މިހާރަކަށް އައިސް ޒިނޭ ކުރުމާއި ފާޙިޝް ޢަމަލުތައް ހިންގުން މިވަނީ ވަރަށް ޢާންމުކަމަކަށްވެފައެވެ. ދެލޯބިވެރިން އެކަނިތިބެ ބައްދަލުކުރަން ތިމާ ދިރިއުޅޭ ކޮޓަރި ދިނުން މިވަނީ ޢާންމު ކަމަކަށްވެފައެވެ.
މފާފަކުރަން މަގުފަހިކޮށްދިނުމަކީ އެއްވެސް ފާފައެއް ކަމަށް ނުދެކޭ މީހުން ގިނަވެއްޖެއެވެ. އެއީ ޙައިރާންވާންޖެހޭ ކަމެއް ނޫނެވެ. ދުނިޔެ ނިމެން ކައިރިވަމުން އަންނައިރު އެކަން އެގޮތަށް މެދުވެރިވާނެކަން އެނގެން އޮތުމުންނެވެ.
ނަމަވެސް ވިސްނައިލަންވީ މިއީ ފަހު ޒަމާންކަމަށް ބުނުމަކުން ފާފައިން ބަރީޢައެއް ނުވެވޭ ކަމެވެ. އެކަން ކުރި ތާރީޚުގެ ބޮލުގައި ޒިންމާ އަޅުވައި ނިންމައި ނުލެވޭނެކަމެވެ. ޤިޔާމަތުގެ ތާޅަފިލި ފުމެލައްވަވާ ދުވަހު ފާފައެއް ކުރިނަމަވެސް އެކަން ވާނީ ހަމަ ފާފައަކަށެވެ. ތާޅަފިލީގެ އަޑުއިވޭވަގުތު ފާފަކުރަން ހުރި މީހާވެސް އެކުރީ ހަމަ ފާފައެކެވެ. ދުނިޔެ ފެށުނު ދުވަހު އެފާފަކުރި މީހާއަށް ދެއްވަވާނެ ޢަޛާބް އެމީހަކަށް ޙައްޤުވެގެންވެއެވެ.
މީސްތަކުންނޭވެ. ޢިބްރަތް ޙާޞިލުކުރަންވީ "ހެޔޮކަމެއް ކުރަން މަގުފަހިކޮށްދިން މީހާއަށްވެސް )ހެޔޮކަން ކުރި މީހާއަށް ދެއްވަވާ ސަވާބުން އުނި ނުކުރައްވަވައި( ހެޔޮކަގެ ސަވާބު ދެއްވަވާނެ" ކަމަށް އޮތް ޙަދީޘް ބަސްފުޅުންނެވެ. ހަނގުރާމައަކަށް ދާން ބޭނުންވެގެން ޞަޙާބީއަކު ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިއަހުން އެހީތެރިކަމަށް އެދިވަޑައިގެންނެވިއެވެ. އޭނާއަށް އެހީތެރިކަން ފޯރުއްވަވައި ދެއްވެވެން އެވަގުތު ނެތުމުން އެހެން ޞަޙާބީއެއްގެ ގާތަށް ފޮނުއްވެވުމުން އެހީތެރިވެވަޑައިގެން ދެއްވެވިއެވެ. އެހިނދު ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްފުޅު ކުރެއްވެވިއެވެ. "ހެޔޮކަމެއް ކުރަން މަގުފަހިކޮށްދިން ނުވަތަ ހެޔޮ ކަމެއް ކުރަން އެހީތެރިވެދިން މީހާއަށް، ހެޔޮކަން ކުރި މީހާ އާއި އެއްވަރަށް ސަވާބު ދެއްވަވާނެތެވެ."
ވީއިރު ނުބައި ކަމެއް ކުރަން މަގުފަހިކޮށްދިން ނުވަތަ ވާގިވެރިވި މީހާއަށް އަނެކާ ކުރި ފާފައިގެ ޢަޛާބު ނުދެއްވަވާނެ ކަމަށް ދުށުމުގެ އޮތީ ކޮން ފުރުޞަތެއް ހެއްޔެވެ؟
މީސްތަކުންނޭވެ! ހެޔޮ ޢަމަލެއް ކުރަން މަގުފަހިކޮށްދިނުމަކީވެސް އެމީހަކު ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާނެ ކަމެކެވެ. ވީމާ މުބައިކަމެއް ކުރަން މަގުފަހިކޮށްދޭ މީހުން ދެކެ ﷲ ތައާލާ ކޯފާވެވޮޑިގަންނަވާނެކަން މިއޮތީ އެނގޭށެވެ.
ވީމާ ކިތަންމެ ގާތް ރައްޓެއްސަކަށް ނަމަވެސް ޒިނޭކުރުން ފަދަ ފާފައެއް ކުރަން އެހީތެރިވެ ނުދޭށެވެ! އެންމެ ކުޑަމިނުން ހިލޭ އަންހެނަކާއި ފިރިހެނަކު އެކަހެރިވުމަށް ތިބާގެ ކޮޓަރިވެސް ނުދޭށެވެ. އެކަން ވާނީ ޒިނޭކުރަން މަގުފަހިކޮށްދިނުމަށެވެ. އޭނާ ކުރާ ފާފަ ވާނީ ހަމަ ތިބާ ކުރި ފާފައަކަށެވެ.
މިހާރަކަށް އައިސް ތިމަންނާ ފާފައެއް ނުކުރަމޭ ބުނެ އެހެން މީހުން ލައްވައި ޒިނޭކުރުވާ މީހުން އެބަ އުޅެއެވެ. އެއީ ހަމަ ވަރަށް ނުބައި ވިސްނުމެކެވެ. މިބަޔާންކުރި ކަންކަމުން އެކަން އެނގިގެންދާނެއެވެ. ފާފަކުރުވި މީހާވެސް ހަމަ ފާފަވެރިވާނެ ކަމެވެ.
ޒިނޭކުރުމަށް ޚާޢްޞަކޮށްގެން މި ދަރުސް ދިން ނަމަވެސް ޒިނޭ ނޫން އެހެން ފާފަތައް ކުރުވުމާއި ފާފަކުރަން އެހީތެރިވެދިނުމުގެ ޙުކުމަކީ ހަމަ މިއީއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން