އަހަރެމެންގެ ތެރެއިން ގިނަ ބައަކު އެންމެ ގިނައިން ދުޢާކުރަނީ ތަނަވަސްކަމާއި އެނޫންވެސް ދުނިޔަވީ ބޭނުންތަކަށް އެދިގެންނެވެ. އެއީ އެކަންކަން ނުފުދިހުރުމުން ދިރިއުޅުމުގައި ދަތިތައް މެދުވެރިވާތީ ކަމަށްވެސް ވެދާނެއެވެ. އެ ވަގުތުން ވަގުތައް ކުރިމަތިވާ ތަކްލީފްތަކުގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ.
މުސްލިމުންނަށް އޮތީ ކޮންމެ ކަމަކަށް އެދިގެން ވެސް ދުޢާކުރުމެވެ. ވީމާ ދުނިޔޭގެ ބޭނުންތަކަށް އެދިގެންވެސް ދުޢާކުރާށެވެ. އަދި ދުޢާ ތަކުރާރުކުރަމުން ވެސް ގެންދާށެވެ! ހަމައެކަނި ސަމާލުކަން ދޭންއޮތް ކަމަކީ އާޚިރަތް ދެއްވެވުން އެދި ކުރާ ދުޢާ ގިނަކުރުމެވެ. މިބުނަނީ ދުނިޔޭގެ ބޭނުންތައް ފުއްދަވައި ދެއްވެވުން އެދި ކުރާ ދުޢާއަށްވުރެ އާޚިރަތް ދެއްވެވުން އެދި ކުރާ ދުޢާ ގިނަކުރަންޖެހޭ ވާހަކައެވެ.
އެގޮތަށް ބުނަން ޖެހޭ ސަބަބަކީ ދުނިޔެއިން ކުރަން ބޭނުންވި ކަންކަން ޙާޞިލު ނުކުރެވުނު ނަމަވެސް އާޚިރަތް ދުވަހު ކުރަންޖެހޭނެ ހިތާމައެއް ނެތުމުންނެވެ. ނަމަވެސް އާޚިރަތް ޙާޞިލު ނުކުރެވިއްޖެ ނަމަ ކުރަން ޖެހޭނެ ހިތާމައަކީ ނިމުމެއް ނެތް ހިތާމައެއް ކަމަށް ވެސް ބުނެވިދާނެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާ އެވެ.
ކީރިތި ޤުރްއާނާއި ރަސޫލާ (ﷺ)ގެ ސުންނަތުން އެނގޭ ކަމަކީ ނަރަކައިގެ ހޫނުގެ ދިލަ ވައިރޯޅިއެއްހެން ބީހިލާފަށުގައިވެސް އިންސާނަކަށް ކެތް ނުކުރެވޭނެ ކަމެވެ. ވީއިރު ނަރަކައިގެ އަލިފާނުގައި އޮންނަން ޖެހިއްޖެ މީހެއްގެ ޙާލަކީ ކޮބައިހެއްޔެވެ؟ ވީމާ ދުނިޔޭގައި ހޭދަކުރަން މިލިބޭ މަދު ވަގުތުކޮޅުގައި އެންމެ ބޮޑަށް މަސައްކަތްކުރަންވީ އާޚިރަތް ލިބޭ މީހަކު ކަމުގައި ވެވޭތޯއެވެ! ދުޢާކުރުން އެންމެ ގިނަކުރަންވީވެސް އެކަމަށެވެ!
ދުނިޔއާ އާޚިރަތް އެދިގެން ކުރަން އޮތް ދުޢާއެއް:
اللَّهُم يا]فَاطِرَ السَّمَوَاتِ وَالْأَرْضِ أَنْتَ وَلِيِّي فِي الدُّنْيَا وَالْآخِرَةِ تَوَفَّنِي مُسْلِمًا وَأَلْحِقْنِي بِالصَّالِحِينَ
(سورة يوسف،الآية: 101،وانظر للفائدة:كتاب الفوائد لابن القيم،ص 436، و437.)
"އަޅަމެން ހައްދަވާ ބޮޑުކުރެއްވާ އުޑުތަކާއި، ބިން ހެއްދެވި ރަސްކަލާކޮ. ދުނިޔެއާއި، އާޚިރަތުގައި މިއަޅާގެ އެހީތެރިއަކީ، އިބަރަސްކަލާންގެއެވެ. މުސްލިމެއްގެ ގޮތުގައި މިއަޅާ މަރުގަންނަވާންދޭވެ. އަދި ޞާލިޙުންގެ ތެރެއިން މިއަޅާ ލައްވާންދޭވެ."
--އިސްލާމީ ތިލަފަތުގެ ދަރުސަކުން