ކިތަންމެ ބޮޑު ތަކުލީފެއް އުފުލަންޖެހިފައިވީނަމަވެސް އަދި ކިތަންމެ ބޮޑު ހިތްދަތިކަމެއްގައި އުޅެންޖެހިފައިވީނަމަވެސް ދުޢާކުރުން ގިނަކުރާށެވެ! ގިނަގިނައިން ދުޢާ ކުރުމަކީ ހިތަށް ފިނިކަން ލިބޭނެ އެންމެ ފަސޭހަމަގެވެ!
އެހެނީ ދުޢާކުރުމަކީ އެންމެ ފަސޭހައިން ކުރެވޭނެ ކަންތަކެވެ. މުސްލިމުން ދުޢާކުރަން ވަކި ވަގުތެއް ނެތެވެ. ކޮންމެ ވަގުތަކުވެސް ދުޢާކުރަންވީއެވެ. އެމީހަކަށް ބޭނުމެއް ޖެހުމުން ދުޢާކުރަން އަވަސްވެގަންނަންވީއެވެ. މުސްލިމުންގެ ދުޢާ އަބަދުވެސް ހުންނާނީ ﷲ ތަޢާލާގެ ޙަޟްރަތަށް އުފުލިއުފުލިއެވެ.
ކޮންމެ ދުޢާއެއް ކުރަން ފަށަމުން ވެސް ރަސޫލް (ﷺ) އަށް ޞަލަވާތް ކިޔަވާށެވެ! އަދި ތިމާ އާއި އެންމެހައި މީސްތަކުންނަށްޓަކައި ހެޔޮ ދުޢާކުރުން ގިނަކުރާށެވެ! ގިނަގިނައިން ﷲ ގެ ހަޟްރަތުން ކަންކަމަށް އެދޭ މީޙުން ދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ.
ﷲ ގެ ރަޙްމަތްފުޅުގެ ހުރި ތަނަވަސްކަން އެއްވެސް މީހަކަށް އިޙްޞާޞްވެސް ނުކުރެވޭނެއެވެ. ﷲ ގެ ރަޙްމަތަށް އެދިއެދި ހުންނާށެވެ! އެންމެންނަށް ކުރިމަތިވެފައިވާ އެންމެހައި ހިތްދަތިކަމާ މުޞީބާތްތައް ﷲ ދެކެދެނެވޮޑިގެންވެއެވެ. ލޮލުން ފައިބާ ކަރުނަތައްވެސް ދެކެދެނެވޮޑިގެންވެއެވެ. އިޚްލާޞްތެރިންނަށް ﷲ ގެ ރަޙްމަތް އަބަދުވެސް ދާނީ އޮހެމުންނެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން