ޢާއިޝަތު ރަފާޙް ޢަލީ
އިންސާން ސޫރަތަކީ ކީރިތި ޤުރްއާނުގެ ތަރުތީބަށް ބަލާއިރު 76 ވަނަ ސޫރަތެވެ. މިސޫރަތުގައި 31 އާޔަތް އެކުލެވިގެންވެއެވެ. މިސޫރަތައް "ދަހްރު ސޫރަތް"ވެސް ކިޔެއެވެ.
މި ލިޔުމުގައި މިބަޔާން ކޮށްލަނީ އިންސާން ސޫރަތުގައި ހިމެނިފައިވާ ބައެއް ވާހަކަތަކެވެ.
· އިންސާނުންނަށް ﷲ ތަޢާލާ ދެއްވި ނިޢްމަތްތައް ހަނދާންކޮށްދިނުން:
އެގޮތުން ﷲ ތަޢާލާ މަނިތިއްކަކުން ޚަލްޤު ކުރެއްވިއެވެ. އަދި އިވުމާއި، ފެނުން ދެއްވިއެވެ. ރަނގަޅު މަގު ދެއްކެވިއެވެ. އެތައް ނިޢްމަތްތަކެއް ދެއްވިއެވެ.
ﷲ ތަޢާލާ އިންސާން ސޫރަތުގެ 1 ވަނަ އާޔަތުން 3 ވަނަ އާޔަތައް ވަޙީ ކުރައްވާފައިވެއެވެ.
هَلْ أَتَىٰ عَلَى ٱلْإِنسَٰنِ حِينٌ مِّنَ ٱلدَّهْرِ لَمْ يَكُن شَيْـًٔا مَّذْكُورًا ﴿١﴾ إِنَّا خَلَقْنَا ٱلْإِنسَٰنَ مِن نُّطْفَةٍ أَمْشَاجٍ نَّبْتَلِيهِ فَجَعَلْنَٰهُ سَمِيعَۢا بَصِيرًا ﴿٢﴾ إِنَّا هَدَيْنَٰهُ ٱلسَّبِيلَ إِمَّا شَاكِرًا وَإِمَّا كَفُورًا ﴿٣﴾
މާނައީ: "ނަންގަނެވިގެންވާ އެއްޗެއްކަމުގައި އިންސާނާ ނުވާ ޒަމާންތަކެއް، އެ އިންސާނާގެ މައްޗަށް އައިކަން ކަށަވަރެވެ. (1) ހަމަކަށަވަރުން، އެއްކުރައްވާފައިވާ މަނިތިއްކަކުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. (އެއީ) އޭނާ امتحان ކުރެއްވުމަށްޓަކައެވެ. ފަހެ، ކަންފަތަށް އިވޭ، ލޮލަށް ފެންނަ މީހަކު ކަމުގައި ތިމަންރަސްކަލާނގެ އޭނާ ލެއްވީމެވެ. (2) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އޭނާޔަށް މަގުދެއްކެވީމެވެ. (އެއީ) އޭނާ شكر ވެރިވުމަށްޓަކައެވެ. ނޫނީ އޭނާ ދެކޮޅުވެރިވެ، كافر ވުމަށްޓަކައެވެ. (3)"
ﷲ ތަޢާލާ މުލްކު ސޫރަތުގެ 2 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
ٱلَّذِى خَلَقَ ٱلْمَوْتَ وَٱلْحَيَوٰةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا وَهُوَ ٱلْعَزِيزُ ٱلْغَفُورُ ﴿٢﴾
މާނައީ: "އެކަލާނގެއީ ތިޔަބައިމީހުންކުރެ އެންމެ عمل ރަނގަޅީ ކާކުތޯ امتحان ކުރެއްވުމަށްޓަކައި، މަރުވުމާއި، ދިރިހުރުން، އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، عزيز ވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ. (2)"
އިންސާނުން ދުނިޔެއަށް ފޮނުއްވުނީ އިމްތިހާން ކުރެއްވުމުގެ ގޮތުންނެވެ. އަދި ﷲ ތަޢާލާ އިންސާނުންނަށް ދެ މަގު ދައްކަވާފައިވެއެވެ.
ﷲ ތަޢާލާ ބަލަދް ސޫރަތުގެ 10 އަދި 11 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَهَدَيْنَٰهُ ٱلنَّجْدَيْنِ ﴿١٠﴾ فَلَا ٱقْتَحَمَ ٱلْعَقَبَةَ ﴿١١﴾
މާނައީ: އަދި ދެމަގަށް ތިމަންރަސްކަލާނގެ އޭނާޔަށް މަގުދެއްކެވީމެވެ. (10) ފަހެ، ދަތިކަންހުރިމަގަށް އެ އިންސާނާވަދެ، އެމަގުން ނުހިނގީ ކީއްވެގެންހެއްޔެވެ؟ (11)