ކީރިތި ޤުރްއާނުގައިވާ މިއާޔަތަށް ނިކަން ވިސްނައިލަބަލާށެވެ!
"އެކަލާނގެއީ، ތިއަބައިމީހުންނަށްޓަކައި، އިވުމާއި، ފެނުމާއި، ހިތްތައް އުފެއްދެވި ރަސްކަލާނގެއެވެ. ތިއަބައިމީހުން ޝުކުރު ކުރަނީ، ވަރަށްވެސް މަދުންނެވެ." (އަލްމުއްމިނޫން: 78)
އަހަރެމެންގެ މުޅި ހަށިގަނޑަކީވެސް ﷲ ތަޢާލާ އުފައްދަވާފައިވާ އެކަލާނގެ މިލްކެކެވެ. އެހަށިގަނޑުގައި ޙިއްޞުތައް ލެއްވެވީވެސް ހަމަ ﷲ ތަޢާލާއެވެ! އިވުމާއި، ފެނުމާއި، ހިތްތައް ދެއްވެވީ ﷲ ތަޢާލާކަން ބަޔާން ކުރައްވަވާފައި އޮތުމުން އެއީ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ.
އަހަރެމެންނަށް ފެނުން ދެއްވެވީ ހަމައެކަނި އަހަރެމެންނަށް ފައިދާކުރާނެ ތަންތަން ބަލާކަށް ނޫނެވެ. އިވުން ދެއްވެވީ ވެސް ހަމައެކަނި އަހަރެމެންނަށް ފައިދާހުރި އަޑުތައް އަހާކަށް ނޫނެވެ. އަދި ހިތް ދެއްވެވީ ވެސް ހަމައެކަނި އެމިހާއަށް އުފާވެރިކަން ލިބިގަންނާކަށް ނޫނެވެ.
މިބުނި ބަހުގެ މާނަ އޮޅުވައިނުލާށެވެ! ކޮންމެ މީހަކުވެސް އެމީހަކަށް ފައިދާ ކުރާނެ ކަންކަމަށް ވިސްނާނެއެވެ. އުފާވެރިކަންވެސް ލިބިގަންނާނެއެވެ. ނަމަވެސް ހަމަ އަހަރެމެން ފަދަ އެހެން މުސްލިމުންގެ ރުއިމުގެ އަޑުވެސް އަހަންވާނެއެވެ! އެހެން މުސްލިމުންނަށް ކުރިމަތިވެފައިވާ ހިތްދަތި ޙާލަތު ވެސް ފެންނަން ވާނެއެވެ! އަދި އެކަންކަމުން ތިމާގެ ހިތަށް އަސަރުވެސް ކުރަން ޖެހޭނެއެވެ!
ވީމާ މުޞީބާތާއި ދަތިޙާލުގައިވާ މީހުންނަށް އެމީހެއްގެ ފެންވަރުން އެހީތެރިވެދޭށެވެ! ހެޔޮ ދުޢާކުރާށެވެ! ތިމާއަށް ދެއްވެވި ޙިއްޞުތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުން ކަމަށްވާނީ ދަތިޙާލުގައިވާ މީހުންނާއިވެސް ބައިވެރިވުމުންނެވެ!
ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުން މިއަދު ރޮމުން ގެންދާ ރުއިމުގެ އަޑުއަހާށެވެ! އެ ހިތްދަތި، ބިރުވެރި ޙާލަތުން އެމީހުން ސަލާމަތްކޮށްދެއްވެވުން އެދި ގިނަގިނައިން ދުޢާކުރާށެވެ! އެއީ ހަމަ ކޮންމެ މުސްލިމެއްގެ މައްޗަށްވެސް އޮތް މަތިވެރި ވާޖިބެކެވެ!
އަދި ކީއްހެއްޔެވެ؟ އެމީހަކު ދިރިއުޅޭ މުޖުތަމައުގައި ވޭނާއި ކެކުޅުންތައް އުފުލަމުންދާ މީހުންގެ ޙާލު ދެކި އެމީހުން ރޯރުއިމުގެ އަޑުއަހާ މީހަކަށްވާށެވެ! ﷲ ތިމާއަށް ދެއްވަވާފައިވާ ނިޢްމަތްތަކަށް ޝުކުރުވެރިވުމަކީ ހަމައެއީއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން