ތިމާ އެދޭ ކަންކަން ޙާޞިލުނުވުމުން ﷲ ތަޢާލާ ތިމާ ދެކެ ލޯބިވެވޮޑިނުގަންނަވަނީ ކަމަށް އެއްގޮތަކަށްވެސް ހީނުކުރާށެވެ. އެއިގެ ބަދަލުގައި ތިމާ ދެކެ މާބޮޑަށް ލޯބިވެވޮޑިގަންނަވަނީ ކަމަށް ޤަބޫލުކުރާށެވެ! ސަބަބުތައް މިކިޔައިދެނީއެވެ.
ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި އޮތީ މިފަދައިންނެވެ.
"މިދުނިޔޭގެ ދިރިއުޅުމަކީ، ކުޅިވަރެއް ކަމުގައްޔާއި، މަޖަލެއް ކަމުގައި ނޫނީ ނުވެތެވެ. އަދި ހަމަކަށަވަރުން، ޙަޤީޤީ ދިރިއުޅުންވަނީ، އާޚިރަތުގެ ގޮވަތީގައިކަން ކަށަވަރެވެ. އެއުރެންނަށް އެކަން އެނގޭނަމައެވެ." (އަލްޢަންކަބޫތު: 24)
ވީއިރު މިދުނިޔެއިން ތިބާ އެދޭހައި ކަމެއް ޙާޞިލު ނުވުމުގައި އޮތީ ކޮން މައްސަލައެއް ހެއްޔެވެ؟ ހިތާމަކުރަންވީ އާޚިރަތް ދުވަހުގެ އުފާވެރިކަން ނުލިބިދާނެތީ ނޫން ހެއްޔެވެ؟ ވީމާ މިދުނިޔެއިން ހަަމ އެއްވެސް ކަމެއް ޙާޞިލު ނުވި ނަމަވެސް ކަންބޮޑު ނުވެ އާޚިރަތް ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ!
މިވާހަކަތައް ވަރަށް ގިނަ ފަހަރު ތަފާތު ޢިބާރާތްތަކުން އެބަ ބުނެދެމެވެ. ނަމަވެސް ވިސްނާ މީހުންނަށްވުރެ ގިނައީ ނުވިސްނައި ދުނިޔޭގެ އެދުންތައް އިސްކުރާ މީހުންނެވެ. މިއީ ހިތާމަހުރި ކަމެކެވެ.
ބައެއް މީހުން އެމީހުން އެދޭ ކަންކަން ދުނިޔޭގައި ހިންމަވައި ދެއްވެވުން ލަސްވުމުން ތެޅިފޮޅެއެވެ. ދުޢާކޮށް ﷲ ތަޢާލާއަށް ދެންނެވުންވެސް ގިނަކުރެއެވެ. އަދި ކީއްހެއްޔެވެ؟ މާޔޫސްވެ ދުނިޔެއިން މޮޔަވާ ހިސާބަށްވެސް ކަންކަން ދުއްވައިލައެވެ.
އެފަދަ މީހުން މި ގޮތަށް ވިސްނައިލާށެވެ! ﷲ ތަޢާލާ އެދެއއްވަވަނީ ވަރަށް މުހިންމު މެސެޖެއް ކަމާއިމެދުގައެވެ. އެ މެސެޖަކީ މިއީ ކަމަށްވެސް ވެދާނެއެވެ.
"ތިމަން ﷲ ގެ އަޅާ ތިއަ އެދޭ ކަންކަން ހިންމަވައި ނުދެއްވަވައި ލަސްކުރައްވަވަނީ ތިމަން ﷲ ގެ އަޅާ ދެކެ ލޯބިވެވަޑައިގަންނަވާތީއެވެ. އެ ނިޢްމަތް ދެއްވަވައިފިނަމަ ތިމަން ﷲ ގެ އަޅާ ތިމަން ﷲ އާއި ދުރުހެލިވެދާނެ ކަމަށްޓަކައެވެ. މަގު އޮޅި ފާފަތައްކޮށް ނަރަކައަށް ވަދެދާނެ ކަމަށްޓަކައެވެ. ތިބާ ރަނގަޅު ގޮތުގައި ތިމަން ﷲގެ ޙަޟްރަތަށް އަންނާށެވެ! ތިބާގެ ހިތް ފުރި އިތުރުވާވަރަށް ތިމަން ﷲ ތިބާއަށް ނިޢްމަތްތައް ދެއްވަވާހުށީމެވެ. "
--މުފްތީ މެންކްގެ ދަރުސަކުން