މަލާއިކަތްބޭކަލުން- 3: ފިޔަތައް ލިބެގެންވުން

ކިޔުމަށް ހޭދަވާނީ 3މ 59ސ
މަލާއިކަތްބޭކަލުން- 3: ފިޔަތައް ލިބެގެންވުން

ޢަލީ އިޙްޞާން ފިރާޤް

 

ފިޔަތައް ލިބެގެންވުން:

މަލާއިކަތްބޭކަލުންނަށް އަރަހުށި މާތްﷲ ވަނީ ފިޔަ ދެއްވައިފައެވެ. އެކި މަލާއިކަތުންނަށް ފިޔަ ދެއްވައިފައިވަނީ އެކިވަރަށެވެ. މިވާހަކަ ފާތިރު ސޫރަތުގެ ފުރަތަމަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.

الْحَمْدُ لِلَّهِ فَاطِرِ السَّمَاوَاتِ وَالْأَرْضِ جَاعِلِ الْمَلَائِكَةِ رُسُلًا أُولِي أَجْنِحَةٍ مَّثْنَىٰ وَثُلَاثَ وَرُبَاعَ ۚ يَزِيدُ فِي الْخَلْقِ مَا يَشَاءُ ۚ إِنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿١﴾

މާނައީ: [ حمد ހުރީ اللَّه އަށެވެ. އެކަލާނގެއީ، އިސްވެދިޔަ مثال އަކާ ނުލައި އުޑުތަކާއި، ބިން އުފެއްދެވި ރަސްކަލާނގެއެވެ. ދޭކުން، ތިނަކުން، ހަތަރަކުން ފިޔަފުޅުތަކެއް ލިބިވަޑައިގެންފައިވާ ملائكة ން އެއީ (އެކިއެކި ކަންކަމާއިގެން) ފޮނުއްވާ ބަޔަކުކަމުގައި ލެއްވި ރަސްކަލާނގެއެވެ. ހެއްދެވުމުގައި އެކަލާނގެ އިރާދަކުރައްވާ ގޮތަކަށް އިތުރު ކުރައްވަތެވެ. ހަމަކަށަވަރުން اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.]

ޖާބިރުގެފާނުގެ ބަފައިކަލުން ޢަބްދުﷲ ޝަހީދުވުމުން މަލާއިކަތްބޭކަލުން އެބޭކަލުންގެ ފިޔަފުޅުތަކުން އެކަލޭގެފާނުގެ މައްޗަށް ހިޔާއެޅުއްވިކަން ސާބިތުވެއެވެ. ބުޚާރީ އާއި މުސްލިމު ރިވާ ކުރައްވައިފައިވެއެވެ. ޖާބިރުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންގެ ބައްޕާ ޢަބްދުﷲ ޝަހީދުވެފައިވާ ހާލުކޮޅުގައި ނަބިއްޔާގެ އަރިހަށް ގެނެވުނެވެ. މުޝްރިކުންވަނީ އެކަލޭގެފާނުގެ ހަށިކޮޅުގެ ގުނަވަންތައް ކަނޑާ ގެއްލުން ދީފައެވެ.

ތިމަންނާ އެކަލޭގެފާނުގެ ހަށިކޮޅުގައި އަޅުއްވައިފައިވާ ފޮތިގަނޑު ނަންގަވާ ބައްލަވައިލެއްވުމަށް ގަސްދުކުރެއްވީމެވެ. ނަމަވެސް ތިމަންގެ ގާތްމީހުން އެކަން މަނާކުރިއެވެ. އެތަންވަޅު ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. [މަލާއިކަތުން ތިއްބެވީ އެބޭކަލުންގެ ފިޔަފުޅުތަކުން އެކަލޭގެފާނުގެ މައްޗަށް މެދުކެނޑުމެއްނެތި ހިޔާއަޅުއްވައިގެންނެވެ.] {ރިޔާޟުއްޞާލިޙީން ދިވެހި ތަރުޖަމާ، ޞަފްޙާ 1114}

އިމާމު މުސްލިމު ރިވާކުރައްވައިފައިވާ ދިގު ހަދީޘެއްގައި ދައްޖާލުގެ ވާހަކަ ބަޔާން ކުރައްވަމުން މާތް ރަސޫލާ ޙަދީޘް ކުރައްވައިފައިވެއެވެ. [ފަހެ ދައްޖާލު އެ ޙާލަތުގައި ވަނިކޮށް (އެބަހީ: މީސްތަކުން ފަސާދަކުރުމުގެ މަސައްކަތުގައި ވަނިކޮށް) ﷲ ތަޢާލާ ޢީސާ ބްނު މަރުޔަމު ޢަލައިހިއްސަލާމު ބިމަށް ފޮނުއްވާހުއްޓެވެ. ފަހެ އެކަލޭގެފާނު ފައިބައިވަޑައިގަންނަވާވާހުށީ، މަޑު ރީނދޫކުލައިގެ ދެ ފޭރާކޮޅު ތުރުކުރައްވައިގެންވާ ޙާލުކޮޅުގައި ދެ މަލާއިކަތުންގެ ފިޔަފުޅުތަކުގައި އެކަލޭގެފާނުގެ ދެއަތްތިލަފުޅު އަޅުއްވައިގެން ހުންނަވައި، ދި މިޝްޤުގުގެ އިރުމަތީ ފަރާތުގައިވާ ހުދުކުލައިގެ މުންނާރުގެ ކައިރިއަށެވެ... {ރިޔާޟުއްޞާލިޙީން ދިވެހި ތަރުޖަމާ، ޞަފްޙާ 1524}

މާތްﷲ ރުއްސުންލެއްވި އަބުއްދަރުދާއުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވީތީ ތިމަންނާ އަޑުއެއްސެވީމެވެ. (އިސްލާމީ ޝަރީޢަތުގެ ޢިލްމާއި، ދުނިޔެއާއި އާޚިރަތުގައި މުސްލިމުންނަށް މަންފާހުރި) ޢިލްމެއް ޙާޞިލު ކުރުމުގެ މަގެއް އިޚުތިޔާރުކޮށްފިމީހާ ދަންނާށެވެ. އޭގެ ސަބަބުން އެ މީހަކު ސުވަރުގެ ދިޔުމަށް ފަސޭހަވާނެ މަގެއް ﷲ ތަޢާލާ އެ މީހަކަށް ދައްކަވާ ހުއްޓެވެ. އަދި ހަމަކަށަވަރުން ޢިލްމު ޙާޞިލުކުރާ މީހާގެ މަސައްކަތާމެދު ރުހިވޮޑިގެން މަލާއިކަތުން އެބޭކަލުންގެ ފިޔަފުޅުތައް އޭނާއަށްޓަކައި ތިރިކުރައްވާހުއްޓެވެ. އަދި ހަމަކަށަވަރުން އިސްލާމްދީނުގެ ޢިލްމުވެރިޔާއަށްޓަކައި އުޑުތަކުގައްޔާއި ބިމުގައިވާހައި މަޚުލޫޤުން އޭނާގެ ފާފަފުއްސެވުންއެދި ދުޢާކުރައްވާހުއްޓެވެ. މިގޮތުން ކަނޑުގައިވާ މަސްމަހާމެއްސާށް ދާނދެން އިސްތިޣުފާރު ކުރާހުއްޓެވެ..{ރިޔާޟުއްޞާލިޙީން ދިވެހި ތަރުޖަމާ، ޞަފްޙާ 1150}

މިއަދު އޮންލައިން