މީހަކު އަސްތަޣްފިރުﷲ ކިޔަމުންދަނިކޮށް ޢަލީގެފާނު އޭނާއަށް ވިދާޅުވިއެވެ. "ތިބާ ތިއަކުރާ އަސްތަޣްފާރަށް އަސްތަޣްފާރުކުރަން އެބަޖެހެއެވެ." މިފަދަ ބަސްފުޅެއް ޢަލީގެފާނު ވިދާޅުވީ އޭނާ އެކިޔާ އެއްޗަކަށް ވިސްނައިވެސް ނުލައި ފަތްޗަކަށް އެޛިކުރް "އަސްތަޣްފިރުﷲ" އަމުނަމުން ގެންދާތީ އެކަން ފާހަގަކުރެއްވެވިގެންނެވެ.
މީސްތަކުންނޭވެ! މިސްކިތުގައި ނުވަތަ އެނޫންތަނެއްގައި އިނދެގެންވެސް ނުވަތަ ކޮންމެ ކަމެއްކުރަމުންވެސް އަސްތަޣްފިރުﷲ ކިޔަންވީއެވެ. އެއީއަކީ އެއްވެސް މައްސަލައެއް އޮތްކަމެއް ނޫނެވެ. ހަމައެކަނި ކުރަން އޮތް ކަމަކީ ކިޔާ އެއްޗަށް ސަމާލުކަންދީގެން ކިޔުމެވެ. މާނައަކީ "އަސްތަޣްފިރުﷲ" ދުލުންކިޔާއިރު ތިމާއަށް ކުރެވިފައިވާ ފާފަތައް ފުއްސަވައި ދެއްވެވުން އެދޭކަން ހިތްމައްޗަށް ގެންނަންވާނެއެވެ.
ވިސްނާށެވެ! ކުރާ ކޮންމެ އަޅުކަމެއްވެސް އަޅުކަމަކަށްވާނީ ހިތުން އެކަމެއް ކުރުމުންނެވެ. ފުރަތަމަ ކަމަކަށް ނިޔަތްގަންނަންވާނެއެވެ. އަދި އެކަމެއް ކުރަންވާނީ ހިތާއި ސިކުނޑިން އެކަމަކަށް ސަމާލުކަންދީގެންނެވެ. ހިތުން ސަމާލުކަންދިނީމާ އޮޓޮމެޓިކުން ސިކުނޑީގެ ސަމާލުކަން ލިބިގެންދާނެއެވެ.
ނަމާދުކުރާއިރުވެސް އަދި ޛިކުރުކުރާއިރުވެސް މާނައަށް ވިސްނައިގެން ކުރަންވީ މިސަބަބަށްޓަކައެވެ. މާނަ ނުއެނގޭނަމަ އެންމެކުޑަމިނުން ތިމާ މިކުރަނީ ކޮންކަމެއްކަމާއި އެކަމުން ޙާޞިލުކުރަން ބޭނުންވާ މަޤްޞަދު ހިތްމައްޗަށް ގެންނަންވާނެއެވެ. ޛިކުރުކުރަންވާނީ ހިތްމައްޗަށް ﷲ ތަޢާލާގެނެސް މަޑުމޮޅިކަމާއިއެކުގައެވެ. ފައިދާކުރާނީ އެއިރުންނެވެ. އިން ޝާ ﷲ
- ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން