ޢަލީ އިޙްޞާން ފިރާޤް
މާތްﷲ އަށް އަޅުކަން ކުރެއްވުމުގައި ފޫހިފުޅުނުވުން:
މަލާއިކަތްބޭކަލުންނަކީ އަރަހުށި މާތްﷲ އަށް އަޅުކަން ކުރެއްވުމުގައްޔާއި، އެކަލާނގެއަށް ތަސްބީޙަ ވިދާޅުވުމުގައްޔާއި، އެކަލާނގެ އަމުރުފުޅުތަކަށާއި ނަހީފުޅުތަކަށް ކިޔަމަންތެރިކަން އަދާކުރުމުގައި ފޫހިފުޅުވެވަޑައިގަންނަވާ ބޭކަލުންނެއްނޫނެވެ. ވަރުބަލިފުޅުވެވަޑައިގަންނަވާ ބޭކަލުންނެއްނޫނެވެ. އަންބިޔާއު ސޫރަތުގެ 19 އަދި ވިހިވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَلَهُ مَن فِي السَّمَاوَاتِ وَالْأَرْضِ ۚ وَمَنْ عِندَهُ لَا يَسْتَكْبِرُونَ عَنْ عِبَادَتِهِ وَلَا يَسْتَحْسِرُونَ ﴿١٩﴾ يُسَبِّحُونَ اللَّيْلَ وَالنَّهَارَ لَا يَفْتُرُونَ ﴿٢٠﴾
މާނައީ: [އަދި އުޑުތަކާއި، ބިމުގައިވާހާ ބަޔަކު މިލްކުވެގެންވަނީ، އެކަލާނގެއަށެވެ. އެކަލާނގެ حضرة ގައިވާ ملائكة ން، އެކަލާނގެއަށް އަޅުކަން ކުރުމަކަށް ބޮޑާވެއެއްނުގަނެތެވެ. އަދި ވަރުބައްޔެއްވެސް ނުމެވޭމެއެވެ. އެ ملائكة ން ރެޔާދުވާލު ފޫހިވުމެއްނެތި (އެކަލާނގެ حضرة އަށް) تسبيح ދަންނަވަތެވެ.]
މަލާއިކަތްބޭކަލުންގެ ކިޔަމަންތެރިކަމުގެ ބޮޑުކަން ހުރި މިންވަރަކީ، އެބޭކަލުން އިސްވެ އަރަހުށި މާތްﷲ ގެ ޙަޟްރަތަށް ބަސްފުޅުވެސް ނުދަންނަވާ ކަމެވެ. އެކަން ބަޔާން ކުރައްވާ އަންބިޔާއު ސޫރަތުގެ 27 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
لَا يَسْبِقُونَهُ بِالْقَوْلِ وَهُم بِأَمْرِهِ يَعْمَلُونَ ﴿٢٧﴾
މާނައީ: [އެބޭކަލުން އެކަލާނގެ حضرة އަށް އިސްވެބަހެއް ނުދަންނަވާނެތެވެ. އަދި އެބޭކަލުން عمل ކުރައްވާނީ، އެކަލާނގެ އަމުރުފުޅާ އެއްގޮތަށެވެ.]