ބައެއް ބެލެނިވެރިންނަށް ވިސްނެނީ ކުދިން ކުޑަވީމާ އެމީހުން ކުރާ ކަންކަން ނުވިސްނޭނެ ކަމަށެވެ! ކުރީ ޒަމާނުގައި 15 އަހަރުވާފަހުން އެނގޭ ކަންކަން މިހާރު 5 އަހަރުގެ ކުދިންނަށްވެސް އެނގޭކަން ޤަބޫލުކުރަން ބޭނުމެއް ނުވެއެވެ.
ބައެއް ދެމަފިރިންނަށް ދަރިން ލިބުމުންވެސް ފާފަކުރުން ހުއްޓާލާކަށް ބޭނުމެއް ނުވެއެވެ. އެންމެކުޑަމިނުން އެމީހުންގެ ހުންނަ ނުބައި ޢާދަތައްވެސް ދޫކޮށްލަން ބޭނުމެއް ނުވެއެވެ. މަސްތުވާން ބޭނުންވެއެވެ. ރޭގަނޑު މަޖާކުރަން ބޭނުންވެއެވެ. ދަރިންގެ ކުރިމަތިގައި އައުރަ ނިވާނުކޮށް އުޅެން ބޭނުންވެއެވެ. މިފަދަ ހުރިހާ ކަންކަމަށް ބޭނުންވެގެން ތިބެވެސް ތިމާގެ ދަރިންނަކީ ޝައިޚުންނަށް ހަދަންވެސް ބޭނުންވެއެވެ.
މައިންބަފައިން ފާފަކުރަމުން ދަރިފުޅު ޝައިޚަކަށް ވުމަށް އެދުނީމައި ދަރިފުޅު ވާނީ މައިންބަފައިން ކުރާ ފާފައިގެ ޝައިޚަކަށެވެ. މައިންބަފައިން ކުރާ ފަދަ ފާފަތައްކުރާ ޝައިޚަކަށެވެ.
ބައެއް ބެލެނިވެރިންނަކީ ނައިޓް ކްލަބްތައް ފަދަ މުންކަރާތުގެ އަމަލުތައް ހިންގާ ތަންތަނަށް ޢާންމުކޮށް ގޮސް ކަންކަމުގައި ބައިވެރިވެ އުޅޭ މީހުންނެވެ. އެތަންތަނަށްދަނީ ދަރިންނަށް އެނގިގެންނެވެ. ރޭގަނޑު އަރިއަޅަމުން ގެއަށް ވަންނަ މަންޒަރު އެކުދިންނަށްވެސް ފެނެއެވެ.
އެފަދަ ބައެއް މައިޮންބަފައިން އެތަންތަނުގައި ތިބެގެންވެސް އެދެނީ އެމީހުންގެދަރިންނަކީ އިސްލާމް ދީނުގެ ޢިލްމު ރަނގަޅަށް ދަންނަ ދީނީ ޢިލްމުވެރިންނަށް ވުމަށެވެ. އިސްލާމް ދީނަށް ޚިދުމަތްކުރާ ޝައިޚުންނަށް ވުމަށެވެ. ﷲ ތަޢާލާގެ ދީން މަތިވެރިކުރާ ބައަކަށް ވުމަށެވެ.
އެމީހުން ހީކުރަނީ އެމީހުން ކޮންމެ ގޮތަކަށް އުޅުނު ނަމަވެސް އަދި ކޮންމެ ކަމެއް ކުރި ނަމަވެސް އެމީހުންނަށް ކިޔަވައިދޭ ޝައިޚުންނަށް އެމީހުންގެ ދަރިން ޝައިޚުންނަށް ހެދޭނެ ކަމަށެވެ. ނަމަވެސް އެއީ ވަރަށް މޮޔަވިސްނުމެކެވެ. އެހެނީ ދުނިޔޭގައި ޢާންމު ގޮތެއްގައި ކަންކަން ހިނގަމުން އަންނަނީ އެގޮތަށް ކަމަށް ނުވާތީއެވެ. ތަޖުރިބާ ކުރެވެމުން އަންނަނީ އެގޮތަށް ކަމަށް ނުވާތީއެވެ.
އެފަދަ މީހުންނަށް ބުނަން އޮތް ބަހަކީ ނައިޓް ކްލަބުގައި އިނދެގެން ދަރިން ޝައިޚުންނަށް ވުމަށް އެދޭނަމަ އެދަރިން ވާނީ ނައިޓްކްލަބުގެ ޝައިޚުންނަށް ކަމަށެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ބައްޕަ ނޫނީ މަންމަ ދިއައީ ނައިޓް ކްލަބަށްކަން ދަރިންނަށް އެނގޭނެއެވެ. އެތަނުގައިކުރި ކަންތައްތައް ދަރިންނަށް ރަނގަޅަށް އެނގެއެވެ. ބަނގުރާ ބޮނީކަމާ ފާހިޝް އަމަލުތައް ކުރަނީކަންވެސް އެނގެއެވެ. އެނބުރި ގެއަށް ވަންނަ ޙާލުވެސް ދަރިންނަށް ފެނެއެވެ.
އެހެންކަމަށްވާއިރު އެކަންކަން އެއީ ކުރަން ނުވާނެ ކަންކަން ކަމަށް ދަރިންނަށް ޤަބޫލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ އެކަންކަން ކުރަން ދަރިން ޝައުޤުވެރި ނުވާނީ ކީއްވެގެން ހެއްޔެވެ؟ ދުނިޔޭގައި ކަންކަން ޢާންމުކޮށް ހިނގަމުން އަންނަ އުޞޫލަށް ބަލައިފިނަމަ މައިންބަފައިން ކުރާ އެފަދަ ކަންކަމަށް ދަރިން ޝައުޤުވެރިވެއެވެ.
މިވާހަކަ މިހެން ބުނުމުން ތިމަންނަ ނައިޓްކްލަބަކަށް ނުދަމޭ އެހެންވީމާ މިއީ ތިމަންނައާ ނުބެހޭ ވާހަކައެއް ކަމަށްބުނެ ނިންމައިނުލާށެވެ. އެއަށްވުރެ މިބަހުގެ މާނަ ވަނީ މާބޮޑަށް ފުޅައުވެގެންނެވެ. ކޮންމެ ނުބައިކަމެއް ކުރަމުން ގެންދާ މީހަކުވެސް މިކަމަށް ފުންކޮށް ވިސްނާށެވެ. މައިންބަފައިން ކުރާ ކަންކަން އެއީ ރަނގަޅު ކަންކަމުގެ ގޮތުގައި ދަރިން ބަލައިގަންނާނެއެވެ. ވީމާ އެފުރުޞަތު ދަރިންނަށް ނުދޭށެވެ. ރަނގަޅު ނަމޫނާ ނޫނީ ދަރިންނަށް ނުދައްކާށެވެ. ދަރިންނަކީ ރަނގަޅު ހެޔޮލަފާ ދަރިންނަށް ވާނީ ނަމޫނާ ދެއްކި ވަރަކުންނެވެ.
ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމުގެ ޒިންމާ އާއި މަސްއޫލިއްޔަތު ﷲ ތަޢާލާ އަޅުއްވަވާފައިވަނީ މައިންބަފައިންގެ ކިބައިގައެވެ. ވީމާ އެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާ ބައަކަށް ވާށެވެ. މަސްއޫލިއްޔަތު އަދާކުރަމުން އެހެން މީހުންގެ އެހީތެރިކަމަށް އެދޭށެވެ. ޝައިޚުންގެ އެހީތެރިކަމަށް އެދޭށެވެ. އެދުރުންގެ އެހީތެރިކަމަށް އެދޭށެވެ. ކާމިޔާބުވާނީ އެއިރުންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން