ބާރު ސްޕީޑުގައި ވެހިކަލް ދުއްވާފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާގުޅުންހުރި އިދާރާތަކަށް ރައިސް އަންގަވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ބާރު ސްޕީޑުގައި ވެހިކަލް ދުއްވާފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާގުޅުންހުރި އިދާރާތަކަށް ރައިސް އަންގަވައިފި

ބާރު ސްޕީޑުގައި ވެހިކަލް ދުއްވާފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާގުޅުންހުރި އިދާރާތަކަށް  ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ.

ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން ރޭ މެންދަމުހިނގި ހިތާމަވެރި ޙާދިސާގައި ލ. އިސްދޫ، ޙަސަން ސަމާޙު ނިޔާވުމާއި ގުޅިގެން މީސް މީޑިއާ މެދުވެރިކުރައްވައި ރައީސް ޙިއްޞާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ އެއްވެސް ރަށެއްގައި، އެއްވެސް ވަގުތަކު ބާރު ސްޕީޑުގައި ވެހިކަލް ދުއްވައިފިނަމަ އެފަދަފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެކަންކަން ތަންފީޒުކުރަން ފަށަން ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް އަގަވާފައިވާކަމަށެވެ.

ހަމައެއާއެކު، ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި، ނުރައްކާތެރިކޮށް ދުއްވުމާ ގުޅިގެން ހިނގާ އެކްސިޑެންޓުފަދަ ހިތާމަވެރި ޙާދިސާތައް ހިނގުން ހުއްޓުވުމަކީ، އެކަމުގައި ހުރިހާ ފަރާތްތަކެއްގެވެސް އެއްބާރުލެއްވުން ބޭނުންވާނެ ކަމެއްކަމުގައި ފާހަގަކުރައްވާފައިވެއެވެ.

ޙަސަން ސަމާޙު ނިޔާވުމާ ގުޅިގެން އެ މަރްޙޫމްގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ޕޯސްޓުގައި 23 އަހަރުގެ ޙަސަން ސަމާޙުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުންއެދި ދުޢާ ކުރައްވާފައިވެއެވެ.

 

މިއަދު އޮންލައިން