ޢަލީ އިޙްޞާން ފިރާޤް
ކެއިންބުއިމުން ދުރުވެގެންވުން:
މަލާއިކަތްބޭކަލުންނަކީ ކެއުން ބުއިމަކަށް ބޭނުންވާ ބައެއްނޫނެވެ. އެކަން އިބްރާހީމުގެފާނުގެ ވާހަކައިން ދޭހަވެއެވެ. އިބްރާހީމުގެފާނުގެ އަރިހަށް ވަޑައިގެންނެވި މަލާއިކަތްބޭކަލުންގެ ވާހަކައާ ބެހޭގޮތުން ޛާރިޔާތު ސޫރަތުގެ 25 ވަނަ އާޔަތުން ފެށިގެން 28 ވަނަ އާޔަތުގެ ނިޔަލަށް ވަޙީ ކުރައްވައިފައިވެއެވެ.
فَرَاغَ إِلَىٰ أَهْلِهِ فَجَاءَ بِعِجْلٍ سَمِينٍ ﴿٢٦﴾ فَقَرَّبَهُ إِلَيْهِمْ قَالَ أَلَا تَأْكُلُونَ ﴿٢٧﴾ فَأَوْجَسَ مِنْهُمْ خِيفَةً ۖ قَالُوا لَا تَخَفْ ۖ وَبَشَّرُوهُ بِغُلَامٍ عَلِيمٍ ﴿٢٨﴾
ފަހެ، އެކަލޭގެފާނު، އެކަލޭގެފާނުގެ أهل ވެރިންގެ ގާތަށް ސިއްރިޔާތުގައި ވަޑައިގަތެވެ. އަދި ރޫފަރަނގަޅު ޅަގެރިއެއް (ފިއްސަވައިގެން) ގެންނެވިއެވެ. ދެން އެ މެހުމާނުންނާއި، އޭތި ކައިރިކޮށްލައްވައި ވިދާޅުވިއެވެ. ތިޔަބައިމީހުން ނުކާނޫހެއްޔެވެ؟ ފަހެ، އެކަލޭގެފާނުގެ ހިތްޕުޅަށް އެއުރެންނާމެދު، ބިރުވެރިކަމެއް ވަދެއްޖެއެވެ. އެ މެހުމާނުން ދެންނެވޫއެވެ. ކަލޭގެފާނު ބިރުފުޅުގެންވަޑައިނުގަންނަވާށެވެ! (ތިމަންމެންނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ފޮނުއްވި ملائكة ންނީމުއެވެ.) އަދި އެ މެހުމާނުން އެކަލޭގެފާނަށް علم ވެރި ދަރިކަލަކު ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި خبر ދެއްވޫއެވެ.
ހޫދު ސޫރަތުގެ 70 ވަނަ އާޔަތުގައި މިވާހަކަ ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.
فَلَمَّا رَأَىٰ أَيْدِيَهُمْ لَا تَصِلُ إِلَيْهِ نَكِرَهُمْ وَأَوْجَسَ مِنْهُمْ خِيفَةً ۚ قَالُوا لَا تَخَفْ إِنَّا أُرْسِلْنَا إِلَىٰ قَوْمِ لُوطٍ ﴿٧٠﴾
ފަހެ، އެބޭކަލުންގެ އަތްޕުޅުތައް، އެ ފަރީއްކޮޅާ ހަމަޔަށް ނުދާތީ ދެކެވަޑައިގެން، އެބޭކަލުންނާމެދު إنكار ކުރެއްވިއެވެ. އަދި އެބޭކަލުންނާމެދު ހިތްޕުޅުގައި ބިރުވެރި ކަމެއް އުފެދުނެވެ. އެބޭކަލުން ދެންނެވޫއެވެ. ކަލޭގެފާނު ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން، ތިމަންމެން ފޮނުއްވީ، لوط ގެފާނުގެ قوم އަށެވެ.
އިމާމު ޤުރްތުބީ ބަޔާން ކުރައްވައިފައިވާ ގޮތުގައި އިބްރާހީމުގެފާނުގެ އަރިހަށް ވަޑައިގެންނެވި މަލާއިކަތްބޭކަލުންގެ ތެރޭގައި جِبْرِيلُ ގެފާނާއޮ مِيكَائِيلُ ގެފާނާއި، إِسْرَافِيلُ ގެފާނު ހިމެނިވަޑައިގަންނަވައެވެ.