައި ނުކުމެގެންދިއުމުން ޖެސީވެސް ނުކުމެގެންދިއައެވެ. ހަމަ އެ ރެސްޓޯރަންޓަށެވެ. ޖެސީ ވެސް މޭޒެއްގެ ދޮށުގައި އިށީންތަން ފެނުމުން ފިރިމީހާ ތެދުވެގެން އައިސް އޭނާއަށް ފާރަލަނީތޯ ސުވާލުކުރުމުން ބުނީ ފާރަލާންޖެހޭ ކަމެއް ނެތްކަމަށާއި ހުރިހާ ކަންކަން އެނގޭތާ ކިތަންމެ ދުވަހެއް ކަމަށެވެ. އެހެންވީމާ ލޯބިވެރިޔާ އެކަނިކޮށްފައި އައިސް އުނދަގޫ ނުކޮށް އަވަހަށް ލޯބިވެރިޔާ ގާތަށް ދިއުމަށެވެ.    

ފިރިމީހާ ލޯބިވެރިޔާގާތަށް ދިއައެވެ. ޖެސީ ހަމަ އެއިން ގޮތަށް އިނީއެވެ. ފިރިމީހާ ބޮޑަށް ސަމާލުކަން ދިނީ އަނބިމީހާ ކުރާ ކަމެއް ބެލުމަށެވެ. އިރުއިރުކޮޅާ ފިރިހެނަކު ގޮސް ކުރިމަތީގައި އިށީނދެއެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ތެދުވެގެން ދެއެވެ. އަނެއްކާވެސް އެހެން މީހަކު އިށީނދެފައި ތެދުވެގެންދެއެވެ. އެކަން އެވާގޮތެއް ފިރިމީހާއަކަށް ނުވިސްނުނެވެ. ޖެސީ އެކަނި އިނދެ ކައިނިމިގެން ނުކުމެގެން ދިއައީއެވެ.  

ޖެހިގެން އައި ރޭ ފިރިމީހާ ބޭރަށްދާން ތައްޔާރުވިތަނާ ޖެސީވެސް ހަމަ އޭނާގެ ކުރިމަތީގައި ހުރެ ތައްޔާރުވިއެވެ. ވަރަށް ރީތި ހެދުމެއް ލައި ގަހަނާވެސް އަޅައި ޒީނަތްތެރިވުމުން ފިރިމީހާއަށް ޖެސީ މާބޮޑަށް ރީތިވިއެވެ.  

އައިސް ސުވާލުކުރީ ހެދުމާއި ގަހަނާ ހޯދީ ކިހިނަކުންތޯއެވެ؟ ގަތީ އޭނާގެ ކާޑުން ޚަރަދުކޮށްފައިތޯއެވެ؟ ޖެސީ ބުނީ އޭނާގެ އަމިއްލަ ކާޑުން ކަމަށެވެ. އެހިސާބުން ފިރިމީހާ ބޭނުންވީ އޭނާ އާއިއެކު ޖެސީ ބޭރަށް ދިއުމަށެވެ. ނަމަވެސް ޖެސީ ދެކޮޅުހެދިއެވެ. ބުނީ ކަލޭގެ ލޯބިވެރިޔާ ދެރަވާނެ ކަމަށެވެ.  

ޖެސީ ނުދިއުމުން ފިރިމީހާ ބޭރަށް ގޮސްފައި އައިއިރު އަނބިމީހާ ގޭގައި އުޅެއެވެ. ދިއައީ ކޮންތަނަކަށްތޯ ސުވާލުކުރުމުން ޖެސީ ބުނީ އެކަމާއި ނުބެހުމަށެވެ. ނަމަވެސް ޙަޤީޤަތަކީ އެރޭ ޖެސީ ބޭރަށް ނުދާކަމެވެ.  

ފިރިމީހާ އެހިސާބުން ކަންބޮޑުވިއެވެ. އަނބިމީހާ ގާތު ތިއުޅެނީ މީހަކުދެކެ ލޯބިވެގެންތޯ ސުވާލުކުރުމުން ބުނީ އެއީ ކުރަންޖެހޭ ސުވާލެއް ނޫން ކަމަށެވެ.  

އެއިގެ ފަހުން ކޮންމެ ރެއަކުވެސް ޖެސީ އައުހެދުމެއްލައިގެން ބޭރަށް ދެއެވެ. އެހައި ގިނަ ހެދުން ޖެސީއަށް ލިބެނީ ކިހިނެއްތޯ ބަލަން ބޭނުންވެގެން ސުވާލުކުރުމުންވެސް ބުނީ އެއީ ފިރިމީހާ އާއި ބެހޭ ކަމެއް ނޫން ކަމަށެވެ. އެއްވެސް އެއޗެއް ގަންނަން ފިރިމީހާގެ އެއްވެސް ފައިސާއެއް ބޭނުންނުކުރާކަމަށެވެ. އެހެންބުނުމުން އަކްރަމަށް ވިސްނުނީ ޖެސީގެ ލޯބިވެރިޔާ ޚަރަދުކުރަނީ ކަމަށެވެ.  

އަކްރަމް ޖެސިއަށް ނުއަންގާ ޖެސީގެ ކާޑު ޗެކްކޮށްލިއިރު ޚަރަދުކުރަނީ އެކާޑުންނެވެ. އަދި އެކާޑަކީ އެއްވެސް ލިމިޓެއް ނެތި ޚަރަދުކުރެވޭ ކާޑެކެވެ. ލިބުނު ޙައިރާންކަން މާބޮޑަށް އިތުރުވެ ސުވާލުކުރުމުން ބުނީ އެއީވެސް ފިރިމީހާ އާއި ބެހޭ ކަމެއް ނޫން ކަމަށެވެ. އަދި މިހާރު ބޭނުންވަނީ ވަރިވާން ކަމަށެވެ.  

ވަރިކުރީ ވަރިއަށް އެދުނުތާ މަހެއްހައިދުވަސްފަހުންނެވެ. ވަރިކޮށްދިނުމުން ޖެސީ ކިޔައިދިނެވެ. "އަހަރެންގެ ބައްޕައަކީ ތަނަވަސް މީހެކެވެ. އެކަން އަހަރެން ކަލެއަށް ސިއްރުކުރީ ކަލޭ އަހަރެންދެކެ ލޯބިވާވަރާއި ވަފާތެރިވާވަރު ބަލަންވެގެންނެވެ. އިމްތިޙާނުން ކަލޭ ފޭލްވީއެވެ. ފުރަތަމަ ރޭ ރެސްޓޯރަންޓްގައި އެކަނި އިނީ އާދައިގެ ހެދުމުގައި އިނަސް ކަމުދާ ފިރިހެނުން އުޅޭތޯ ބަލައިލަންވެގެންނެވެ. އެއްވެސް މީހަކާއި ވާހަކަ ދައްކަން ބޭނުންވެގެންނެއް ނޫނެވެ. 

މިވަގުތާއި ހަމައަށްވެސް ކަލެއަށް ތިއަކުރެވުނީ ހަމަ ކުށްހީތަކެކެވެ. އަހަރެން ވާހަކަދައްކާ ހަމައެއްވެސް ފިރިހެނަކު ނުހުންނާނެއެވެ. އަހަރެންނަކީ އެހާ "ޗީޕް" އަންހެނަކީމެއް ނޫނީމެވެ. ދެން އަވަހަށް މިފްލެޓުންދާށެވެ. އެކަނި އިނދެ އަހަރެންގެ މުސްތަޤްބަލާއިމެދު ވިސްނާލަން ބޭނުންވެއެވެ. މިއީ ބައްޕަ އަހަރެން ދިރިއުޅެން ދީފައިވާ ފްލެޓެއްވެސް ނޫނެވެ. ވަގުތީ ތަނެކެވެ. އަޞްލު އަހަރެންގެ ގެއަށް މާދަން ބަދަލުވާނަމެވެ." 

އަކްރަމަށް ކަންކަން ވިސްނުނީ އެހިސާބުންނެވެ. އަނބިމީހާގެ ޙަޤީޤަތް އެނގުމުން މިނަގައިލެވުނީ މުޅި އުމުރު އުފަލުގައި އުޅެން ލިބުނު ފުރުޞަތުކަން ވިސްނުނެވެ. ނަމަވެސް އެކަންކަން އެނގި، މިވިސްނުނީ ވަގުތު ފާއިތުވީފަހުންނެވެ. ހުރިހާ ފުރުޞަތުތަކެއް ގެއްލިދިއަފަހުންނެވެ. ވަރިކުރެވިފައިވާތީއެވެ. އަނބުރާ ގެންނަން ކުރެވޭނެ ކަމެއްވެސް ނެތުމުންނެވެ. ޖެސީ އޭނާދެކެ މާބޮޑަށް ފޫހިވެފައި ހުރުމުންނެވެ.  

މިވާހަކަ ކިޔާފައި ހަމަ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލާހިތްވީއެވެ. އަނބިން ރީތިވެލާނެ ތަކެތި ގަނެދޭން ބޮޑުކަމަކަށްވެފައި ލޯބިވެރިންނަށް ބޮޑެތި ޚަރަދުތައްކުރާ ފިރިން އަޅުގަނޑުމެންގެ ތެރޭގައިވެސް ވަރަށް ގިނައެވެ. އަނބިމީހާއަށް އަހަރަކު 2 ހެދުން ހޯދައިދޭން ބޮޑު ކަމަކަށްވެފައި ލޯބިވެރިޔާއަށް މަހަކު ހެދުމެއް ހޯދައިދޭ ފިރިންވެސް މަދެއްނޫނެވެ.  

ހަމައެއާއިއެކު ފާހަގަކޮށްލަން ބޭނުންވާ ދެވަނަ ކަމަކީ ޚިޔާނާތްތެރިވުމުން ލިބޭ ދެރައެވެ. ޚިޔާނާތްތެރިނުވެ އަކްރަމް ރިވެތި ގޮތުގައި އުޅުނު ނަމަ އޭނާއަށް ލިބޭނެ ބޮޑު ތަނަވަސްކަމާއި އުފާވެރިކަން ނިކަން އިޙްޞާޞްކޮށްލަބަލާށެވެ!  

އެއަކްރަމް ފަދަ ފިރިންނަށް، ޢާންމުކޮށް އެންމެންނަށް މިވާހަކައިން ފައިދާކުރާނެ ކަމަށް ހީކުރަމެވެ.  

- ރާމިޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން