ކޮންމެ މުސްލިމަކުވެސް އެދޭނީ މީޒާނުގައި ތިމާގެ ޢަމަލުތަކުގެ ފަތް ކިރައިލެވޭހިނދު ބޮޑުތަނުން ތިމާގެ ކޮޅަށް ބުރަވެގެންދިއުމަށެވެ. އެހެންކަމުން އެކަމަށް އެދިގެން ކުރެވިދާނެ ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.
ރަޙްމަތްތެރިންނާއި ބައްދަލުވުމުން ޙާލުގެ ވާހަކަ އަހާފަދައިން ނަމާދުވަގުތެއް ނަމަ ނަމާދުކޮށްފިންތޯވެސް އަހާށެވެ! ޖަމާއަތަށް ނަމާދަށް ދިއުމަށް ދައުވަތު ދޭށެވެ! ތިބާގެ ސަބަބުން މީހަކު ހެޔޮ އަމަލެއް ކޮށްފިނަމަ ތިބާއަށްވެސް އެކަމުން ސަވާބު ދެއްވަވާނެތެވެ! އެއިރުން އެކަންވާނީ މަދުވާނެ ދުވަހަށް (ޤިޔާމަތް ދުވަހަށް) ހޯދޭ އިތުރު ފައިދާތަކަކަށް ނޫންހެއްޔެވެ؟
ރައްޓެއްސަކާއި ފޯނުން ވާހަކަ ދައްކަން ހުއްޓައި ނަމާދު ވަގުތު ވެގެން ނަމާދަށް އަރަމުން ތިމާ ނަމާދަށް އަރާވާހަކަ ބުނަން ޖެހިލުން ނުވާށެވެ! އެވާހަކަ ބުނަންވީ ދެއްކުންތެރިކަމުގެ ނިޔަތަކު ނޫނެވެ. އޭނާއަށް ވެސް ނަމާދުކުރަން ހިތްވަރުދިނުމުގެ ގޮތުންނެވެ. އަދި އޭނާއަށް ނަމާދަށް އަރަން ދައުވަތުވެސް ދޭށެވެ.
މުސްލިމުންގެ މެދުގައި މިއަދު އެންމެ ބޮޑަށް ގެއްލިފައި މިވަނީ ނަމާދުކުރުމުގެ ރޫޙެވެ. ހުރިހާ ކަންކަން ގޯހުން ގޯހަށް ބަދަލުވަމުން މިދަނީ ނަމާދުކުރުމުގެ ރޫޙު ނެތުމުންނެވެ. ނަމާދާއި ދުރުހެލިވެވޭތީއެވެ! އެކަން އިޞްލާޙްކުރަން އެންމެން އެކުގައި މިވަނީ ގަދައަޅައި މަސައްކަތްކުރަން ޖެހިފައެވެ.
ދީނުގެ އަސާސްތަކުގެ ވާހަކަ ދެއްކުމަކީ ހަމައެކނި ދީނީ ޢިލްމުވެރިންގެ މަސްއޫލިއްޔަތެއް ކަމަށް ނުދެކޭށެވެ! އެއީ ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެކެވެ. ދީނީ ޢިލްމުވެރިން އެބޭކަލުންގެ ވާޖިބު އަދާކުރައްވާނެއެވެ. ދީނުގެ ޙުކުމްތައް އޮޅުން ފިލުވައި ދެއްވާނެއެވެ. ފަރުޟާއި ވާޖިބުތައް އެންމެންނަށްވެސް އެނގޭނެއެވެ. ވީމާ ކުރަން އޮތް ކަމަކީ ހަމައެކަނި ހަނދާންކޮށްދިނުމެވެ. ދީނަކީ ނަޞޭޙަތެވެ. ނަޞޭޙަތަކީ ހަނދާންކޮށްދިނުމެވެ. އެއީ ހަމަ އެންމެންނަށްވެސް ކުރެވޭނެ ކަމެކެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން