ޢާއިޝަތު ރަފާޙް ޢަލީ
އިންސާން ސޫރަތުގައި އަބްރާރުން (ހެޔޮލަފާ) މީހުންގެ ވާހަކަތައް ބަޔާން ކުރެއްވުމަށްފަހު އޭގެ ފަހުން ﷲ ތަޢާލާ ބަޔާން ކުރައްވަނީ ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަށް ވަޞިއްޔަތްތަކެކެވެ. ނުވަތަ ކަންތައްތަކެކެވެ.
އެގޮތުން:
· ކީރިތި ޤުރްއާން ވަކިވަކިން އެކަލޭގެފާނަށް ބާވައިލެއްވިކަން:
ﷲ ތަޢާލާ އިންސާން ސޫރަތުގެ 23 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
إِنَّا نَحْنُ نَزَّلْنَا عَلَيْكَ ٱلْقُرْءَانَ تَنزِيلًا ﴿٢٣﴾
މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް قرآن ވަކިވަކިކޮށް ބާވައިލެއްވީމެވެ. (23)"
· ކެތްތެރިވުން:
ﷲ ތަޢާލާ އިންސާން ސޫރަތުގެ 24 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
فَٱصْبِرْ لِحُكْمِ رَبِّكَ وَلَا تُطِعْ مِنْهُمْ ءَاثِمًا أَوْ كَفُورًا ﴿٢٤﴾
މާނައީ: "ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حكم ފުޅަށް، ކަލޭގެފާނު ކެތްތެރިވެވަޑައިގަންނަވާށެވެ! އަދި އެއުރެންގެ ތެރެއިން ފާފަވެރިޔަކަށް، ނުވަތަ كافر އަކަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ! (24)"
· ހެނދުނާ ހަވީރު ﷲ ތަޢާލާގެ އިސްމުފުޅު ހަނދުމަކުރުން:
ﷲ ތަޢާލާ އިންސާން ސޫރަތުގެ 25 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَٱذْكُرِ ٱسْمَ رَبِّكَ بُكْرَةً وَأَصِيلًا ﴿٢٥﴾
މާނައީ: "އަދި ހެނދުނާއި، ހަވީރު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسم ފުޅު ހަނދުމަކުރައްވާށެވެ! (25)"
· ރޭގަނޑު ﷲ ތަޢާލާއަށް އަޅުކަން ކުރުމުގައި ވަގުތު ހޭދަކުރެއްވުން:
ﷲ ތަޢާލާ އިންސާން ސޫރަތުގެ 26 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَمِنَ ٱلَّيْلِ فَٱسْجُدْ لَهُۥ وَسَبِّحْهُ لَيْلًا طَوِيلًا ﴿٢٦﴾
މާނައީ: އަދި ރޭގަނޑުން ބައެއްގައި، އެކަލާނގެއަށް ކަލޭގެފާނު سجدة ކުރައްވާށެވެ! އަދި ރޭގަނޑުގެ ދިގު ވަގުތުތަކުގައި، ކަލޭގެފާނު އެކަލާނގެއަށް تسبيح ވިދާޅުވާށެވެ! (26)