މިހާރުގެ ޙާލަތަށް ބަލައިފިނަމަ ގިނަބައަކަށް އެންމެ ބޮޑަށް ކަންބޮޑުވެވެނީ މީހުން ދައްކާ ވާހަކައަށެވެ. ބޮޑު އަނިޔާއެއް ނުވަތަ ގެއްލުމެއް ދިނުމަށްވުރެވެސް ކަންބޮޑުވެވެނީ ތިމާއާއި ދެކޮޅަށް ފަތުރާ ކޮންމެވެސް ވާހަކައަކަށެވެ. ވީމާ އެކަމުން ސަލާމަތްވެވޭނެ ގޮތަކާއިމެދު ވިސްނައިލަމާހިނގާށެވެ!
އިމާމް ހަސަން އަލްބަސްރީގެ އަރިއަހުގައި ސުވާލު ދެންނެވުނެވެ. "މީހުން ދައްކާ ވާހަކައަށް ކަލޭގެފާނު ކަންބޮޑުވެވަޑައި ނުގަންނަވަނީ ކީއްވެގެންތޯއެވެ؟"
ޖަވާބުގައި ވިދާޅުވިއެވެ. "އަހަރެން ދުނިޔެއަށް އުފަންވީވެސް އެކަންޏެވެ. އަދި މަރުވާނީވެސް އެކަންޏެވެ. ކައްވަޅުގައި ވަޅުލެވޭނީވެސް އެކަންޏެވެ. އަދި ޤިޔާމަތް ދުވަހު ﷲ ގެ ހަޟްރަތުގައި ސުވާލުކުރެވި ޖަވާބުދާރީވާން ޖެހޭނީވެސް އެކަންޏެވެ."
Hasan al-Basri was asked:
"Why do you appear unconcerned with what people say about you?"
He replied, "When I was born I was born alone,when I shall die I will die alone,when I placed in my grave I will be alone, and when I'm taken to account before Allah I shall be alone."
މިއީ ވަރަށް ޢިބްރަތްތެރި ބަސްފުޅުތަކެކެވެ. ކޮންމެ މީހަކުވެސް އުފަންވަނީ އެކަނި ނަފްސެއްގެ ގޮތުގައެވެ. އެމީހަކު ކުޅަކަކަމަށް މެނުވީ އެއްވެސް މީހަކު ޒިންމާވާކަށް ނުޖެހޭނެއެވެ. އަދި މަރުވެ ވަޅުލެވެނީ ވެސް އެކަންޏެވެ. އަދި އެންމެ މުހިންމު އަދި އެންމެ ފަހުކަމެއްގެ ގޮތުން ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓި ހުންނަން ޖެހޭނީވެސް އެކަންޏެވެ. ޖަވާބުދާރީވާން ޖެހޭނީ ވެސް ހަމައެކަނި އެމީހަކު ކުޅަ ޢަމަލަކަށެވެ.
ދެވަނަ ކަމެއްގެ ގޮތުން އެމީހާ ޙައްޤު ގޮތުގައި ހުއްޓައި ކިތަންމެ ގިނަ ބައަކު ނުބައި ބަސްތައް ބުނި ނަމަވެސް އެކަމުގެ ސަބަބުން އެމީހަކަށް އެއްވެސް ގެއްލުމެއް ނެތެވެ. މީސްތަކުންގެ ލަޢުނަތުން އެމީހަކަށް ގެއްލުންވާނީ އެމީހާ ނމުބައި ކަމެއް ކޮށްފައިވާނަމައެވެ. ވީމާ ޙައްޤު ގޮތުގައި ހުންނަ އެއްވެސް މީހަކު އެހެން މީހުން ކިޔާ އެއްޗަކާއިމެދު އެއްވެސް ވަރަކަށް ކަންބޮޑުވާކަށް ނުޖެހޭނެއެވެ.
ކިތަންމެ ގިނަ ބައަކު ތިބާގެ ބޮލުގައި ކތަންމެ ގިނަ އިލްޒާމުތަކެއް އުޅުވި ނަމަވެސް ލިބޭނީ ކޮން ގެއްލުމެއް ހެއްޔެވެ؟ ޤިޔާމަތް ދުވަހު ޖަވާބުދާރީވާން ޖެހޭނީ އެމީހުންނަކަށް ނޫނެވެ! ﷲ ތަޢާލާއަށެވެ. ކިތަންމެ ގިނަ އިލްޒާމުތަކެއް ކިތަންމެ ގިނަ ބައަކު އެޅުވި ނަމަވެސް އެއްވެސް ނުކުރާ ކަމަކަށް ޒައްރެއްގެ މިންވަރުގެ ޒިންމާއެއްވެސް ހަމައެކަކަށްވެސް އުފުލާކަށް ނުޖެހޭނެއެވެ.
ވީމާ ކިތަންމެ ގިނަ ބައަކު ކިތަންމެ ގިނަ އިލްޒާމްތަކެއް އެޅުވި ނަމަވެސް އެއްވެސް ވަރަކަށް ކަންބޮޑުވާކަށް ނުޖެހެއެވެ. އަދި ކީއްހެއްޔެވެ؟ އެކަމުން ޤިޔާމަތް ދުވަހު ކުރާނީ ބޮޑު ފައިދާއެވެ. އިން ޝާ ﷲ. އެހެނީ އެމީހުންގެ ކިބައިން ތިބާއަށް ބަދަލު ހޯއްދަވައި ދެއްވަވާނެތެވެ! އެކަމުގެ ސަބަބުން ތިބާއަށް އިތުރުވެގެންދާނީ ސަވާބު ފުނިތަކެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ފަރުސަކުން