ގިނަ ކައިވެނިތައް ރޫޅެމުން މިދަނީ ދީންވެރިކަން ބޭރުފުށުން ބަލާތީ!: ޔާސްމީން މުޤާހިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ގިނަ ކައިވެނިތައް ރޫޅެމުން މިދަނީ ދީންވެރިކަން ބޭރުފުށުން ބަލާތީ!: ޔާސްމީން މުޤާހިދު

ކައިވެނިކުރާނެ ބައިވެރިއަކު އިޚްތިޔާރުކުރުމުގައި އޭނާގެ ދީންވެރިކަމަށް ބަލަން އޮންނާތީ ގިނަބައަކު ސަމާލުކަންދެނީ އޭނާގެ ބޭރުފުށުގެ ސިފަތަކަށެވެ. ފިރިހެނަކު ނަމަ ތުނބުޅީގެ ސައިޒަށާއި ލައިގެން ތިބޭ ހެދުމަށެވެ. އަންހެނަކަށްނަމަ އޭނާ ހެދުން އަޅާ ގޮތަށެވެ.  

ބުނަންހެއްޔެވެ؟ އެއްވެސް މީހެއްގެ ބޭރުފުށަށް ބަލައިގެން އޭނާގެ ޙަޤީޤަތެއް ނުއެނގޭނެއެވެ. އޭނާގެ އެތެރެފުށުގެ ޙަޤީޤަތް އޮޅުންފިލުވަން އެބަޖެހެއެވެ. އެކަން ކުރެވެން އޮތް އެންމެ ފަސޭހަގޮތަކީ އޭނާގެ ޢާއިލާއާއިމެދު އޭނާ ކަންކަންކުރާ ގޮތް ބެލުމެވެ. ޢާއިލާއަށް ހެޔޮކޮށްހިތައި އިޙްތިރާމްކުރާމިންވަރު ބެލުމެވެ.  

އެކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭން އެބަޖެހެއެވެ. އެކަމަށް ސަމާލުކަންދޭން ކުރަން އޮތްކަމަކީ ރަސޫލް ޞައްލަﷲ ޢަލައިހި-ވަސައްލަމަގެ ޙަދީޘްފުޅު ބަލައިގަތުމެވެ. އެޙަދީޘްފުޅަކީ އެންމެ ރަނގަޅު މީހަކީ އެމީހެއްގެ ޢާއިލާއަށް އެންމެ ރަނގަޅު މީހާކަމަށް ކުރައްވަވާފައި އޮތް ޙަދީޘްފުޅެވެ.  

ކައިވެނި ނުކުރާތީ އަމިއްލަ ޢާއިލާއެއް ނެތްނަމަވެސް ކޮންމެ މީހެއްގެވެސް މައިންބަފައިން ނުވަތަ އަޚުންނާއި އުޚުތުން ތިބޭނެއެވެ. އެމީހުންނަށް އަޅާލައި އެހީތެރިވާ މިންވަރަށް ބަލާށެވެ!  

ދެން އޮތީ ކިތަންމެ ވަރަކަށް ބަލައިގެން ކައިވެނިކުރިނަމަވެސް ކޮންމެފަދަ ޙާލަތެއްވެސް ކުރިމަތިވެދާނެކަމެވެ. ފަހުން ކަންކަން ވާނެގޮތް ދެނެގަނެވޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. އަހުރެމެންނަށް ކުރެވެން އޮތް ހަމައެކަނި ކަމަކީ އެކަންކަން ބެލުމަށް ކީރިތި ޤުރްއާނާއި ސުންނަތުން ބެލުމަށް އަންގަވާފައިވާ ކަންކަން ބަލަން މަސައްކަތްކުރުމެވެ. ދެން އޮތްބައި ﷲ ތަޢާލާއަށް ވަކީލްކުރުމުން އަހުރެމެންގެ ދައުރު އެއޮތީ އަދާކުރެވިފައެވެ. އިން ޝާ ﷲ  

- އުސްތާޛާ ޔާސްމީން މުޤާހިދުގެ ދަރުސަކުން

މިއަދު އޮންލައިން