ލާފޭރާމުގެ ޒީނަތްތެރިކަމުން ޙަޤީޤީ ފައިދާއެއް ކުރާނެ މީހުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ލާފޭރާމުގެ ޒީނަތްތެރިކަމުން ޙަޤީޤީ ފައިދާއެއް ކުރާނެ މީހުން-

ސާފުތާހިރުކަމަށް އެންމެ ބޮޑަށް ބާރުއަޅާ ދީނަކީ އިސްލާމް ދީނެވެ. އިސްލާމް ދީނުގައި އޮތީ އަބަދުވެސް ސާފުތާހިރުވެގެން ހުރުމެވެ. ނަފްސް ޒީނަތްތެރިކޮށްގެން ހުރުމެވެ. ސާފުތާހިރު ކަމުގެ ފައިދާ ކުރާނީ ނަފްސް ޒީނަތްތެރި ކުރި ވަރަކުންނެވެ.

ކުރާ މަސައްކަތެއްގެ ގޮތުން ނަމަވެސް ނުވަތަ އެނޫން ގޮތަކުން ނަމަވެސް އަތްހަޑިވެއްޖެނަމަ ސައިބޯންޏާއި އެންޓިސެޕްޓިކް ފަދަތަކެތި ލައިގެން އަތް ދޮވުމަށް އަވަސްވެގަންނަމުއެވެ. ކޮރޯނާ ފެތުރުނުފަހުން ތަނެއްގައި އަތްލެވުނު ނަމަވެސް އަތްދޮންނަން މިތިބީ އާދަވެފައެވެ.

ބަލިތަކުން ސަލާމަތްވުމަށް ސައިބޯންޏާއި އެންޓިސެޕްޓިކް ލައިގެން އަތް ދޮވުމަކީ އިސްލާމް ދީނުގައި ކުރަން އޮތް ކަމެކެވެ. ބައކަށް ކޮވިޑަށްފަހު މިކަންކަމުގެ މުހިންމުކަން އެނގުނު ނަމަވެސް އިސްލާމް ދީން ވަނީ މީގެ 1450 ވަރަކަށް އަހަރުކުރިން މިކަންކަން ބަޔާންކޮށްދީފައެވެ.

މުސްލިމުން ވިސްނައިލަންވީ އެންޓިބައޮޓިކް ހިމެނޭ ސައިބޯނި ފަދަ ތަކެތި ލައިގެން އަތްދޮވުމަކުން މައްސަލަ ހައްލުނުވާނެ ކަމެވެ. ފުރަތަމަ ކަމަކަށްވެސް ކުރަން އޮތް ކަމަކީ ކުރެވެމުންދާ ފާފަތައް ކުރުން ހުއްޓާލައި ފާފަތައް ކުރުމުން އަތްދޮވެލަން ޖެހޭކަމެވެ.

ވީމާ ފުރަތަމަ ކަމަކަށް ހިތާއި ނަފްސް ޠޯހިރުކުރާށެވެ. ހިތާއި ނަފްސް ޠޯހިރުކޮށް ފާފަކުރުމުން ސަލާމަތްވެ ހުންނަން މަސައްކަތްކުރާށެވެ. މިހިސާބުން ސުވާލެއްވެސް ކޮށްލާނަމެވެ.

މީހަކު މަރުވުމުން ސަހަރާއަށް ގޮސް ޖަނާޒާގައި ބައިވެރިވެ 3 މުށްވެލި އުކުމަށްފަހު އެނބުރި އަންނަނީ އަތްދޮވެގެންނެވެ. އެކަން ނުކުރަން ބުނަނީއެއް ނޫނެވެ. ހެދުމުގައި އަތްލެވޭ ގޮތަކުން ކިލާ އުނގުޅިދާނެ ކަމަށްޓަކައިވެސް އެއީ ކުރަން ހަމަ ރަނގަޅު ކަމެކެވެ. ސުވާލަކީ އެޖަނާޒާގެ ސަބަބުން ތިބާގެ ހިތަށް ބިރުވެރިކަން ވަންހެއްޔެވެ؟ އިތުރު ފާފައެއް ނުކުރުމަށް ޢަޒުމް ކަނޑައަޅައި ހިތާއި ނަފްސް ޠޯހިރުކުރަން މަސައްކަތްކުރަން ޢަޒުމްކަނޑައެޅުނު ހެއްޔެވެ؟

ބައެއް މީހުން ވަރަށް ރީތި ފޭރާންލައި ޒީނަތްތެރިވެއެވެ. ލާފޭރާން ޒީނަތްތެރިވުމުން އެކަމުގެ ފައިދާ ކުރާނީ ހަމައެކަނި ބޭރުފުށަށެވެ. އޭނާގެ ނަފްސަށް ޒީނަތްތެރިކަން ލިބުން އޮތީ ފާފަކުރުން ހުއްޓާލުމުންނެވެ. ތައުބާވުމުންނެވެ. ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި އުޅެވޭނަމައެވެ. ޙަޤީޤީ ޒީނަތްތެރިކަމަކީ އެއީއެވެ.

--މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން