މުޅި ދުނިޔޭގެ އެންމެންނަށް ބެލިނަމަވެސް ކޮންމެ މީހަކީވެސް ލޯތްބަށް ބޭނުންވާނެ މީހެކެވެ. އެކަމުގައި މުއްސަންޖެއް ފަޤީރެއް ތަފާތެއް ނުވެއެވެ. އެންމެންވެސް ލޯބި ބޭނުންވާނެއެވެ. ޚާއްޞަކޮށް ކޮންމެ މީހަކީވެސް އެމީހާގެ ބައިވެރިޔާގެ ކިބައިން ލޯބި ބޭނުންވާނެ މީހެކެވެ.
ލޯތްބަކީވެސް ގަންނަންޖެހޭ އެއްޗެކެވެ. ނަމަވެސް ބޭނުންވާނީ ފައިސާއެއް ނޫނެވެ. ގަންނަން ކުރަންޖެހޭނެ ކަމަކީ ބައިވެރިޔާގެ ކިބައިން ލޯބި ބޭނުންވާވަރަށް ވުރެ ބޮޑަށް ތިބާ ބައިވެރިޔާ ދެކެ ލޯބިވެ އަދި ލޯބިދިނުމެވެ!
ހަމަ އެފަދައިން ތިބާ ދެކެ އެހެން މީހުން ލޯބިވާން ބޭނުންވާ މިންވަރަށްވުރެ ބޮޑަށް އެހެން މީހުން ދެކެ ތިބާ ލޯބިވާށެވެ! އެހެން މީހުން ތިބާއަށް ހެޔޮކޮށް ހިތަން ބޭނުންވާ މިންވަރަށްވުރެ ބޮޑަށް އެހެން މީހުންނަށް ތިބާ ހެޔޮކޮށް ހިތާށެވެ!
މިހެން ބުނުމުން ބައެއް މީހުން ބުނެފާނެ ބަހަކީ ކިތަންމެ ވަރަކަށް ލޯބި ދިންނަމަވެސް ބޭވަފާތރެރިވެއެވެ. އަނިޔާވެރިވެސް ވެއެވެ. ބޮޑެތި ގެއްލުންތައް ވެސް ދެއެވެ.
އިސްލާމް ދީނުގައި އެއްވެސް މީހަކާއިމެދު ކަންކުރަން އޮތީ އެމީހަކު ކަންކޮށްފާނެ ގޮތަށް ބަލައިގެނެއް ނޫނެވެ. އިސްލާމް ދީނުގައި އަމަލުކުރަން އޮތީ އިސްލާމް ދީން އަންގާ ގޮތަށެވެ! އިސްލާމް ދީނުގައި އޮތީ އަނެކާއަށް ލޯބި ދިނުމަށެވެ. އެހީތެރިވުމަށެވެ. އަޅައިލުމަށެވެ. އޯގާތެރިވުމަށެވެ. ހެޔޮކޮށް ހިތުމަށެވެ.
ވީމާ އިސްލާމް ދީނުގައި އޮތް ގޮތަށް ކަންތައް ކުރަމުން ގެންދަނިކޮށް އަނެކާ އަނިޔާވެރިވެއްޖެ ނަމަ އެއީ އޭނާގެ މައްސަލައެކެވެ. މަކަރުހަދައިފިނަމަ އެއީ ވެސް އޭނާގެ މައްސަލައެކެވެ. ޔަޤީންކުރަންވީ ތިބާ ޢަމަލުކުރަމުން އައި ގޮތާއި އަނެކާ އަމަލުކުރި ގޮތް ﷲ ތަޢާލާ 7 އުޑުމަތިން ބައްލަވައި ވޮޑިގެންވާ ކަމެވެ. ޙައްޤު ޖަޒާ ދެއްވަވާނެ ކަމެވެ.
ލޯބި ލިބޭނީވެސް އުފާވެރި ދިރިއުލުމެއް އުޅެވޭނީވެސް މިކަންކަމަށް ވިސްނައި މިބުނި ގޮތަށް ކަންކަން ކުރުމުންނެވެ. އަނެކާ ދީފާނެ ދެރައަކަށް ވިސްނައި ތިމާގެ ވާޖިބު އަދާނުކުރާނަމަ އެމީހަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބުމަކީ ވަރަށް ނާދިރު ކަމެކެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން