މީސްތަކުންނޭވެ! ކޮންމެ ދުވަހަކު އެތައް ބައަކު މަރުވާވާހަކަ ނޫސްތަކުގައި އެބަ ލިޔެއެވެ. މަރުވާ މީހުންގެ ޢުމުރުވެސް އެބަ ލިޔެއެވެ. ރަނގަޅަށް ބަލައިފިނަމަ އެނގޭނެއެވެ. 80 އަހަރަށްވުރެ ގިނަ ދުވަހު ދުނިޔޭގައި ހުރެވެނީ ވަރަށް މަދު މީހަކަށެވެ. 100 އަހަރު ދުނިޔޭގައި ހުރެވެނީ ކޮންމެ 100 އަކުން މީހަކުހައި މަދު ޢަދަދެއްގެ ބައަކަށެވެ.
ދެންވެސް އެނގޭނެ އެއްކަމަކީ މަރުވަން ވަކި ޢުމުރެއް ނެތްކަމެވެ. ކޮންމެ ޢުމުރެއްގައިވެސް ކޮންމެ މީހަކުވެސް މަރުވެދާނެ ކަމެވެ. ކިތަން ޒުވާން ޢުމުރުގައިވެސް މަރުވެދާނެ ކަމެވެ. މިއީ ހަަމ ކޮންމެ ދުވަހަކުވެސް ފެންނަމުން އަންނަ ޙަޤީޤަތްތަކެވެ.
އަހުރެމެން މުސްލިމުން މަސައްކަތްކުރަންވީ ރަތް ދޫލައިގެމަތީގައި ޝަރަފާއި ޢިއްޒަތުގައި ސުވަރުގެ ވަދެވޭނެ މީހަކަށްވުމަށެވެ. އެކަމަށް އެދިގެން ކުރަން އޮތް ކަމަކީ ކުރެވޭ ހެޔޮ ޢަމަލުތައް ގިނަކުރުމެވެ. ފާފައެއް ކުރެވިއްޖެނަމަ ވިއްދައިގެން ހެޔޮކަމެއް ކުރުމުގެ އިތުރުން ވިއްދައިގެން މަދުވެގެން 10 ހެޔޮކަން ކުރަން މަސައްކަތްކުރުމެވެ.
ތައުބާވުންމަތީގައި ހުރެ، ކޮންމެ ދުވަހަކު އަސްތަޣްފާރުކުރަމުން މިމަގުން ޢަމަލުކުރާނަމަ އިން ޝާ ﷲ އެމީހަކާއިއެކުގައި ވާނީ ހަމައެކަނި ހެޔޮ ޢަމަލުތަކެވެ. ސަބަބަކީ މިދަރުސް ފަށަމުންވެސް ބުނި ފަދައިން ތައުބާވެ ހެޔޮ ޢަމަލުކުރުނަމަތީގައި ހުރެގެން ކުރިއަށްދާން މަސައްކަތްކޮށް އަދި ހެޔޮ ޢަމަލުތައްކުރުން ގިނަކުރާނަމަ އެމީހަކަށް ކުރެވޭ ފާފަތަކަކީ ހެޔޮ ޢަމަލުތަކެއް ކަމަށް ﷲ ތަޢާލާ ބަދަލުކުރައްވަވައި ދެއްވަވާނެތެވެ.
އަދިވެސް އެއްކަމެއް ފާހަގަކޮށްލާނަމެވެ. މަރުވާ މީހުންގެ ވާހަކަތައް ނޫސްތަކުން ކިޔާއިރު ގުނަންވީ ޢުމުރުން ދުވަސްވާ ފަހުން މަރުވާ މީހުންގެ ޢަދަދުތަކެއް ނޫނެވެ. ގުނަންވީ މަރުވާ ތިމާއަށްވުރެ ހަގު މީހުންގެ ޢަދަދުތަކެވެ. ކޮންމެ ވަޤުތަކުވެސް ތިމާވެސް މަރުވެދާނެކަން އިޙްޞާޞްކުރެވި، ބިރުވެތިވެވި މަރަށް ތައްޔާރުވެވޭނީ އެއިރުންނެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން