ކުރާ ރަނގަޅު ކަންކަމުގެ އަގުވަޒަންނުކުރިނަމަވެސް މާޔޫސްނުވެ ހުރެވޭނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ކުރާ ރަނގަޅު ކަންކަމުގެ އަގުވަޒަންނުކުރިނަމަވެސް މާޔޫސްނުވެ ހުރެވޭނެ ގޮތް-

މިހާރަކަށް އައިސް މީހުން ކުރާ ކަންކަމުގެ އަގު ވަޒަންކުރަނީވެސް އެކަންކުރި މީހާއަށް ބަލައިގެންނެވެ. މަތީ ފެންވަރުގެ ނުބައިކަމެއް ކުރިނަމަވެސް އެކަންވެސް އެއީ އޭނާކުރި ރަނގަޅު ކަމެއްކަމަށް އެބަ ހަދައެވެ. އަދި އާދައިގެ ފެންވަރުގެ މީހަކު ކިތަންމެ ރަނގަޅު ކަމެއް ކުރިނަމަވެސް އެކަމުގެ އަގު ވަޒަންކުރަނީ ވަރަށް މަދު މީހެކެވެ. 

"ތިބާއަކީ ނިކަމެއްޗަކަށް ވީމަ ކުރާ ރަނގަޅު ކަންކަމުގެ އަގު ވަޒަން ނުކުރާތީ ކަންބޮޑުނުވާށެވެ!

ތިބާ ކުރާ ޢަމަލުތަކުގެ ހިސާބު ބައްލަވައި ސުވަރުގެ ވައްދަވާނެ ﷲ 7 އުޑުމަތިން ތިބާ ކުރާ ކޮންމެ ޢަމަލެއް ބައްލަވައިވޮޑިގެންވެއެވެ! ޙައްޤު ޖަޒާ ދެއްވަވާނެކަން ޔަޤީންކޮށް ހެޔޮ ޢަމަލުކުރުން ގިނަކުރާށެވެ!" 

މިއީ ޢިލްމުވެރިއަކު ވިދާޅުވެފައިވާ ވަރަށް ޢިބްރަތްތެރި ބަސްފުޅެކެވެ. އެއީ އަހަރެމެންގެ ތެރެއިން ބައެއް މީހުން އެންމެ ބޮޑަށް ދެރަވާ އެއްކަމަކީ އެމީހަކު އިޚްލާޞްތެރިކަމާއިއެކު ކުރާ މަސައްކަތުގެ އަގު އެހެން މީހުން ވަޒަން ނުކުރުމެވެ. 

ރަނގަޅުވާހަކައެކެވެ. އެމީހަކު އިޚްލާޞްތެރިކަމާއިއެކު ކުރާ ކަންކަމުގެ މީހުން ވަޒަންކުރާނަމަ އުފާވެރިކަން ލިބޭނެއެވެ. ހިތްހަމަޖެހުމާއި ހިތްވަރުވެސް ލިބޭނެއެވެ. ދެން އޮތީ އަގު ވަޒަން ނުކުރުމެވެ. އަގުވަޒަން ނުކުރީމާ ދެރަވެ މާޔޫސްވާނެއެވެ. އެކަމަކު ބުނަން ހެއްޔެވެ؟ މާޔޫސްނުވެވެސް ހުރެވޭނެއެވެ. އެއީ ތިމާކުރާ ކަންކަމުގެ އަގު އެހެން މީހުން ވަޒަންކުރާނެ ކަމަށް ނުވަތަ ތަޢްރީފްކުރާނެ ކަމަށް އުންމީދު ނުކުރުމެވެ. 

އެޙާލަތުގަ ހިތްމައްޗަށް ގެންނާށެވެ! ތިމާ ކުރާ ކަންކަން މިކުރަނީ ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބު އެދިގެންނެވެ. ޢާއިލާއަށް ކޮށްދޭ ކަންކަންވެސް އަދި ވަޒީފާގައި ކުރާ ކަންކަން ވެސް އަދި އެހެން މީހަކަށް ކަމެއް ކޮށްދިން ނަމަވެސް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކުރުމަކީ ޘަވާބު ދެއްވަވާނެ ކަމެކެވެ. ވީމާ އެކަމުގެ އަގު ހަމައެކަކު ވަޒަން ނުކުރިނަމަވެސް ތިބާއަށް އޮތީ ކޮން ދެރައެއް ހެއްޔެވެ؟

މިބަޔާންކުރި ވިސްނުމުގައި މިބަޔާންކުރި މަގުން ކަންކަންކުރާމީހާއަށް އަބަދުވެސް ކުރެވޭނީ އަޅުކަމެވެ. އެހެނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކޮންމެ ކަމެއް ކުރުމަކީވެސް އަޅުކަމަށްވާތީއެވެ. އެކަމަކަށް ޘަވާބު ދެއްވަވާނެތީއެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން