މިއީ ވަރަށް ގިނައިން ދެވޭ ނަޞޭޙަތެކެވެ. މިރޭވެސް ތަކުރާރުކޮށްލާނަމެވެ. އެއީ ހަމަ ކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ. އަހަރެމެން އެންމެންގެވެސް އުފާވެރިކަން ގުޅިފައިވަނީ ޒަވާޖީ ޙަޔާތާއި ކަމަށްވެފައި ކައިވެނި ރޫޅިގެން ދިއުމުން ކުރިމަތިވާ މައްސަލަތަކުގެ ސަބަބުން ގިނަފަހަރަށް ހުރިހާ އުފާވެރިކަމެއް ގެއްލިގެންދާތީއެވެ.
ކައިވެނި ޙިމާޔަތްކުރަން ފުރަތަމަ ކަމަކަށް ކުރަންޖެހޭ ކަމަކީ ތިމާގެ އަނގަ ތަޅުލުމެވެ. އަނބިމީހާގެ ނަމަވެސް ފިރިމީހާގެ ނަމަވެސް ރަނގަޅު ކަމުގެ ހުރިހާ ވާހަކަތަކެއް އެހެން މީހުންނަށް ކިޔައި ނުދޭށެވެ.
މުހިންމު 2 ސަބަބަށްޓަކައެވެ.
ފުރަތަމަ ސަބަބަކީ އެސްފީނާއެވެ! ހަސަދަވެރިކަމެވެ. ދެވަނަ ސަބަބަކީ "ޖަހައިގެންފާނެ" ކަމެވެ.
ދުނިޔޭގެ މިއަދުގެ ޙާލަތަށް ބަލައިފިނަމަ ހެޔޮލަފާ، ރަނގަޅު އަނބިންވެސް އަދި ފިރިންވެސް ވަރަށް މަދެވެ. ގިނަ ބައަކު ދިރިއުޅެމުން ގެންދަނީ ހިތާމަ އާއި ހިތްދަތިކަމުގައެވެ. ވީމާ ތިމާއަށް އުފާވެރިކަން ލިބިދޭ ފަދަ ބައިވެރިއަކު ލިބިފައިވަނީ ވަރަށް މަދު މީހަކަށެވެ.
ތިބާއަށް ލިބިފައިވަނީ އެފަދަ ބައިވެރިއަކުކަން އެނގުމުން ތިބާއަށްޓަކައި ހެޔޮ ދުޢާކުރާނީ މަދު މީހެކެވެ. ގިނަ މީހުން އެކަމަށް ވާނީ ހަސަދަވެރިއެވެ. ލާނީ އެސްފީނާ އެވެ.
ކުރިން ބުނިހެން ދެވަނަ ސަބަބަކީ ޖަހައިގަންނަން މަސައްކަތްކުރާނެކަމެވެ. މިކަންކަމަކީ ކިތަންމެ ނުބައި ކަމެއް ނަމަވެސް ގިނަ ބައެއްގެ އަމަލުތައް މިއަދު ހުންނަނީ މިފަދަ ގޮތަކަށެވެ.
ރަނގަޅަށް ވިސްނައިލާށެވެ! ހެޔޮ ގޮތުގައި ދިރިއުޅޭ ގިނަ ދެމަފިރިންނަށް މައްސަލަތައް ކުރިމަތިވެފައި ހުންނާނީ އެންމެ ގާތް މީހުންގެ ސަބަބުންނެވެ. އަމިއްލަ ޢާއިލާގެ ތެރެއިންވެސް މައްސަލަތައް ކުރިމަތިވުމަކީ އަބަދުހެން މެދުވެރިވަމުން އަންނަ ކަމެކެވެ.
މުސްލިމުންނަށް އޮތީ އަނެކާއަށްޓަކައި ހެޔޮކޮށްހިތުމާއި ހެޔޮދުޢާކުރުމެވެ. ނަމަވެސް އަމިއްލަ އެދުމުގެ ކުރިމަތީގައި އެކަން ހަނދާން ހުންނަ މީހުން ވަރަށް މަދެވެ.
ވީމާ ކިތަންމެ ގާތް މީހަކަށް ނަމަވެސް ބައިވެރިޔާގެ ކިބައިގައި ހުރި ހުރިހާ ރަނގަޅު ސިފަތައް ކިޔައި ނުދޭށެވެ! ސުވާލުކުރި ނަމަވެސް ކިޔައި ނުދީ ހިފަހައްޓަން ޖެހޭ ކަންތައްތަކެއް ހުންނާނެއެވެ! ދިރިއުޅުމުގެ މިބާވަތުގެ ކަންކަމުގައި އިސްކުރަން ޖެހޭނީ ތިމާގެ މަޞްލަޙަތެވެ. ވީމާ މިކަންކަމަށް ހޭލުންތެރިވާށެވެ! ނުވެވުނުނަމަ އެކަމުގެ ހިތާމަ ކުރަންޖެހުން އޮންނާނީ ދާދިގާތުގައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން