ކޮންމެ މީހަކީވެސް އެމީހަކު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުންނާނެ މީހެކެވެ. އަދި ކޮންމެ ދުވަހަކީވެސް ކޮންމެވެސް ކަންތައްތަކެއް ކުރަން ޖެހޭނެ ދުވަހެކެވެ. ދިރިއުޅުން މިކިޔަނީ އެހުރިހައި ކަމެއް އެއްކޮށްގެންނެވެ. ވީމާ ތިމާ ކުރަން ބޭނުންވާ ހުރިހާ ކަންކަން ފުރިހަމަވެ ނިމޭނެ ދުވަހެއް އަންނާނެ ކަމަށް އުންމީދުވެސް ނުކުރާށެވެ.
މިކަމުގެ އެންމެ ބޮޑު ދަލީލަކީ މީހުންގެ ބޭނުންތައް ފުއްދަވައި ދެއްވެވުމުގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢަމަލުފުޅު ކުރެއްވެވި ގޮތެވެ. މީހަކު ކަމަކު އެދިގެން އައުމުން އެމީހާގެ ބޭނުން އަމިއްލަފުޅަށް ފުއްދަވައި ދެއްވެވެން ނެތް ޙާލުކޮޅުގައި ތެދުވެވަޑައިގެން އެމީހާގެ ބޭނުން ފުއްދަވައި ދެއްވެވޭނީ ކޮން ޞަހާބީއަކަށްތޯ ސުވާލުކުރައްވަވައިގެން ވެސް އެހެން މީހުންގެ ބޭނުންތައް ފުއްދަވައި ދެއްވަވަން މަސައްކަތްޕުޅު ކުރެއްވެވި ކަމެވެ.
ވީމާ އެގޮތަށް ޢަމަލުކުރުން އަހަރެމެންނަށް މިވަނީ ސުންނަތް ކަމަކަށްވެފައެވެ. ރަސޫލް (ﷺ)ގެ ސުންނަތަށް ޢަމަލުކުރުމަކީ އެކަމުގެ ފައިދާ އެމީހަކަށް ދެދުނިޔޭގައިވެސް ފެނިގެންދާނެ ކަމެކެވެ. އިން ޝާ ﷲ
ކޮންމެވެސް ސަބަބެއް މެދުވެރިވެގެން ކޮންމެހެން ކުރަންޖެހޭ ކަންކަން ނުކުރެވިފައި ތިބި އެތައް ބައިވަރު ބައަކު އަބަދުވެސް ތިބޭނެއެވެ. ތިމާގެ ހުރިހާ ބޭނުންތަކެއް ނުފުދިހުރިނަމަވެސް ވެދެވެން އޮތް މިންވަރަކުން އެފަދަ މީހަކަށް އެހީތެރިވެދޭށެވެ! އޭނާގެ ތަކްލީފްތައް ފަސޭހަކޮށްދޭން އެހީތެރިވާށެވެ! އެއިރުން ތިބާއަށް އުފުލަން ޖެހޭ ތަކްލީފްތައް އުފުލަން ﷲ ތަޢާލާ އެހީތެރިވެވޮޑިގެން ދެއްވަވާނެތެވެ. އިން ޝާ ﷲ
ވީމާ އެހެން މީހުންނަށް އެހީތެރިވުމަކީ ތިމާ ކުރަން ޖެހޭ ހުރިހާ ކަންކަން ކުރެވި ނިމުމުން ކުރަން އޮތް ކަމެއް ކަމަށް ނުދެކޭށެވެ! އެހެނީ އެހެން މީހުންނަށް އެހީތެރިވުމަކީ ތިބާ ކުރަން ހުރިކަންކަން ނުވަތަ ކުރަން ބޭނުންވާ ކަންކަން ފުރިހަމަކުރެވުމަށް ބާރަކަށް ވެގެންދާނެކަން ޔަޤީންކުރާށެވެ!
ތިމާގެ ހުރިހާ ބޭނުންތަކެއް ފުދުމުން ޞަދަޤާތްކުރަން ހުންނަ މީހަކަށް ގާތީ އެފަދަ ދުވަހެއް ނުފެނި، އެއްވެސް ޞަދަޤާތެއް ނުކުރެވި ދުނިޔެއާއި ވަކިވާން ޖެހުމެވެ. ސަބަބަކީ އެއްވެސް މީހެއްގެ ހުރިހާ ބޭނުންތަކެއް ނުފުދޭނެތީއެވެ. އިންސާނުންގެ ހިތަކީ ފުރޭނެއެއްޗަކަށް ނުވާތީއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން