ކައިވެނި ރޫޅުމުގެ މައްސަލައަށްވެސް އޮތް އެންމެ ކާމިޔާބު ހަތިޔާރުގެ ބޭނުން މިމަގުން ހިފައި ނިކަން ތަޖުރިބާކޮށްލަބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ކައިވެނި ރޫޅުމުގެ މައްސަލައަށްވެސް އޮތް އެންމެ ކާމިޔާބު ހަތިޔާރުގެ ބޭނުން މިމަގުން ހިފައި ނިކަން ތަޖުރިބާކޮށްލަބަލަ!

އެއްދުވަހަކު އަހުރެންގެ ގާތަށް އައި އަންހެނަކު ބުނީ އޭނާގެ ކުޑަކުޑަ 2 ދަރިން ތިބޭ ކަމަށާއި ފިރިމީހާ އުޅެނީ އެހެން އަންހެނަކާއި ހިތާވެ އޭނާއާއި ކައިވެނިކުރަންވެގެން ކައިވެނި ރޫޅައިލަން ކަމަށެވެ. އެހެންވެ އެޙާލަތުން އޭނާ ސަލާމަތްވުމަށް ކުރާނެ ދުޢާއެއް ބުނެދިނުމަށެވެ. 

ޖަވާބުގައި އަހުރެން ބުނީމެވެ. "ތިބާ ފަރުޟު ނަމާދުތަކަށް ރައްކައުތެރިވާށެވެ. ރަވާތިބް ސުންނަތްތަކަށާއި ވިތުރިއަށްވެސް ރައްކައުތެރިވާށެވެ. އަދި ރޭގަނޑުގެ ފަހުދަންފަޅީގައި ތަހައްޖުދު ނަމާދަށް ނިޔަތްގަނެ އެންމެ 2 ރަކްޢަތްނަމަވެސް ކުރާށެވެ. ދެން ތިބާ ދަންނަވަން ބޭނުންވާ ހުރިހާ ވާހަކަތަކެއް ތިބާއަށް ވިސްނޭ ޢިބާރާތަކުން ދަންނަވާށެވެ. 

މިކަންކަން ކުރަމުން އިސްތިޣްފާރުކުރުން ގިނަކުރާށެވެ. ކޮންމެ ދުވަހަކު މަދުވެގެން 300 ވަރަކަށްފަހު އަސްތަޣްފިރުﷲ ކިޔާށެވެ. ކުރިމަތިވެގެން ތިއައުޅޭ ކަންތަކަށް ނުވެސް ވިސްނާށެވެ! ވާނެ ގޮތް ﷲ ތަޢާލާއަށް ވަކީލުކޮށްލާށެވެ!"

މަހެއްހައި ދުވަސްފަހުން އެނބުރި އައިސް ބުނީ ފިރިމީހާގެ ވިސްނުން ބަދަލުވެއްޖެކަމަށާއި މިހާރު އުޅެނީ ކުރިއަށްވުރެވެސް މާލޯބިން ކަމަށެވެ. 

މިފަދަ މައްސަލައެއްގައި އެހެން އަންހެނަކަށްވެސް ހަމަ މިފަދައިން ނަޞޭޙަތްދިނީމެވެ. ދުވަސްކޮޅެއްފަހުން އޭނާ އެނބުރި އައިސް ބުނީ ފިރިމީހާ އޭނާ ވަރިކޮށްލައިފިކަމަށެވެ. އޭނާއަށް ބުނީމެވެ. "އެހެންވެއްޖިއްޔާ ކުރިން އަސްތަޣްފާރުކުރީ 300 ފަހަރު ކަމަށްވާނަމަ ދެން 500 ވަރަކަށް ފަހަރު އަސްތަޣްފާރުކުރާށެވެ. ނުވަތަ އެއަށްވުރެވެސް ގިނަކުރާށެވެ." 

އެއިގެ ހައަކަ މަސްދުވަސްފަހުން އެނބުރި އައިސް ބުނީ 2 ވަނަ ފިރިއަކު ލިބިއްޖެކަމަށާއި ޢޭނާއަކީ ކުރީގެ ފިރިމީހާއަށްވުރެ ހުރިހާ ގޮތަކުންވެސް ރަނގަޅު ފިރިއެއްކަމަށެވެ. ދެން އޭނާއަށް ބުނީމެވެ. ނަމަނަމަ އަސްތަޣްފާރުކުރުން ހުއްޓައިނުލާށެވެ. އެއީ އެކަމަށް ވިސްނައި ސަމާލުކަންދީގެން ހުންނަ މީހަކަށް ކުރަން އެއްވެސް އުނދަގޫކަމެއް ނޫނެވެ." 

މީސްތަކުންނޭވެ! އަސްތަޣްފާރުކުރުންމަތީގައި ދެމހުންނަ މީހަކަށް ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް އެކަމަކުން ސަލާމަތްވެވޭނެ މަގެއް ދައްކަވާނެތެވެ. އެއީ ހިތްދަތިކަން، އަތްމަތިދަތިކަން ނުވަތަ ކޮންމެ ކަމެއް ނަމަވެސް މައްސަލައެއް ނެތެވެ. މިއީ ޙަދީޘްފުޅުން އެނގެން އޮތް ކަމެކެވެ. 

އިތުރަށް ބުނެލަންބޭނުންވަނީ އަހުރެން ބުނެފައި އެވާ ފަދައިން ހަމައެކަނި އަސްތަޣްފާރުކުރުމަކުން ނުފުދޭނެއެވެ. ﷲ ތަޢާލާއަށްޓަކައި ތިމާ ކުރަންޖެހޭ ކަންކަންވެސް ކުރަމުން ގެންދަންވާނެއެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނީ ކިޔަމަންތެރިކަން އަދާކުރާވަރަކުންނެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން