ހަނދުމަކޮށްދިނުމެއް!: ފަތިސް ނަމާދު ނުކޮށް ހުރެގެން ރިޒްޤަށް އެދުމަކީ ލަދުވެތިކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ހަނދުމަކޮށްދިނުމެއް!: ފަތިސް ނަމާދު ނުކޮށް ހުރެގެން ރިޒްޤަށް އެދުމަކީ ލަދުވެތިކަމެއް!

ދުވަސްފަށަން ﷲ ތަޢާލާ އަންގަވާފައިވަނީ ފަތިސް ނަމާދުންނެވެ. އެންމެ ލޮބުވެތިކަންބޮޑު ގޮތަކީ ފަތިސްނަމާދުގެ އިހުސުންނަތުން ދުވަސް ފެށުމެވެ. އެހެނަސް ގިނަ ބައަކު އެކަން ބަލައެއް ނުގަނެއެވެ. ބޮޑާވެ ނިދަނީއެވެ. ހޭލަނީ ހޭލާނެ އިރަކުން ކަމުގައިވާނަމަ މިކަންކަމަށް ވިސްނައިލާށެވެ!

ތިމާއަކީ ދިރިއުޅެން ނޯކަރުން ލައިގެން އަމިއްލަ މަސައްކަތްތައް ހިންގާ މީހަކަށްވެސް ވެދާނެއެވެ. ނަމަވެސް އެއީ ތިމާ ފަތިހު ތެދުވެ ފަތިސް ނަމާދުނުކޮށް މެންދުރުވަންދެން ނިދަން އޮންނަން ހުއްދަ ލިބޭ ކަމެއް ނޫނެވެ!

ހުރިހާ ނޯކަރުން ފަތިހު ހޭލައި ނަމާދުކުރިނަމަވެސް ތިބާ ނަމާދު ނުކުރާ ހައި ހިނދަކު ތިބާގެ ނަމާދު އޮންނާނީ ދަރަންޏަކަށެވެ. ތިބާއަށް އެހުރެވެނީ ﷲ ތަޢާލާއަށް ނުކިޔަމަންތެރިވުމުގައެވެ. ފާފަވެރިވާ ޙާލުގައެވެ. ވީއިރު އެހާލަތުގައި ހުރެ ﷲ ތަޢާލާގެ ޙަޟްރަތުން ރިޒުޤަށާއި ކުރާ މަސައްކަތުގައި ބަރަކާތް ލައްވަވައި ދެއްވެވުމަށް އެދުމަށް އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟

އާޚިރަތް ދުވަހާއިމެދު ޣާފިލުވެ މިފަދަ ނުބައި އާދަތަކުގައި ދިރިއުޅެމުންދާ މީހުން ބިރުވެތިވާށެވެ! ޢަމަލުތައް އިޞްލާޙުކުރާށެވެ! ﷲ ތަޢާލާ އަށް ފުރިހަމައަށް ކިޔަމަންތެރިވެ އެކަލާނގެ އަނގަވާފައިވާ މަގުން ރިޒުޤް ހޯދަން މަސައްކަތްކުރާށެވެ! ފަތިސް ނުވެ މެންދުރުވާ މީހުންނަކީ ﷲ ތަޢާލާއަސް ކިޔަމަންތެރިވާ ބައެއް ނޫނެވެ! ވީމާ ފުރަތަމަ ކަމަކަށްވެސް ތިމާ އިޞްލާޙްވާށެވެ!

ދޫނިސޫފާސުފިތަކާ ވަލުޖަނަވާރުވެސް ފަތިހު ހޭލައެވެ. ފަތިސްވުމުން ހާލައި ނަމާދުނުކޮށް އިރުމެދުޖެހެންދެން ނިދަންތިބެން އިންސާނުން ލަދުވެތި ނުވަނީ ކީއްވެގެން ހެއްޔެވެ؟ އެތަކެތި ފަތިހު ތެދުވެ ރިޒްޤް ހޯދަން މަސައްކަތްފަށާއިރު މެންދުރުވަންދެން ނިދަން އޮވެފައި ތެދުވެ ރިޒްޤަށް އެދެން ވެސް ހަމަ ލަދު ނުގަންނަނީ ހެއްޔެވެ؟

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން