ޢުޘްމާނުގެފާނާ އެއްވަރަށް ދީލަތިނުވެވުނަސް އަތުގަ ހުންނަ މުދަލުގެ އަގު ދުވާލު ދެއިރަށް ނުއުފުލާނަމަވެސް ލައްވަވާ ރަޙްމަތް ބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ޢުޘްމާނުގެފާނާ އެއްވަރަށް ދީލަތިނުވެވުނަސް އަތުގަ ހުންނަ މުދަލުގެ އަގު ދުވާލު ދެއިރަށް ނުއުފުލާނަމަވެސް ލައްވަވާ ރަޙްމަތް ބޮޑުވާނެ!

ގިނަ ބައަކު އެންމެ ގިނައިން ޝަކުވާކުރާ އެއްކަމަކީ ބޭރުން ބޮޑު އަގުގައި ގެންނަ މުދަލުގެ އަގު ބޮޑުކުރުމެއް ނޫނެވެ. ބައެއް ވިޔަފާރިވެރިންގެ އަތުގައި ހުންނަ ތަކެތީގެ އަގު ބޮޑުކުރާތީއެވެ. ހެނދުނު އަގަކަށް، ހަވީރު އަގަކަށް ވިއްކާތީއެވެ. ދުވާލަކު އެތައް ފަހަރަކަށްވެސް އަގު އުފުލާތީއެވެ. މިހުންނަނީއަކީ ﷲ ތަޢާލާގެ ރަޙްމަތަށް އެދޭ މީހުން ކުރާނެ ޒާތުގެ ކަންކަމެއް ނޫނެވެ. 

ދުނިޔެއަށްވުރެ އާޚިރަތް އެދޭނަމަ ވިޔަފާރިވެރިން އަމަލުކުރަންވީ ގޮތުގެ ނަމޫނާ އިސްލާމީ އުންމަތަށް ދައްކަވައިދެއްވުމުގައި އެންމެ ކުރީސަފުގައި ހުންނެވީ ޢުޘްމާންގެފާނެވެ. ޢުޘްމާނުގެފާނު ދެއްކެވި ނަމޫނާއަކީ މިފަދަ ކަމެއްގައި މުޅި ދުނިޔެވެސް ފަޚުރުވެރިވާނެ ނަމޫނާއެކެވެ. 

ބޭނުންފުޅު ވަރަކަށް ފައިދާ އިތުރުކުރެއްވި ނަމަވެސް މަދިނާގެ ޔަހޫދީ ވިޔަފާރިވެރިން މުޅި ވިޔަފާރި ޤާފިލާގެ މުދާތައް އެކުގައި ގަންނަން ބޭނުންވެގެން ބޮޑު އަގު ހުށަހަޅަމުން ދަނިކޮށް އެއަށްވުރެ މާބޮޑު ފައިދާ ލިބިވަޑައިގަންނަވަން އެބައޮތް ކަމަށް ޢުޘްމާންގެފާނު ވިދާޅުވުމުން ޔަހޫދީ ވިޔަފާރިވެރިންނަށް ލިބުނީ ސިހުމެކެވެ. 

ޢުޘްމާނުގެފާނަށް ޔަހޫދީ ވިޔަފާރިވެރިން 4 ގުނަ ފައިދާ ހުށަހެޅިއެވެ. ނަމަވެސް ﷲ ތަޢާލާ 10 ގުނައިން ފެށިގެން 700 ގުނައަށް އިތުރުކޮށްދެއްވަވާނެ އިރު 4 ގުނަ ޢުޘްމާންގެފާނު ޤަބޫލުފުޅު ނުކުރެއްވެވީއެވެ. ކޮންފަދަ މަތިވެރި ވިޔަފާރިއެއްތޯއެވެ؟ 

ވިޔަފާރިން ބޮޑު ފައިދާ ހޯދަން މަސައްކަތް ކުރުމުގެ ބަދަލުގައި އަތުގައި ހުރި ތަކެތި ވީހައި ހެޔޮ އަގުގައި ވިއްކާށެވެ. ހެޔޮ އަގުގައި ވިއްކުމަކީވެސް ޞަދަޤާތުގެ ތެރެއިން ހިމެނޭނެ ކަމެކެވެ. އެހެނީ ނިކަމެތިންނަށްޓަކައި އޭނާ އެ ދޫކޮށްލަނީ ލިބެން އޮތް ފައިދާގެ ބައެކެވެ. ވީމާ ތަކެތީގެ އަގު ހެޔޮކުރަންވީވެސް ﷲ ގެ ރަހްމަތަށް އެދިގެންނެވެ. 

ޢުޘްމާންގެފާނުގެ މުޅި ވިޔަފާރި ޤާފިލާ ޞަދަޤާތްކުރައްވައި ޢަމަލުފުޅު ކުރެއްވެވި ގޮތް އިޚްތިޔާރުކުރާށެވެ! ރައްޔިތުންގެ ޒުރޫރީ ބޭނުންތައް ފުއްދަން ބޭނުންކުރަން ޖެހޭ އެއްވެސް އެއްޗެއްގެ އަގު ބޮޑު ނުކުރާށެވެ! ވީހައި ހެޔޮ އަގެއްގައި އެފަދަ ތަކެތި ވިއްކާށެވެ! ހިތްނިޔަތް ﷲ ތަޢާލާއަށް ޚާލިޞްކޮށްގެން އެގޮތުގައި ވިޔަފާރިކުރާނަމަ އެމީހެއްގެ ވިޔަފާރީގައި އެކަލާނގެ ބަރަކާތް ލައްވަވައި އެތައް ގުނައަކަށް އިތުރުކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން