ދަރިންނަށް ނަޞޭޙަތް ދޭންވީ ގިނަގިނައިންނެވެ. ނަމަވެސް ކުދިން ފޫހިނުވާނެ ގޮތަށެވެ. މިޘާލަކަށް އެހައި ގިނައިރު ނަޞޭޙަތްދޭނަމަ އަޑުއަހަން ފޫހިވާނެއެވެ. އަދި ބޭކާރު ވާހަކަ ނުދައްކައި ސީދާ މައްސަލައަށް ސަމާލުކަންދީގެންނެވެ. އަދި އެކަމަށް އެންމެ އެކަށީގެންވާ ވަގުތާއި ކަންކަމަށްވެސް ބަލައިގެންނެވެ.
ދަރިންނަށް ނަޞޭޙަތްދޭންވީ އިޞްލާޙްކުރަން ޖެހޭ ފަދަ ކަމެއް ކުރުމުން ލަސްނުކޮށެވެ. އަޅާނުލައި ލަސްކުރީމާ އެކަމެއް ކުރަން ކުދިން އާދަވާނެއެވެ. އާދަވީމާ އިޞްލާޙްކުރަން އުނދަގޫވާނެއެވެ.
ބައެއް މީހުން ދަރިންނަށް ނަޞޭޙަތް ދެނީ މަހަކު އެއްފަހަރު ފަދަ ދޭތެރެ ވަރަށް ދުރުވާ ގޮތަކަށެވެ. ނަޞޭޙަތްދޭ ފަހަރަކު ގަޑި ދެގަޑިއިރު އެބަ ވާހަކަ ދައްކައެވެ. މިއީ އެކަން ކުރަން ރަނގަޅު ގޮތެއް ނޫނެވެ. އެކަމުން ކުރާ ފައިދާއެއް ނުފެންނަ ކަމަށްވެސް ބުނެވިދާނެއެވެ.
ދަރިން ފިޔަވައި އެހެން މީހުންނަށް ނަޞޭޙަތް ދިނުމުގައިވެސް ކުރުކޮށް، ފޮނިކޮށް، ރަނގަޅު ވަގުތުގައި މަދުވަގުތު ހޭދަކޮށްގެން އެކަން ކުރަން ސަމާލުކަން ދޭންވާނެއެވެ. އެހެނީ ރަސޫލް (ﷺ) ޞަހާބީންނަށް ނަޞޭޙަތް ދެއްވެވުމުގައިވެސް ދީނުގެ މައުލޫމާތު ދެއްވެވުމުގައިވެސް އެކަންކަމަށް ވަރަށް ބޮޑަށް ބެއްލެވިއެވެ.
އެކަންކަމަށް ނުވިސްނާނަމަ އަޑުއަހަން މީސްތަކުން ފޫހިވާނެއެވެ! އަދި ޙާޞިލުކުރަން ބޭނުންވާ ނަތީޖާ ވެސް އޮންނާނީ ޙާޞިލު ނުކުރެވިފައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން