ތަޤްވާވެރިކަމުގައި ވާދަކުރުން ހުއްދައެވެ. ނަމަވެސް ވާދަކުރަންވީ ކުރާ އަޅުކަމުގެ ޢަދަދަކުން އެކަންޏެއް ނޫނެވެ! އެންމެ މުހިންމީ އިޚްލާޞްތެރިކަމާއިއެކު އަޅުކަންކުރުމުގައި ވާދަކުރުމެވެ. އިޚްލާޞްތެރިކަން ނެތި ތަޤްވާވެރި ނުވެވޭނެތީއެވެ!
ބައެއް މީހުން ބަލަނީ ވީހައި ގިނަ ހެޔޮ ޢަމަލުތައް ކުރެވޭތޯއެވެ! އެހެންވެ ގިނަ ކަންކަން ކުރަން އުޅެން ހަދައިގެން ކުރެވެނީ ވަރަށް އަވަސް އަރުވާލައިގެންނެވެ. ކަމަކަށް ކަމެއް ކުރާ އުޞޫލުންނެވެ. ނަމަވެސް މިއީ އަޅުކަންކުރަން އޮތް ގޮތެއް ނޫނެވެ.
މީހާ ސުވަރުގެ ވައްދަވާނީ ކުރި ޢަމަލުތަކުގެ އަދަދުން އެކަންޏެއް ނޫނެވެ. އަޅުކަން ކޮށްފައިވާ ފުރިހަމަކަމުންނެވެ. ﷲ ތައާލާ ޤަބޫލުފުޅު ކުރައްވަވާނީ ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާ ފެންވަރަށް ކުރާ ޢަމަލުތަކެވެ. ވީމާ ކަމަކަށް ކަމެއްކޮށް ޢަދަދު ގިނަކުރުމަކުން އަދި މަޤްޞަދު ޙާޞިލެއް ނުކުރެވެއެވެ.
ކޮންމެ އަޅުކަމެއް ކުރި ނަމަވެސް އިޚްލާޞްތެރިކަމާއި މަޑުމައިތިރިކަމާއި އަދި ވީހައި ފުރިހަމައަށް ކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! އެހެނީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވަނީ މަދު ނަމަވެސް ޤަވާއިދުން ފަރުވާތެރިކަމާއި އިޚްލާޞްތެރިކަމާއިއެކު ކުރެވޭ ހެޔޮ ޢަމަލުތަކެވެ.
ބައެއް މީހުން ނަމާދުކުރަނީ ވެސް ފެން އެއްޗެއް އުނދުނަށް އުދާފައި ފެން އެތި ކެކުމުގެ ކުރިން ކޮންމެހެން ކޮށް ނިންމައިލަން ޖެހޭ އުޞޫލުންނެވެ. އެގޮތަށް އެކަން ނުކުރާށެވެ! ނަމާދުކުރަންވާނީ ކޮންމެ ޙަރަކާތަކަށްވެސް ދޭންޖެހޭ ސަމާލުކަން ދީގެންނެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ދަސްކޮށް ދެއްވަވާފައިވާ ގޮތަށެވެ. ޚުޝޫޢަތްތެރިކަމާއިއެކުގައެވެ.
އަވަސްކޮށްލައިގެން ނަމާދުކުރާ މީހުން ސަލާމް ދިނުމާއިއެކު މީސްތަކުން ފަޅަމުން، ހަނިދޭތެރެތަކުން ދެމިގަނެގެން ފައިބަން މަސައްކަތްކުރާތަން ފެނެއެވެ. ޛިކްރް ތަސްބީޙަ ކިޔައި ފަހު ސުންނަތް ކޮށްލަން ނަގާނީ އިތުރު 6 މިނިޓެވެ. އެ 6 މިނިޓެއްހައިއިރު މަޑުކޮށްލުމަކުން ހަމައެއްވެސް ގެއްލުމެއް ނުލިބޭނެއެވެ. ކުރަން ހުރި މަސައްކަތް ނުކުރެވިވެސް ނުދާނެއެވެ.
ހަމަ އެކަނި މައްސަލައަކީ ތިމާއަށް ކަންކަން ވިސްނޭ ގޮތެވެ! ވަރަށް އަވަހަށް މިސްކިތުން ނުފޭބި ނަމަ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް ވިސްނޭތީއެވެ. އެކަން ވިސްނައިދެނީ ހަމަ ޝައިޠޯނާއެވެ! ޝައިޠޯނާގެ ކިބައިން ސަލާމަތްވާށެވެ! އެއިރުން މައްސަލަ ޙައްލުކުރެވޭނެއެވެ! އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން