އެއީ އަޅުގަނޑުމެންގެ އަވަށްޓެރިއެކެވެ. އެހެންވެ އޭނާ ކުރި ނުބައި ކަންކަން އެންމެންނަށްވެސް އެނގެއެވެ. އޭނާ މަރުވީވެސް ވަރަށް ބަލިޙާލުގައި އުޅެފައެވެ. އެހެންވެ ބައެއް މީހުން އޭނާއަކީ ނުބައި، ސުންޕާ މީހެއްކަމަށް ބުނެ މިހާރުވެސް އެއްޗެތި ގޮވައެވެ. އެއީ ކުރަން ހުއްދަ ކަމެއްތޯއެވެ؟
ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބުލިބިލައްވާނެއެވެ. އިން ޝާ ﷲ
އެއްވެސް މީހަކު މަރުވަނީ ކޮން ޙާލަތެއްގައިކަން އެއްވެސް މީހަކަށް ނުއެނގޭނެއެވެ. އިސްލާމްކަން ވަންހަނާކޮށްގެންވެސް އެތައްބައަކު ތިބެއެވެ. މީގެ އިތުރުން އެންމެ ފަހުވަގުތު ތައުބާވުމުގެ ފުރުޞަތު ﷲ ތަޢާލާ ދެއްވަވާނެ ބައަކުވެސް ތިބެދާނެއެވެ. މިކަންކަމަކީ އެއްވެސް މީހަކަށް އެނގޭނެ ކަންކަމެއް ނޫނެވެ.
ވީމާ މަރުވެފައިވާ އެއްވެސް މީހަކަށް އެއްޗެތި ކިޔައި ނަހަދާށެވެ! ރަސޫލް ﷺ ގެ ޙަދީޘްފުޅަށް ޢަމަލުކުރާށެވެ. ރަސޫލް (ﷺ) ޙަދިޘްފުޅު ކުރައްވަވާފައިވެއެވެ. "ތިއަބައިމީހުން މަރުވެފައިވާ މީހުންނަށް އެއްޗެތި ނުކިޔާހުށިކަމެވެ! ދެންފަހެ ހަމަކަށަވަރުން އެމީހުން ވަނީ އެމީހުން ކުރި ކަންތައްތަކާ ހަމައަށް ވާޞިލުވެފައެވެ." (ޞަހީޙް ބުޚާރީ: 1393)
މި ހަދީޘްފުޅުން އެނގިގެންދަނީ މަރުވެފައިވާ އެއްވެސް މީހަކާއިދިމާއަށް އެއްޗެތި ކިޔުމެއް ނެތްކަމެވެ. ނަފްރަތުގެ ބަސްތައް ބުނުމެއްވެސް ނެތްކަމެވެ. އެމީހަކު ދެކެ ރުޅި އައުމެއްވެސް ނެތް ކަމެވެ. އެހެނީ މަރުވެފައިވާ މީހާ އެވަނީ އޭނާ ކުރި ޢަމަލުތަކާއިއެކު ﷲ ތަޢާލާގެ ޙަޟްރަތަށް ދަތުރުކޮށްފައެވެ. އޭނާ ކޮށްފައިވަނީ ހެޔޮ ޢަމަލުތައް ނަމަ އޭނާ ވާނީ ﷲ ތަޢާލާގެ ހެޔޮ ރަޙްމަތުގައެވެ. މިބައި ޢަމަލުތައް ނަމަ އެކަމުގެ ޖަޒާ އެމީހަކަށް ދެއްވަވާނެތެވެ.
މީގެ މާނައަކީ ފިރުއަޢުނާއި ޤާރޫނާއި ނަމްރޫދު ފަދަ އެމީހުންގެ ނުބައިކަމުގެ ވާހަކަ ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވަވާފައިވާ މީހުންގެ ވާހަކަ ނުދެއްކުމެއް ނޫނެވެ. އަދި އެބައެއްގެ ވާހަކަ ރަސޫލް (ﷺ) ޙަދީޘްފުޅު ކުރައްވަވާފައިވާ މީހުންގެ ވާހަކަ ނުދެއްކުމެއްވެސް ނޫނެވެ. އެފަދަ މީހުންގެ ވާހަކަތައް ބަޔާންކުރައްވަވާފައި އެވަނީ އެވާހަކަތައް އުނގެނި ދަސްކޮށް އަދި ފެތުރުމަށެވެ. އަދި ޢިބްރަތް ޙާޞިލުކުރުމަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން