ބޮޑު ބައްޔެއް ޖެހުމުން އެއީ ހެޔޮ ރަޙްމަތަކަށްވުމަށް އެދޭނަމަ ވިސްނަން ޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ! މިސާލަކަށް މީހަކަށް ކެންސަރު ފަދަ ބޮޑު ބައްޔެއް ޖެހުމުން އެއީ ﷲ ތަޢާލާ އޭނާއަށް މިންވަރު ކުރެއްވެވި ހެޔޮ ރަހްމަތްފުޅެއް ކަމަށް އެބަ ބުނަމުއެވެ. އެގޮތަށް ބުނަނީ ބަލިވުން އެއީ އުފަލަކަށް ވެގެންނެއް ނޫނެވެ. ބަލީގައި އަޅާ ގަދަ ވޭނުގެ ސަބަބުން އެމީހާގެ ފާފަތައް ފުހެވޭނެ ކަމުގެ އުންމީދުގައި ބުނެވޭ ބަހެކެވެ.
މިފަދަ ބަސްތައް ބުނަންވާނީ އެމީހަކު ގަދަވެހުރިއިރު ތަޤްވާވެރިކަންމަތީގައި އުޅެފައިވާނަމައެވެ. ގަދަ ވޭން އިޙްޞާޞްކުރަން ޖެހުމަކީ އެމީހެއްގެ ފާފަތައް ފޮހެވިގެންދާ ކަމެކެވެ. ނަމަވެސް އެކަމަށް އެދެވޭނީ ގަދަވެ ހުރިއިރު އެކަމަށް މަސައްކަތްކޮށްފައިވާ ނަމައެވެ.
ދާދިފަހުން ހޮސްޕިޓަލަކަށް ކުރި ޒިޔާރަތެއްގައި ކެންސަރުބަލީގެ މީހަކާއި ބައްދަލުވިއެވެ. އުމުރަކީ 54 އަހަރެވެ. މުސްލިމެކެވެ. ނަމާދުކުރަމުތޯ ސުވާލުކުރުމުން ބުނީ ބަލިވިފަހުން ނަމާދުކުރާ ކަމަށެވެ. އެއިގެ ކުރީގައި ނުކުރާ ކަމަށެވެ.
މީސްތަކުންނޭވެ! މީހެއްގެ ތައުބާ ޤަބޫލުކުރައްވަވާނެ ވަގުތަކާއި ފާފަ ފުއްސަވާނެ ވަގުތު އެނގޭ ކަމަށް ބުނަނީއެއް ނޫނެވެ. އެއީ އެއްވެސް މީހަކަށް އެނގޭނެ ކަމެއް ނޫނެވެ. ނަމަވެސް އަހަރެމެން ތައުބާވާން އޮތީ މުޞީބާތެއް ޖެހުމަކުން ނޫނެވެ. އަހަރެން އަބަދުވެސް ތިބެން ޖެހޭނީ ތައުބާވުންމަތީގައެވެ. ނަމާދުކުރަން ފަށަން ޖެހޭނީ ސަލާމަތް ވުމުގެ އުންމީދު ނެތް ބައްޔެއް ޖެހުމަކުން ނޫނެވެ. ނުވަތަ ބޮޑު މުޞީބާތެއް ކުރިމަތިވުމަކުންވެސް ނޫނެވެ. މުސްލިމުންނަށް ވާޖިބުވެގެންވަނީ ކޮންމެ ދުވަހަކުވެސް ފަރުޟު 5 ނަމާދު ކުރުމެވެ. ސުންނަތުގައި އޮތީ ދުވާލަކު 100 ފަހަރު އަސްތަޣްފިރުﷲ ކިޔައި ތައުބާވުމެވެ.
ޤިޔާމަތް ދުވަހު ﷲ ތަޢާލާ ކަންކަން ނިންމަވާނެ ގޮތް ނުއެނގުނު ނަމަވެސް ﷲ ތަޢާލާ ބަޔާން ކުރައްވަވާފައިވުމުން އެނގޭ ކަންކަން އެބަހުއްޓެވެ. ޤިޔާމަތް ދުވަހު ކޮންމެ މީހަކާއިމެދުގައިވެސް ފުރަތަމަ ބެލެވޭނީ ނަމާދުގެ ހިސާބުކަމެވެ. މީހާގެ އުމުރަކީ 54 އަހަރެވެ. ބާލިޣްވީ 10 އަހަރުގައި ކަމަށް ބަލައިފިނަމަ ނަމާދު ވާޖިބުވާ 44 އަހަރު އޭނާ ދުނިޔޭގައި އުޅުނީ ނަމާދު ނުކޮށެވެ. ވީއިރު އޭނާއަށް ފުރަތަމަ ޖެހޭނީވެސް އަލުން އިސްލާމްދީނަށް ވަންނާށެވެ. މިހިރީ އެނގެން ހުރި ކަންކަމެވެ. ދެކެވެން ހުރި ވާހަކަތަކެވެ.
މީސްތަކުންނޭވެ! 54 އަހަރުގެ މީހާގެ ޙަޔާތުން ޢިބްރަތެއް ޙާޞިލުކުރާށެވެ! އޭނާގެ ތައުބާ ޤަބޫލުކޮށްދެއްވަވައި ސުވަރުގެ މިންވަރުކޮށްދެއްވަވާތޯ ދުޢާ ކުރާށެވެ! ހަމައެއާއިއެކު އޭނާ ފަދައިން އަމަލުކުރާ މީހަކަށް ނުވާށެވެ! މާނައަކީ އަބަދުވެސް ފަރުޟު 5 ނަމާދުކޮށް ވީހައި ގިއިން ހެޔޮ އަމަލުކުރުން މަތީގައި ހުންނަން މަސައްކަތްކުރާށެވެ. އެއިރުން ބޮޑު ބައްޔެއް ނުވަތަ މުޞީބާތެއް ޖެހުނު ނަމަވެސް މާޔޫސްވާކަށް ނުޖެހޭނެއެވެ. އަދި އެގޮތުގައި ހުއްޓައި ނަމާދު ނުކުރެވޭނެ ފަދަ ޙާލަތަކަށް ގެންދެވި ނަމަވެސް (ކޯމާއަކަށް ދާންޖެހުން ފަދަ) އެއްވެސް ހިތާމައެއް ނެތެވެ. އެހެނީ އެފަދަ ޙާލަތުގައި ﷲ ތަޢާލާ ބައްލަވައިވޮޑިގަންނަވާނީ ބޮޑުބައްޔަށް އޭނާ ގެންދެވިއިރު އެމީހަކު އުޅެމުން އައި ގޮތަށް ކަމުގައިވާތީއެވެ.
ކޮންމެ ބައްޔަކީ ކުރިމަތިކުރއްވަވާ މުޞީބާތެކެވެ! މުޞީބާތް ކުރިމަތިކުރައްވަވަނީ އިމްތިޙާނަކަށެވެ. އެހެންކަމުން މުސްލިމުން ދެކެންވާނީ ކޮންމެ މުޞީބާތަކީ ވެސް މިންވަރުކުރެއްވެވި ރަޙްމަތެއްގެ ގޮތުގައެވެ. ނަމަވެސް އެކަން އެއީ ރަޙްމަތަކަށްވުމަށް އެދޭ މީހާ އެކަމަށްޓަކައި ހުންނަންވާނީ ކުރިންސުރެ ތައްޔާރުވެގެންނެވެ. ބުއްދިވެރި ގޮތަކީ އެއީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން