އިންސާނުންނަށް ތަޢާލާ ވަނީ އިޚްތިޔާރުތަކެއް ދެއްވަވައިފައެވެ. އެއިގެ ތެރޭގައި ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ގޮންޖަހައި އެމީހަކު ކުރަން ބޭނުންވާ ކޮންމެ ކަމެއް ކުރުމުގެ އިޚްތިޔާރު ވެސް ހިމެނެއެވެ. އެއިޚްތިޔާރުގެ ބޭނުން ތިމާ ބޭނުންވާހައި ގޮތަކަށް ހިފާ މީހުންނަށް ﷲ ތަޢާލާ ދެއްވަވާފައިވާ ގަދަފަދަ އިންޒާރު ޤުރްއާނުން އެނގެން އެބައޮތެވެ.
ﷲ ރަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.
"އަދި ތިމަންރަސްކަލާނގެ ފަރުބަދަތައް ލުހެލައްވައި، ފުނޑުފުނޑުކޮށްލައްވާ ދުވަސް ހަނދުމަކުރާށެވެ! (އެދުވަހުން) ބިންގަނޑު ހަމަހަމަވެ ފާޅުވެގެންވާތީ ތިބާދެކޭނޫއެވެ. އަދި އެއުރެން محشر އަށް ފޮނުއްވާހުށީީމެވެ. ފަހެ، އޭގެތެރެއިން ހަމައެކަކުވެސް ދޫނުކުރައްވާހުށީމެވެ." (އަލްކްހްފި: 47)
ޤިޔާމަތް ދުވަހު ތިމާ ފޭލްވެ ނަރަކައަށް ވަންނަން ޖެހެނީ މިފަދަ އާޔަތްތަކަށް ވިސްނައި ނުލެވޭތީއެވެ. ﷲ ތަޢާލާ މިވަނީ ޤިޔާމަތް ދުވަހުގެ ވާހަކަތައް ވަރަށް ތަފްޞީލުކޮށް ކީރިތި ޤުރްއާނުގައި ބަޔާންކޮށްދެއްވަވައިފައެވެ. ނަރަކައިން ސަލާމަތްވުމަށް އަމަލުކުރަން ޖެހޭ ގޮތް ބަޔާންކޮށް ދެއްވަވައިފައެވެ. ވީމާ ސުވަރުގެ ވަނުމާއި ނަރަކައަށް ވަނުން އޮތީ މީސްތަކުންގެ އަމިއްލަ އިކްތިޔާރުގައެވެ.
މިއަދު މުރުތައްދުވެސް ވެވިދާނެއެވެ! ޙަރާމް ކުރެއްވެވި ކަންކަން ވެސް ކުރެވިދާނެއެވެ! މީސްތަކުންނަށް އަނިޔާވެރިވެސް ވެވިދާނެއެވެ. މަކަރާ ހީލަތްވެސް ހެދިދާނެއެވެ. މީސްތަކުންނަށް އޮޅުވާލައިގެން ނާޖައިޒު ފައިދާތައް ވެސް ހޯދިދާނެއެވެ. އަދި ކީއްހެއްޔެވެ؟ އެންމެ ނަމާދެއް ނުކޮށްވެސް އުޅެވިދާނެއެވެ. ނަމަވެސް އެފަދަ މީހުންނަށް އޮތީ ﷲ ތަޢާލާގެ ވަރުގަދަ އިންޒާރުގެ ވަޙީ ބަސްފުޅެވެ!
ދުނިޔޭގައި މީސްތަކުންނަށް ބައެއް އިޚްތިޔާރުތައް ދެއްވެވުމުން ގަދަ ބަސް ބުނެ އެމީހުންގެ ބާރުގަދަކަން ދައްކާ ބައަކު އުޅެއެވެ. ގުންފައި ޖަހަމުން ހިނގާ މީހުން އުޅެއެވެ. ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލު ނުކުރާ، އަދި ޤަބޫލުކުރި ކަމަށް ބުނަމުން އެންމެ ނަމާދެއްވެސް ނުކުރާ މީހުން އުޅެއެވެ. އެފަދަ މީހުން ވިސްނައިލަންވީ ކީރިތި ޤުރްއާނުގެ މިއާޔަތަށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން