އަހުރެމެންގެ ހިތަކީ ފުރަތަމަ ވަރަށް ސާފުޠޯހިރު އެއްޗެކެވެ. ނަމަވެސް އިސާހިތަކު ދަމިލަ ޖަހަންފަށައެވެ. ދުވަސްކޮޅެއްވާއިރު އޮންނަނީ ދަމިލަޖަހަމުންގޮސް ކަޅުވެފައެވެ. އެޙާލަތަށްދާއިރު ހުންނަނީ އީމާންކަން ކުޑަވެ ނުވަތަ ނެތިފައެވެ. ތަޤްވާވެރިކަން ނެތިގޮސްފައެވެ. ޝައިޠޯނާ ބުނާހައި ކަންކަން ކުރާ މީހަކަށް ބަދަލުވެފައެވެ.
މިހެން މިވަނީ ކީއްވެގެންހެއްޔެވެ؟ ސަބަބުތަކަށް ބަލައިލަމާ ހިނގާށެވެ! އެކަން އެގޮތަށް މެދުވެރިވަނީ މީހުންދެކެ ރުޅިއައުމާއި، ޙަސަދަވެރިވުމާއި، ދޮގާއި މަކަރުހެދުމާއި، ދުނިޔެއަށް ދަހިވެތިކަން ބޮޑުވުމާއި ތިމާއަކީ އެންމެ ތަނަވަސް އެންމެ މަތީ މީހާކަމަށްވާން ބޭނުންވުމާއި އެހެން އެންމެން ދެރަކޮށް ނިކަމެތިކޮށްލަން ބޭނުންވުމާއި ނެތިމޮށުމާއި މިފަދަ އެތައް ކަންތައްތަކެއްގެ ސަބަބުންނެވެ.
ފުރިހަމަ މުސްލިމެއްގެ ގޮތުގައި ދެމހުރެވޭނީ މިބުނިފަދަ އަދި އެނޫންވެސް ހުރިހާ ފާފަތަކާއި ދުރުހެލިވެވިގެންނެވެ. އެއީ އެއްދުވަހަކުން ކުރެވޭނެ ކަމެއް ނޫނެވެ. ތިމާއަށް ކުރެވޭ ފާފަތަކުގެ ލިސްޓެއް ލިޔާށެވެ! އެއިގެ ތެރެއިން ހުއްޓާލަން އެންމެ ފަސޭހަ ފާފަކުރުން ހުއްޓައިލާށެވެ! އެއަށްފަހު ފަހަރަކު ފާފައެއް ކުރުން ހުއްޓާލަން މަސައްކަތްކުރާށެވެ! އެކަމަށް އެދިގެން މަސައްކަތްކުރަން ފެށުމުން ﷲ ތަޢާލާ އެކަން ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
އެމީހެއްގެ ހިތް ސާފުނުކުރެވުނު މީހަކަށް ހޯދޭނެ އެއްވެސް ކާމިޔާބީއެއް ނެތެވެ. އެއްވެސް ކުރިއެރުމެއްވެސް ނެތެވެ. އާޚިރަތް ކާމިޔާބުކުރެވޭނެ ގޮތެއްވެސް ނެތެވެ. ވީމާ އަބަދުވެސް ހުންނަންވާނީ ތިމާގެ ހިތް ސާފުކުރަން މަސައްކަތްކުރުންމަތީގައެވެ. ނަރަކައިން ސަލާމަތްވެވި ސުވަރުގެ ވަދެވެން އޮތީ ހިތް ސާފުކޮށްގެންނެވެ.
- ޝައިޚާ ހައިފާ ޔޫނިސްގެ ދަރުސަކުން