ކޮންމެވެސް ކަމެއް ކުރިމަތިވެދާނެ ކަމަށް ބަލައި ބިރުން އަބަދު މާޔޫސްކަންމަތީގައި ނުތިބެބަލާށެވެ! ފަތިސް ނަމާދުން ދުވަސް ފަށައިބަލާށެވެ! ފަތިހު ނުހޭލެވުނު މީހުން މެންދުރުވަންދެން ނުތިބެ ހޭލެވުމާއިއެކު ފަތިސް ނަމާދުން ނިކަން ދުވަސް ފަށައިބަލާށެވެ! ތިމާ ހުންނާނީ ﷲ ގެ ރައްކައުތެރިކަން ލިބިގެންކަން ކަށަވަރުކުރެވޭނީ އެއިރުންނެވެ.
ހިތުގައި ﷲ އަށް އިޚްލާޞްތެރިކަން އެބައޮތް ކަމަށް ބުނެލުމަކުން ނުފުދޭނެއެވެ! އިޚްލާޞްތެރިކަމާއި ކިޔަމަންތެރިކަން ދައްކަން ޖެހޭނީ ޢަމަލުންނެވެ! ކޮންމެ ދުވަހަކުވެސް އެންމެ ފުރަތަމަ ކުރަންޖެހޭ ޢަމަލަކީ ފަތިސް ނަމާދެވެ! ވީއިރު ފަތިސްނަމާދުނުކޮށްހުރެ ތިމާއަކީ ކިޔަމަންތެރިއެއްކަމަސް ބުނާނީ ކިހިނަކުން ހެއްޔެވެ؟
ބަސް އަހާ ކިޔަމަންތެރި ދަރިންގެ ބޭނުންތައް ފުއްދައިދޭން އަހަރެމެން އިސްކަން ނުދެމުހެއްޔެވެ؟ އެކަލާނގެއީ ކިޔަމަންތެރިނުވާ އަޅުންގެ ބޭނުންތައްވެސް ފުއްދަވައި ދެއްވަވާ އޯގާތެރިވަންތަ، ދީލަތިވަންތަ އިލާހްއެވެ! ވީއިރު ﷲ އަށް އިޚްލާޞްތެރި ކިޔަމަންތެރި އަޅުންގެ ބޭނުންތައް ފުއްދަވައި ދެއްވަން ﷲ އިސްކަން ދެއްވަވާނެ މިންވަރު ހިތަށް ނިކަން ގެނެސްބަލާށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން