އުފަލުގަ ދިރިއުޅެން ބޭނުންނަމަ ކުރިމަތިވާ ކޮންމެ ހިތާމައަކީ ލިބުނު ކުރިއެރުމެއް ކަމަށް ޤަބޫލުކުރާށެވެ! ބޭހާނުލާ ނުނިދިގެން އުޅޭކަށް ނުޖެހޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
އުފަލުގަ ދިރިއުޅެން ބޭނުންނަމަ ކުރިމަތިވާ ކޮންމެ ހިތާމައަކީ ލިބުނު ކުރިއެރުމެއް ކަމަށް ޤަބޫލުކުރާށެވެ! ބޭހާނުލާ ނުނިދިގެން އުޅޭކަށް ނުޖެހޭނެ! އިން ޝާ ﷲ

ދުނިޔެއަކީ އެއިގެ ޒާތުގައި ވަޤުތީ އެއްޗެކެވެ. އަހުރެމެންގެ ދުނިޔަވީ ޙަޔާތަކީ ވަޤުތީ އެއްޗެކެވެ. އެހެނަކްމަށްވާއިރު ފުރަތަމަ ކަމަކަށް އަތުގައި އޮތް ކޮންމެ އެއްޗެއްވެސް ގެއްލިގެން ހިނގައިދާނެކަން ވެސް ޤަބޫލުކުރަންވާނެއެވެ! ކިތަންމެ ލޯބިވާ އަނބިމީހާ ނަމަވެސް ފިރިމީހާ ނަމަވެސް އަދި ދަރިން ނަމަވެސްމެއެވެ.

އަތުގައި ކިތަންމެ ގިނަ މުދަލަކާއި ފައިސާތައް ހުރިނަމަވެސް އެއީ އަބަދު ތިމާއާއިއެކުގައި ދެމހުންނާނެ އެއްޗެއްކަމަށް ޤަބޫނުކުރާށެވެ. ކޮންމެ ވަގުތަކުވެސް ތިމާއާއި ވަކިވެގެން ހިނގައިދާނެތީއެވެ.

އަދި ކީއްހެއްޔެވެ؟ މީސްތަކުންގެ ލޯބިލިބުންވެސް އޮތީ ހަމަ އެފަދަ ގޮތަކަށެވެ. މިއަދު ލޯބިވާ މީހުންނަކީ މާދަމާ ރުޅިއައިސް ތިބާއާއި ވަކިވެގެންދާ ބައަކަށްވެދާނެއެވެ. އަދި މިކަންކަން މިބުނިގޮތަށް ވަމުންދާތަންވެސް ދަނީ ފެންނަމުންނެވެ.

މިދެއްކި ވާހަކަތައް ޚުލާޞާކޮށްލާފައި ބުނަން ޖެހޭނީ އިރުއެރުމުން އަލިވާކަން ޤަބޫލުކުރާ ފަދައިން އިރު އޮއްސޭނެކަމާއި އޮއްސުމުން އަނދިރިވާނެކަންވެސް ޤަބޫލުކުރަންވާނެއެވެ. ދިރިއުޅުމުގައި ހިތާމަތައް ކުރިމަތިވާނެކަމާއި ނިޢްމަތްތައް ލިބޭ ފަދައިން ގެއްލިގެންގެންދާނެކަންވެސް ޤަބޫލުކުރަންވާނެއެވެ.

ޔަޤީންކުރަންވީ ކަމަކީ ގެއްލިގެންދާ ކޮންމެ ނިޢްމަތެއް ގެއްލިގެން އެދަނީ ފަހުން އޮތް ރަނގަޅަކަށް ކަމެވެ. ބަދަލުގައި ދެއްވަވާނެ ނިޢްމަތް މާބޮޑުވާނެ ކަމެވެ. ދުނިޔޭގައި އަނބުރާ ނުދެއްވެވި ނަމަވެސް އާޚިރަތުގައި ދެއްވަވާނެ ކަމެވެ. އަދި އެއީ އެންމެ ފައިދާ ހުރި ގޮތް ވެސް ކަމެވެ.

މި ޙަޤީޤަތްތައް ޤަބޫލުކުރާ މީހާ ކަންބޮޑުވެ ފިކުރުބޮޑުވެގެން ނަފްސާނީ ޑޮކްޓަރުންނަށް ދައްކައިގެން ބޭސް ހޯދާކަށް ނުޖެހޭނެއެވެ! އޭނާއަށް ލިބެން ޖެހޭ ހުރިހާ ފަރުވާއެއް ދާނީ ލިބެމުންނެވެ. އޭނާގެ އީމާންކަމުންނެވެ. ތަޤްވާވެރިކަމުންނެވެ. ވަކީލުކުރުމުންނެވެ.

އެހެންކަމުން ކުރިމަތިވާ ކޮންމެ ހިތާމައަކީ ލިބުނު ކުރިއެރުމެއް ކަމަށް ދެކޭށެވެ! ލިބުނު ހިތާމަ އިރުކޮޅަކުން ފިލައިގެންދާނެކަން ޔަޤީންކުރާށެވެ! އެއީ "ލައިފްސައިކްލް"ގެ ބައެކެވެ. އުފާވެރިކަން، ހިތްދަތިކަން އަބަދުވެސް ދާނީ ދައުރުކުރަމުންނެވެ. ގަޑީގެ ކަށިފަދައިންނެވެ.

ހިތާމައަކީ މިކަންކަން ރަނގަޅަށް އެނގޭއިރުވެސް ބަލައިނުގަނެވޭކެމެވެ. ބަލައިނުގަނެވެނީ ﷲ ތަޢާލާ އާއި އޮންނަން ޖެހޭ ގުޅުން ކުޑަވާތީއެވެ. އެކަން ހައްލުކުރުމުން ހުރިހާ ކަންކަންވެސް ދާނީ ޙައްލުކުރެވެމުންނެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން