މިވާހަކައަކީ އެންމެ ގިނައިން ކިޔައިދެވޭ އެއްވާހަކައެވެ. އެވާހަކައަކީ ﷲ ތަޢާލާ މީހަކަށް އުފާވެރިކަން މިންވަރުކުރެއްވެވުމަކީ އެމީހަކުދެކެ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ކަމުގެ ދަލީލެއް ނޫންކަމާއި ނަމަވެސް އެއްވެސް މީހަކަށް ހިތްދަތިކަމާއި ތަކްލީފް މިންވަރު ކުރައްވަވައިފިނަމަ އެއީ ﷲ ތަޢާލާ އެމީހަކު ދެކެ ރުހިވޮޑިގަންނަވާކަމުގެ ދަލީލެއް ކަމެވެ.
ސަބަބަކީ ހިތްހަމަޖެހުމާއި އުފާވެރިކަން މިންވަރުކުރައްވަވައިފިނަމަ ހެޔޮ ޢަމަލުތައްކޮށް ﷲ ތަޢާލާ އާއި ކުއްތަންވުމަށް މަސައްކަތްކުރާނީ މަދުމީހެކެވެ. ނަމަވެސް ހިތްދަތިކަމާއި ތަކްލީފް މިންވަރުކުރައްވަވައިފިނަމަ ﷲ ތަޢާލާ އާއި އިތުރަށް ކުއްތަންވުމަށް ގިން ބައަކު މަސައްކަތްކުރާނެތީއެވެ. މިއީ މިކަން ހިނގަން އޮތް ނޫންނަމަވެސް މިކަން ހިނގާނީ މިގޮތަށްކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ﷲ ތަޢާލާ ހިތްދަތިކަން ނުވަތަ ތަކްލީފް މިންވަރުކުރައްވަވައިފިނަމަ ފުރުތަމަ ކަމަކަށްވެސް އޮތީ އުފާކުރުމެވެ. ޝުކުރުވެރިވުމެވެ. ޤަބޫލުކުރަންވީ ތިމާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންވާކަމެވެ. މަސައްކަތްކުރަންވީ ކުރިއަށްވުރެ ބޮޑަށް ކިޔަމަންތެރިކަން އަދާކޮށް އަދި ކުރިއަށްވުރެ ގިނައިން ހެޔޮ ޢަމަލުތައް ކުރުމަށެވެ.
ކަންކަން ކުރިމަތިވުމުން ނާއުންމީދުވެ މާޔޫސްވެވެނީ މިޙަޤީޤަތް ޤަބޫލުނުކުރެވޭތީއެވެ. މިޙަޤީޤަތް ޤަބޫލުކުރާ މީހާ އަބަދުވެސް ހުންނާނީ ހިތްހަމަޖެހިގެން އުފަލުގައެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން